އަންކަރާ (2 ޖޫން 2024): އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތަކާއެކު ހުޅަނގުން ގެންގުޅޭ އިންސާނީ ހައްގުތަކާއި ރޫލް އޮފް ލޯ އަދި ޑިމޮކްރަސީ ފަދަ މޮޅު ޝިއާރުތަކާއި ވެލިއުތައްވެސް މަރުވެއްޖެކަމަށާއި އެ ޝިއާރުތައް ދުނިޔޭގެ ގައުމުތަކަށް ވިއްކުމުގެ ފުރުސަތު ހުޅަނގުގެ ގައުމުތަކަށް ގެއްލިއްޖެ ކަމަށާއި އެކަން ބޮޑު ޖޯކަކަށް ވެއްޖެ ކަމަށް ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގަމުންގެންދާ ގަތުލުއާންމުތަކާ ދެކޮޅަށް ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވީ އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ގަތުލުއާންމުތައް ހިންގަމުން ގެންދަނީ ހުޅަނގުގެ ގިނަ ގައުމުތަކެއްގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުމާއި ހިމާޔަތާ އެކުގައި ކަމަށެވެ.

އިސްރާއީލުގެ ޖަރީމާތަކާ ދެކޮޅަށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓާ އަދި ބައިނަލްއަގްވާމީ އިންސާފުގެ ކޯޓުން ހަރަކާތްތެރިވާން ފެށުމުން އިސްރާއީލާއި އިސްރާއީލުގެ މުޖުރިމް ވެރިންގެ ހިމާޔަތުގައި އެކޯޓުތަކުގެ ފަނޑިޔާރުންނަށާއި މަސްއޫލުވެރި ފަރާތްތަކަށް ބިރު ދައްކައި އެބޭފުޅުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ގޮވާލުންފަދަ ނާތަހުޒީބު ގިނަ އަމަލުތަކެއް ހުޅަނގުގެ ގައުމުތަކުން ހިންގާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އުރުދުޣާން ވިދާޅުވީ ފަނޑިޔާރުގެއަށް އަތްބޭނުމާއި ނުފޫޒު ފޯރުވުމާ އަދި ފަނޑިޔާރުންނަށް ބިރުދެއްކުން ފަދަ ނާތަހުޒީބު ހުރިހާ އަމަލުތަކެއް ހުޅަނގުގެ ބޮޑެތި ބާރުތަކުން ހިންގަމުން ގެންދާއިރު އެގައުމުތަކަކީ ރޫލް އޮފް ލޯއަށް އިހުތިރާމުކުރާ ޑިމޮކްރެޓިކް ގައުމުތަކެއްތޯ ނުވަތަ އެއީ މުޖުރިމުން އުޅޭގޮތަށް އުޅޭ ގައުމުތަކެއްތޯ މިހާރުވަނީ ސުވާލު އުފެދިފައި ކަމަށެވެ.

އިސްރާއީލުވަނީ ފަލަސްތީނުގެ 15 ހާހަށްވުރެ ގިނަ ކުޑަކުދިން ޝަހީދުކޮށްލާފައި

އުރުދުޣާން ވިދާޅުވީ އިންސާނީ ހައްގުތަކާއި ރޫލް އޮފް ލޯ އަދި ޑިމޮކްރަސީ ގެނަމުގައި ހުޅަނގުން ޕްރޮޕަގެންޑާކުރާ މޮޅު ޝިއާރުތަކުގެ ހަގީގަތް މިހާރު ދުނިޔެއަށް އެނގިއްޖެކަމުގައެވެ. އޭނާ ދުނިޔޭގެ ގައުމުތަކަށް ގޮވާލެއްވީ ހުޅަނގުގެ މި މުނާފިގު އަދި ދެފުށް ދެގޮތް ޝިއާރުތަކާއި ވެލިއުތަކަށް ނުހެއްލުމަށެވެ. އަދި ހުޅަނގުގެ ގައުމުތަކުގެ ހަގީގަތް ދެނެގަނެ އަމިއްލަ ފައިމައްޗަށް ތެދުވަން މަސައްކަތްކުރުމަށް ވެސް އުރުދުޣާން ދުނިޔޭގެ ގައުމުތަކަށް ގޮވާލެއްވިއެވެ.

އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ގަތުލުއާންމުތަށް ހިންގާތާ އަށް މަސްވާއިރު އިސްރާއީލުގެ އެ ލާއިންސާނީ ޖަރީމާތަކަށް އެންމެ ބޮޑަށް ވާގިވެރިވެ އެހީތެރިކަމާއި އެއްބާރުން ދެނީ ހުޅަނގުގެ ބޮޑެތި ބާރުތަކުންކަމަށް އުރުދުޣާން ވިދާޅުވިއެވެ. މިފަދަ ގައުމުތަކުން އިންސާނީ ހައްގުތަކާއި ރޫލް އޮފް ލޯ އަދި ޑިމޮކްރަސީގެ ނަމުގައި ދެން ދައްކާނެ ވާހަކައެއް އަދި އުފުލާނެ ޝިއާރެއް ނޯންނާނެކަމަށާއި މި ޝިއާރުތައް ޣައްޒާގައި އިސްރާއީލު މަރާ އާންމުންނާއެކު މިހާރު މަރުވެފައިވާކަމަށް އުރުދުޣާން ވިދާޅުވިއެވެ.

އިސްރާއީލާ ދެކޮޅަށް އެމެރިކާއާއި ޔޫރަޕްގެ ޔުނިވާސިޓީތަކުގެ ކިޔަވާކުދިން ނުކުމެ ސުލްހަވެރި މުޒާހަރާތައް ކުރަންފެށުމުން ބާރުގެ ބޭނުންކޮށްގެން އެކަން ހުއްޓުވަން އެގައުމުތަކުގެ ސަލާމަތީ ބާރުތަކުން މަސައްކަތްކުރީ ޑިމޮކްރަސީ އާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ކޮން އުސޫލެއްގެ ދަށުންތޯވެސް އުރުދުޣާން ސުވާލު ކުރެއްވިއެވެ.

އެމެރިކާގެ ކޮންގްރެސްގެ 12 މެންބަރަކުވަނީ އިސްރާއީލުން ހިންގާ ގަތުލުއާންމުތަކުގެ ދިފާއުގައި އަދި އިސްރާއީލުގެ ހިމާޔަތުގައި ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ ފަނޑިޔާރުންނަށާއި ޕްރޮސެކިއުޓަރަށް ބިރުދެއްކުމުގެ ލިޔުންތަކެއް ފޮނުއްވާފައެވެ.

މީގެއިތުރުން އެމެރިކާގެ ކޮންގްރެސްގެ ހަރުކަށި ބައެއް މެންބަރުންވަނީ އިސްރާއީލުގެ ވެރިންގެ މައްސަލަތައް ބަލާނަމަ ބައިނަލްއަގްވާމީ ކޯޓުގެ ޕްރޮސެކިއުޓަރާއި ފަނޑިޔާރުން ދާންޖެހޭނީ ނަރަކައަށް ކަމަށް ވިދާޅުވެ ވަރަށް ހުތުރު ބަހުން އެބޭފުޅުންނާ ދެކޮޅަށް ބަޔާންތައް ދެއްވާފައެވެ.