03 Jun 2024, 13:38
ލ. ކައްދޫގައި ސިފައިންގެ ފަރިތަކުރުން ފުރިހަމަކުރަމުން ދަނިކޮށް މިޔަރެއް ހަމަލާދީ ޒަޚަމުތަކަށް ފަރުވާ ހޯދަނިކޮށް ނިޔާވި ސިފައިންގެ އޮފިސަރު ލާންސްކޯޕްރަލް މުހައްމަދު ޒައިދާންގެ ޖަނާޒާ މިއަދުގެ އަސުރު ނަމާދަށް ފަހު އުފަން ރަށް ރ. އުނގޫފާރުގައި ބާއްވަން ނިންމައިފިއެވެ.
އުމުރުން 23 އަހަރުގެ ޒައިދާނަށް މިޔަރެއް ހަމަލާދީ ޒަޚަމުކޮށްލުމުން، އޭނާ ނިޔާވީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ރޭގެ 20:40 ހާއިރެވެ.
އޭނާގެ ކަށުނަމާދު އުފަން ރަށުގައި ބާއްވަން ވަނީ ނިންމައިފައެވެ. ކަށުނަމާދުކުރަން ހަމަޖެހިފައިވަނީ އަސުރު ނަމާދަށް ފަހު މަސްޖިދު އައްދުކްތޫރު އަފްރާޝީމް އަލީ (އިސްލާމީ މަރުކަޒު)ގައެވެ. މައްޔިތާއަށް ޒިޔާރަތްކުރުން 13:00 އިން 15:00 އަށް އުނގޫފާރުގެ އިސްލާމީ މަރުކަޒުގައި ކުރިއަށްދާނެއެވެ.
ޒައިދާނަށް މިޔަރެއް ހަމަލާދިނީ ލ. މާވަށު ކައިރީ މޫދުގައި ތަމުރީނުގެ ބައެއް ފުރިހަމަކުރަމުން ދަނިކޮށް ކަމަށް އެމްއެންޑީއެފުން މީގެ ކުރިން ވަނީ ބުނެފައެވެ.
"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގަމު ހޮސްޕިޓަލުގައި ޒައިދާނަށް ފަރުވާ ދިނީ އައިސީޔޫގައެވެ. އަދި، ހަމަލާގެ ސަބަބުން ވަރަށް ގިނައިން ލޭ އަޅަންޖެހުނު ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
މިޔަރު ގިނަވެ، މިޔަރު ހަމަލާދިނުމުގެ މައްސަލަތައް ވެސް ގިނަވެފައިވާތީ އެ ހިފަން ހުއްދަ ދިނުމާ މެދު ގޮތެއް ނިންމަން ދިރާސާއެއް ހަދަން ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ.
ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބު ވިދާޅުވީ، ރާއްޖޭގެ މިޔަރުގެ އާބާދީ މޮނިޓަރުކޮށް ބަލަހައްޓާ އެމްއެމްއާރްއައިގެ ދިރާސާތަކުން މިޔަރުގެ އާބާދީ އިތުރުވެއްޖެ ކަމަށް މިހާތަނަށް އަދި ބެލެވިފައިނުވާ ކަމަށެވެ.
ނަމަވެސް، މިޔަރުގެ ނުރައްކާ ބޮޑުވުމުގެ ކަންބޮޑުވުން އިންތިހާއަށް އޮތް މި ވަގުތުގައި، އެކަމާ ގުޅިގެން މިހާރު އަލުން އިތުރަށް ވަރުގަދައަށް ދިރާސާކޮށް، އެ ދިރާސާގެ އަލީގައި މިޔަރު މަސްވެރިކަން ހުޅުވައިލައި، މިޔަރު ހިފުން ހުއްދަކުރަން ފެނޭތޯ ނުވަތަ ނޫންތޯ ނިންމާނެ ކަމަށް ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރު ވިދާޅުވީ މިހާރު އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ، ކުރިން މިޔަރު ހިމާޔަތް ކުރެވުނީ 2010ވަނަ އަހަރު ހެދި ދިރާސާތަކުން އާދަޔާ ޚިލާފަށް މިޔަރު މަދުކަމަށް ދެއްކުމުން ކަމަށެވެ.