02 Jun 2024, 21:57
ހއ. އުލިގަމުން ކާޑު ހުސްވުމުން، އެރަށަށް ކުޅުދުއްފުށީ ސިޓީން ކާޑު ގެންދަން ނިންމައިފިއެވެ.
މިއަދު "ސަން"އާ ވާހަކަ ދައްކަވަމުން އެސްޓީއޯގެ މީޑިއާ އޮފިޝަލް ޔޫސުފް ޝާހު ވިދާޅުވީ، އުލިގަމަށް ކާޑު ލިބެންދެން އެރަށަށް ބޭނުންވާ ކާޑު ވަގުތީގޮތުން ކުޅުދުއްފުށިން ގެންދަން ނިންމާފައި ވާކަމަށެވެ. އަދި މިތަކެތި މާދަމާ އެރަށަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އުލިގަމަށް ކާޑު ނުގެންދެވި، ކާޑު ހުސްވީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ. އަދި އެރަށަށް ބޭނުންވާ ކާޑު ވީހާވެސް އަވަހަށް ފޯރުކޮށްދޭން ކުންފުނިން މަސައްކަތް ކުރާކަމަށް ޝާހު ވިދާޅުވިއެވެ.
މީގެ އިތުރުން، އޭނާ ވިދާޅުވީ އުލިގަމުން ކާޑު ހުސްވުމުގެ ޝަކުވާތައް ވެސް ލިބިފައި ވާކަމަށެވެ.
މިކަމާ ގުޅިގެން މީގެ ކުރިން، އުލިގަމު ކައުންސިލުގެ ނައިބު ރައީސް އަސަދުﷲ މުހައްމަދު ވިދާޅުވީ އެސްޓީއޯއިން އެރަށަށް ކާޑު ގެންނަނީ އެންމެ އެމްބެސެޑަރެއް މެދުވެރިކޮށް ކަމަށެވެ.
އަދި މިހާރު ކާޑު ހުސްވުމުގެ ސަބަބުން އެ މައްސަލަ އާންމު ރައްޔިތުން ކައުންސިލަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވުއެވެ.
އޭނާ ވިދާޅުވީ އާންމުންގެ ކަންބޮޑުވުން މި ކަމުގައި ބޮޑުވެފައިވީ ނަމަވެސް ރަސްމީކޮށް ކައުންސިލަށް އަންގައިފައި އޮތީ އެންމެ ފަރާތަކުން ކަމަށެވެ.
އެ މައުލޫމާތު ލިބުމުން ކައުންސިލުގެ ފަރާތުން އެޖެންޓަށް ގުޅުމާއެކު އެ ރަށުން މި ވަގުތު ކާޑު ލިބެން ނެތްކަމަށް އެޖެންޓު ވިދާޅުވި ކަމަށް ވެސް އަސަދުﷲ މައުލޫމާތު ދެއްވިއެވެ.
މި މައްސަލަ ކައުންސިލަށް ހިއްސާ ކުރި ހިސާބުން ކައުންސިލުން ރަސްމީކޮށް އެސްޓީއޯގެ ސަމާލުކަމަށް އެކަން ގެނެސްފައިވާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.