02 Jun 2024, 22:12
ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއާއި ކަނޑުގެ ދިރާސާތަކަށް ފަންނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް, ޗައިނާގެ ޝާންޚާއީ އޯޝަން ޔުނިވާސިޓީން މިއަދު ޝައުގުވެރިކަން ފާޅުކޮށްފިއެވެ.
ރާއްޖޭގެ މަސްވެެރިކަން ކުރިއެރުވުމާ ގުޅޭ ގޮތުން، ފިޝަރީސް މިނިސްޓްރީން މިއަދު ވަނީ އެ ޔުނިވާސިޓީއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފައެވެ.
އެ ބައްދަލުކުރެއްވުމުގައި، ފިޝަރީސް މިނިސްޓްރީގެ ފަރާތުން ބައިވެރިވެޑައިގަތީ ސްޓޭޓް މިނިސްޓަރު ޑރ. އަމްޒަތު އަޙުމަދާއި ޑެޕިއުޓީ މިނިސްޓަރު އަޙުމަދު ޝާފިއުއެވެ. އަދި، ޝާންޚާއީ އޯޝަން ޔުނިވާސިޓިގެ ފަރާތުން ބައިވެރިވެޑައިގަތީ އެ ޔުނިވާސިޓީގެ ޗެއާމަން މރ. ވަންގް ހޮންޒޫއާއި އެ ޔުނިވާސިޓީގެ ބައެއް އިސްވެރިންނެވެ.
އެ ބައްދަލުވުމުގައި އެ ޔުނިވާސިޓީން ވަނީ، އުމްރާނީ ގޮތުންނާއި ފަންނީ ގޮތުން ރާއްޖޭގައި މެރިން ރިސާޗް އިންސްޓިއުޓް ތަރައްގީ ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ކަމަށް ބުނެފައެވެ.
އަދި، ރާއްޖޭގެ ޔުނިވާސިޓީގެ ދަރިވަރުން ތަމްރީނުކުރުމަށް އެ ޔުނިވާސިޓީން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، ޑިގްރީ ކޯސްތަކުގައި ކިޔެވުމަށް ދިވެހި ދަރިވަރުންނަށް ވަނީ ދައުވަތު ދީފައެވެ.
އޭގެއިތުރުން އެހީތެރިކަން ފޯރުކޮށްދޭ ކަންތައްތަކީ:
މެނޭޖްމަންޓް ދާއިރާއިންނާއި އެހެނިހެން ދާއިރާތަކުން މީހުން ތަމްރީނު ކުރުމަށް
- ފިޝަރީސް ކޮލެޖުގެ އެކި ދާއިރާތަކަށް
- ކޮލެޖުގެ ދަރިވަރުން ތަމްރީނު ކުރުމަށް
- ދިރާސާ ކުރުމަށް
- ކޮލެޖުގެ ލެކްޗަރާއިން ތަރައްގީ ކުރުމަށް
އެއާއެކު، ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާ ގުޅެ ގޮތުން މި ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.
މި ސަރުކާރުން ގާތް ގުޅުމެއް ބާއްވަމުން އަންނަ ޗައިނާގެ އެހީގައި، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ހޯދުމަށް އެގައުމާއެކު މަޝްވަރާކުރުމުގެ އިތުރުން މަސް ޕްރޮސެސް ކުރާ ފެކްޓަރީތަކެއް އެޅުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައިވެއެވެ.