މަޝްހޫރު ސުޕަމޮޑެލް ދެބެން ކަމަށްވާ ބެލާ ހަދީދް އަދި ޖީޖީ ހަދީދް އެކީގައި ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް އެއް މިލިއަން ޑޮލަރު ހަދިޔާކުރުމަށް ނިންމައިފިއެވެ.

ފަލަސްތީނު ބައްޕައެއްގެ ދެ ދަރިން ކަމަށްވާ ޖީޖީއާއި ބެލާ ދެބެން ވެސް ވަނީ ފަލަސްތީނުގެ އާންމުންނަށް އެހީވުމަށް ކޮންމެ މީހަކު 500،000 ޑޮލަރު ހަދިޔާކުރުމަށް ނިންމާފައެވެ. މި ފައިސާތައް ހަތަރު ޖަމިއްޔާއަކަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން. ދެބެންގެ ފަރާތުން ހަދިޔާ ކުރާ ފައިސާ ދާނީ "ހީލް ޕަލަސްޓީން"އާއި "ޕަލަސްޓީންސް ޗިލްޑްރެން ރިލީފް ފަންޑް (ޕީސީއާރުއެފް)"އާއި "ވޯލްޑު ސެންޓްރަލް ކިޗެން (ޑަބްލިއުސީކޭ)" އަދި "ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް އޭޖެންސީ ވޯކްސް (ޔޫއެންއާރުޑަބްލިއުއޭ)"އަށެވެ.

މި ޖަމިއްޔާތަކުން މައިގަނޑު ގޮތެއްގައި ފޯރުކޮށްދޭނީ ފަލަސްތީނުގެ ރައްޔިތުންނަށް ކާބޯތަކެތީގެ އިތުރުން ބޭސްފަރުވާއަށް ބޭނުންވާ ތަކެއްޗެވެ. އަދި، އޭގެ އިތުރުން ހާލުގައި ޖެހިފައި ތިބި އާއިލާތަކަށް ބޭނުންވާނެ ސައިކޯސޯޝަލް ސަޕޯޓު ފޯރުކޮށްދިނުމަށް ވެސް މި ޖަމިއްޔާތަކުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ފަލަސްތީނަށް އެތައް އަހަރެއް ވަންދެއް އިސްރައިލުން ދެމުންދާ ހަމަލާތަކާ ގުޅިގެން ބެލާއާއި ޖީޖީއަކީ އެކަމާ ދެކޮޅަށް އަޑު އުފުލައި އުޅޭ ދެ ޒުވާނުންނެވެ. އަދި، ޚާއްސަކޮށް ބެލާ މި ކަމުގައި ފާހަގަކުރެވެއެވެ. އެގޮތުން، ފަލަސްތީނަށް ދެމުންދާ ސަޕޯޓާ ގުޅިގެން އެކި ތަރިން ވަޒީފާއިން ކަނޑައި ބްރޭންޑް ޑީލްތަކުން ބޭރުކުރަމުން ދިޔަ ވަގުތެއްގައި ބެލާ މަސައްކަތް ކުރީ އިތުރަށް ފަލަސްތީނުގެ އަޑު މުޅި ދުނިޔެއަށް އިއްވާލުމަށެވެ.

ޖީޖީ ވެސް އެތައް އަހަރެއް ވަންދެއް ފަލަސްތީނުގެ ވާހަކަދައްކަމުން ދިޔައެވެ. ނަމަވެސް އޭނާގެ ދަރިފުޅަށް ނުރައްކާ ކުރާނެ ކަމަށް ބުނެ އިސްރާއިލް ސަޕޯޓަރުން ދައްކަމުން ދިޔަ ގިނަ ވާހަކަތަކާ ގުޅިގެން ޖީޖީ ފަލަސްތީނާ ގުޅޭގޮތުން ދެމުން ދިޔަ ސަޕޯޓުގެ އަޑުތައް ވަނީ މި ފަހަކަށް އައިސް މަޑު ކޮށްފައެވެ.