ޗައިނާގެ ޖައްވީ އުޅަނދު ޗަންގާ-6 ކާމިޔާބު ކަމާއެކު ހަނދުގެ ދުރު ފަރާތުގައި ފުރަތަމަ ފަހަރަށް ޖައްސައިފިއެވެ.

ޗައިނާގެ ނޭޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަން (ސީއެންއެސްއޭ) އިން ބުނީ އުޅަނދު ހަނދުގެ ދެކުނު ތަނޑީގައި ޖެއްސީ މިއަދު ޗައިނާ ގަޑިން ހެނދުނު 6:23ގައި ކަމަށެވެ.

ސީއެންއެސްއޭ އިން ބުނި ގޮތުގައި މިއީ، ހަނދުގެ، ދުނިޔެއާ ދުރު ފަރާތުގައި މިހާތަނަށް އެއްވެސް ޖައްވީ އުޅަނދެއް ޖެއްސި ފުރަތަމަ ފަހަރެވެ.

ސީއެންއެސްއޭއިން ނެރުނު ބަޔާނެއްގައި ބުނީ މި މިޝަންގައި އިންޖިނިއަރިންގެ ގިނަ އީޖާދުތަކާއި ބޮޑެތި ގޮންޖެހުންތަކާއި ދަތިތައް ދިމާވި ނަމަވެސް މިއީ ޗައިނާގެ އެރޯސްޕޭސް އިންޑަސްޓްރީއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ސީއެންއެސްއޭގެ ބަޔާނުގައި ބުނެފައިވާ ގޮތުން ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ޗަންގާ-6އިން ޑްރިލްއަކާއި ސްކޫޕެއް ބޭނުންކޮށްގެން ހަނދުގެ ބިމުން ގާތްގަނޑަކަށް 4.4 ޕައުންޑް (2 ކިލޯ)ގެ ހިލައާއި ފަސްގަނޑުގެ ސާމްޕަލް ނަގާނެއެވެ.

މި ސާމްޕަލްތައް ހަނދުގެ ސަރަޙައްދުން ވަށައިގެން ދަތުރުކުރާ އެހެން ޖައްވީ އުޅަނދަކާއެކު ބަނދަރުކުރާނެ އެސެންޓް ވެހިކަލަކަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި އުނދަގޫ މިޝަން ކާމިޔާބުވެއްޖެ ނަމަ ޗައިނާ ވާނީ އެމެރިކާ އާއި ސޯވިއެޓް ޔޫނިއަންއަށް ފަހު ހަނދުން ސާމްޕަލްތައް ނެގި ތިން ވަނަ ގައުމަށެވެ.

މި ތާރީޚީ ކާމިޔާބީގެ ސަބަބުން ޖައްވީ ދާއިރާގައި ޗައިނާގެ ދަރަޖަ އުފުލޭއިރު، ހަނދުގައި ދެމެހެއްޓެނިވި ގޮތެއްގައި ދެމިތިބުމަށް އެހެން ގައުމުތަކުން ކުރަމުންދާ މަސައްކަތްތައް ވެސް ދެން އިތުރުވާނެ ކަމަށް ބެލެވެއެވެ.

ކުރިއަށް އޮތް ދިހަވަރަކަށް އަހަރު ތެރޭގައި އެމެރިކާ، ޗައިނާ، ރަޝިއާ އަދި އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ހަނދުގައި މަރުކަޒުތައް ބިނާކޮށް، ހަނދުގެ ވަސީލަތްތަކުގެ ބޭނުން ހިފައި، މުސްތަގުބަލުގައި މާސްއަށް ދަތުރުކުރާ ފަޅުވެރިންގެ މިޝަންތަކަށް އެހީވުމަށް ރާވާފައިވެއެވެ.

ޗައިނާއިން ވެސް ވަނީ ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި އިންސާނުންނާ ނުލައި އިތުރު ތިން ދަތުރެއް ހަނދަށް ކުރުމަށް ރާވައިފައެވެ. އެ ދަތުރުތަކުގެ ބޭނުމަކީ ހަނދުން ފެން ހޯދުމާއި، ދާއިމީ މަރުކަޒެއް ހަނދުގައި ގާއިމް ކުރުމަށް މަސައްކަތް ކުރުމެވެ.

ޗައިނާއިން ގަސްތު ކޮށްފައިވަނީ އެ ގައުމުގެ އެސްޓްރޯނަޓުންނަށް 2030 ހިސާބުގައި ހަނދުގައި ތިބެވޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ.