03 Jun 2024, 09:11
ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓްގެ ކްއާޓާ ފައިނަލުން އެންމެ ފަހު ޗެމްޕިއަން އަދި މި މުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ޕޯލަންޑްގެ އީގާ ޝްވާޓެކް ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ކްއާާޓާ ފައިނަލުން ޝްވާޓެކް ޖާގަހޯދާފައިވަނީ ހަތަރު ވަނަ ބުރުގައި އަނަސްޓާޗިއާ ޕޮޓަޕޯވާ އާއި ބައްދަލުކުރި މެޗު ސީދާ ދެސެޓުން ވަރަށް ފަސޭހަ ކަމާއެކު ކާމިޔާބު ކޮށްގެންނެވެ.
މި މެޗުގެ ދެ ސެޓު ވެސް އޭނާ ކާމިޔާބުކޮށްފައިވަނީ ހައެއް ސުމަކުންނެވެ. މި މެޗު އޭނާ ކާމިޔާބުކޮށްފައިވަނީ 40 މިނެޓުންނެވެ.
މިއީ ޝްވާޓެކް މިހާތަނަށް ކުޅުނު އެންމެ ކުރު މެޗެވެ. އަދި ރޯލަންޑް ގެރޯސްގައި ކުޅުނު ދެވަނައަށް އެންމެ ކުރު މެޗެވެ.
މި މުބާރާތުގައި ކުޅުނު އެންމެ ކުރު މެޗަކަށް ވެގެންދިޔައީ 1988 ވަނަ އަހަރުގެ ފައިނަލްގައި ނަޓާޝާ ޒުވަރޭވާގެ މައްޗަށް ސްޓެފީ ގްރާފް ކުރި ހޯދި މެޗެވެ.
މެޗަށްފަހު ވާހަަކަ ދައްކަމުން ޝްވާޓެކްވަނީ މި މެޗު މާ އަވަހަށް ނިމިއްޖެކަން ހާމަކޮށްފައެވެ. އަދި މި މެޗުގައި އޭނާއަށް ވަރަށް ރަނގަޅަށް ކުޅެވުނު ކަމަށާއި ޕޮޓަޕޯވާއަށް އެއްވެސް ފުރުސަތެއް މި މެޗުގައި ޝްވާޓެކް ދީފައެއް ނުވެއެވެ.
މި މެޗުގައި ދެއްކި މޮޅު ކުޅުމާއި މިފަހަރުގެ މުބާރާތްވެސް ކާމިޔާބު ކުރުން އެންމެ ގާތީ ޝްވާޓެކް ކަމުގައި އަންނަނީ ބުނެވެމުންނެވެ.
މި މުބާރާތުގެ ކުއާޓާ ފައިނަލްގައި ޝްވާޓެކް ބައްދަލުކުރާނީ ޗެކް ރިޕަބްލިކްގެ މާކެޓާ ވޮންޑްރޮއުސޯވާ އާއެވެ. އޭނާ މި މުބާރާތުގެ ކްއާޓާ ފައިނަލުން ޖާގަ ހޯދީ ހަތަރު ވަނަ ބުރުގައި ސާބިއާގެ އޮލްގާ ޑަނިލޮވިޗް އާއި ބައްދަލުކުރި މެޗު ހައެއް ހަތަރެއް އަދި ހައެއް ދެއަކުން ކާމިޔާބު ކޮށްގެންނެވެ.
މީގެ އިތުރުން އެމެރިކާގެ ކޯކޯ ގައުފްވެސް ވަނީ މިމުބާރާތުގެ ކްއާޓާ ފައިނަލުން ޖާގަހޯދައިފައެވެ. އޭނާ ކްއާޓާ ފައިނަލުން ޖާގަހޯދީ އިޓަލީވިލާތުގެ އެލީސަބޭޓާ ކޮޗިއެރޭތޯ އާއި ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށްގެންނެވެ.
އެއީ ހައެއް އެކެއް އަދި ހައެއް ދެއަކުންނެވެ. އަދި ކްއާޓާ ފައިނަލްގައި ގައުފް ބައްދަލުކުރާނީ އަށް ވަނައަށް ސީޑު ކުރެވިފައިވާ ޓިއުނީޝިއާގެ އޯންސް ޖެބުއާ އާއެވެ.
ޖެބުއާވަނީ ޑެންމާކްގެ ކްލާރާ ޓައުސަން އާއި ބައްދަލުކުރި މެޗު ހައެއް ހަތަރެއް އަދި ހައެއް ހަތަރަކުން ކާމިޔާބު ކޮށްފައެވެ.