03 Jun 2024, 15:46
މަސްވެރިކަމުގެ އިލްމުގެ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކުރައްވައިފައިވާ އަދި އީޕީއެސް ސްކޫލުގެ ފަޚުރުވެރި ދަރިވަރެއް ކަމަށްވާ އަހުމަދު ޙާފިޒުގެ ހަނދާނުގައި އީޕީއެސް ފައުންޑޭޝަނުން އޭނާގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް މިއަދު ހުޅުވައިފިއެވެ.
މިކަމާ ގުޅިގެން މައުލޫމާތު ދެއްވަމުން އީޕީއެސް ފައުންޑޭޝަނުން ބުނީ މި ދަފްތަރު ހުޅުވައިލީ އޭނާގެ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކޮށް އޭނާގެ ޒިކުރާ އާކުރުމުގެ މަޤުސަދުގައި ކަމަށެވެ.
އަދި އޭނާގެ ހަނދާންތައް ލިޔެ އާއިލާއަށް ތައުޒިޔާ ވިދާޅުވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށް ވެސް އެ ފައުންޑޭޝަނުން ވަނީ ބުނެފައެވެ.
މި ދަފްތަރު ހުޅުވައިލީ ސީނިއާ އެސިސްޓެންޓު ޕްރިންސިޕަލެއްގެ ގޮތުގައި ޙާފިޒް ގިނަ ދުވަސްތަކެއްވަންދެން ޚިދުމަތް ކުރެއްވި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ހަނދާނީ ގެލެރީގައެވެ.
މި ކަމަށް ޚާއްސަކޮށް މިއަދު އޮތް ރަސްމިއްޔާތުގައި މި ދަފްތަރު އިފްތިތާހު ކޮށްދެއްވީ، މަރުޙޫމް ޙާފިޒް އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި ވުޒާރާކަމަށްވާ ފިޝަރީޒް މިނިސްޓްރީގެ ވަޒީރު އަހުމަދު ޝިޔާމެވެ.
ވަޒީރު ވަނީ އެ ރަސްމިއްޔާތުގެ ތެރެއިން ޙާފިޒަށް ތައުޒިޔާގެ މެސެޖެއް ލިޔުއްވައިފައެވެ

އަލް މަރުޙޫމް އަހުމަދު ޙާފިޒުގެ ހަނދާނުގައި އެ އީޕީއެސް ފައުންޑޭޝަނުން ތައުޒިޔާ ދަފްތަރެއް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން މިނިސްޓަރު ތައުޒިޔާގެ މެސެޖެއް ލިޔުއްވަނީ-- ސަން ފޮޓޯ: ނާއިޝް ނާހިދު
މަރްޙޫމް ޙާފިޒް ސަރުކާރަށް ޚިދުމަތްކުރައްވަން ފެށްޓެވީ 1981 މެއި މަހުއެވެ.
ޖުމްލަ 33 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައި ވާއިރު އޭނާ ވަނީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރިކްރިއޭޝަންގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަޤާމާއި ސަރުކާރުގެ އެކި ވުޒާރާތަކުގެ މަތީފަންތީގެ އެކި މަޤާމުތައް ފުރުއްވާފައެވެ.
މީގެ އިތުރުން މަސްވެރިކަމަށް ޚިދުމަތް ކުރުމުގެ ރޮނގުން 1991 ވަނަ އަހަރު އޭނާއަށް ވަނީ ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.