މަސްތުވާތަކެތި ކަމަށް ޝައްކުވާ ގިނަ އަދަދެއްގެ އެއްޗެއްސާއެކު މިރޭ ތިން މީހަކު ހައްޔަރުކޮށްފި އެވެ. މި ތިން މީހުން ހައްޔަރު ކުރީ ހ. މޭފްލާވާ އިންނެވެ.

ފުލުހުން ބުނީ އެ ތިން މީހުން ހައްޔަރު ކުރީ ކޯޓު އަމުރަކާއެކު ގޮސް މޭފްލާވާ ބަލައި ފާސްކުރުމަށްފަހު ކަމަށާއި މަޖީދީ މަގުގެ ގޯޅިއެއްގެ ތެރޭގައި ހުންނަ އެގޭގެ ތެރެއިން ފުލުހުން ހައްޔަރު ކުރި ތިން ފިރިހެނުންނަކީ ވެސް ދިވެހިން ކަމަށެވެ. އެމީހުންގެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށާއި މައްސަލައާ ގުޅޭ މައުލޫމާތު ހޯދަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި މޭފްލާވާ އިން ހައްޔަރު ކުރީ ހ. ފަހަލަ، އިސްމާއިލް އިނާސް ސައީދު 23، އާއި ހ. ރަންފަރު، ހަސަން ޝިފާނު 26، އާއި ސ. ފޭދޫ މުރިނގު، މުހައްމަދު މިއުޒާން 27، އެވެ. ފުލުހުން ބުނީ އެގެއިން އެމީހުންގެ އަތުން 621 ގްރާމްގެ ހެރޮއިން ކަމަށް ބެލެވޭ އެއްޗެއް ފެނުނު ކަމަށެވެ.

ފުލުހުން ވަދެ މޭފްލާވާ ބަލައި ފާސްކުރި އިރު ގިނަ އަދަދެއްގެ އާންމުން އެ ސަރަހައްދަށް އެއްވި ނަމަވެސް އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވެއެވެ.

މި އަހަރު ތެރޭގައި ވެސް ފުލުހުން ހިންގި ތަފާތު އޮފަރޭޝަންތަކުގައި މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ ތަކެއްޗާއި އެކު ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭގެތެރެއިން ބައެއް މައްސަލަތަކުގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ވަނީ ފޮނުވާފަ އެވެ.