03 Jun 2024, 14:03
ސްރީ ލަންކާއަށް ވަރަށް ބޯކޮށް ވާރޭ ވެހި، ފެން ބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 10 އަށް އަރައި ގެއްލުނު މީހުންގެ އަދަދު ހަޔަކަށް އަރައިފިއެވެ.
ބޯކޮށްވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ލަންކާގެ ސްކޫލްތައްވެސް ވަނީ ބަންދުކޮށްފައެވެ. ތައުލީމާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ސްކޫލްތައް އަލުން ހުޅުވޭނެ ތާރީޚެއް ކަނޑައަޅާނީ މޫސުމަށް ބަލައިފައި ކަމަށެވެ.
އާދީއްތަ ދުވަހުން ފެށިގެން ލަންކާގެ ގިނަ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ގެދޮރާއި ދަނޑުބިންތަކާއި މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދުތަކުން ކަރަންޓް ކަނޑައިލައިފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކުރެއެވެ.

އާދީއްތަ ދުވަހުން ފެށިގެން ލަންކާއަށް އަންނަނީ ވިއްސާރަކުރަމުން، ފޮޓޯ/އޭޕީ ނިއުސް
ލަންކާގެ މޫސުމާބެހޭ އިދާރާއިން ބުނީ ފެންބޮޑުވުމުގެ ސަބަބުން ވެރިރަށް ކޮލަމްބޯ އާއި ދުރުގައި އޮންނަ ރަތްނަޕޫރާ ޑިސްޓްރިކްޓްގައި ގެނބިގެން ހަ މީހަކު މަރުވެފައިވާ ކަމަށެވެ. އިތުރު ތިން މީހަކު ވަނީ އެމީހުންގެ ގޭގެ މައްޗަށް ގަލެއް ވެއްޓުމުގެ ސަބަބުން މަރުވެފައެވެ. އަދި އެކަކު މަރުވީ ގައި މައްޗަށް ގަހެއް ވެއްޓިގެން ކަމަށްވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
ހޯމަ ދުވަހުގެ ނިޔަލަށް 5،000 އަށް ވުރެ ގިނަ މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވާ ކަމަށާއި 400 އަށް ވުރެ ގިނަ ގެތަކަށް ގެއްލުން ލިބިފައިވާ ކަމަށް ކަމަށްވެސް މޫސުމާބެހޭ އިދާރާގެ ބަޔާނުގައިވެއެވެ.
މީހުން ސަލާމަތްކޮށް، ގެއްލުން ލިބުނު މީހުންނަށް ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ ތަކެތި ފޯރުކޮށްދިނުމަށް ލަންކާ ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މެއި މަހުގެ މެދުތެރެއިން ފެށިގެން ލަންކާއަށް އަންނީ ވިއްސާރަކުރަމުންނެވެ.