02 Jun 2024, 13:43
ހއ. އުލިގަމުން ކާޑު ހުސްވެ އެރަށުގެ ރައްޔިތުން ކާޑަށް ޖެހިއްޖެއެވެ.
މިކަމާ ގުޅިގެން މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލުގެ ނައިބު ރައީސް އަސަދުﷲ މުހައްމަދު ވިދާޅުވީ އެސްޓީއޯ މެދުވެރިކޮށް އެރަށަށް ކާޑު ގެންނަނީ އެންމެ އެމްބެސެޑަރެއް މެދުވެރިކޮށް ކަމަށެވެ.
އަދި މިހާރު ކާޑު ހުސްވުމުގެ ސަބަބުން އެ މައްސަލަ އާންމު ރައްޔިތުން ކައުންސިލަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވުއެވެ.
އޭނާ ވިދާޅުވީ އާންމުންގެ ކަންބޮޑުވުން މި ކަމުގައި ބޮޑުވެފައިވީ ނަމަވެސް ރަސްމީކޮށް ކައުންސިލަށް އަންގައިފައި އޮތީ އެންމެ ފަރާތަކުން ކަމަށެވެ.
އެ މައުލޫމާތު ލިބުމާއެކު ކައުންސިލުގެ ފަރާތުން އެޖެންޓަށް ގުޅުމާއެކު އެ ރަށުން މި ވަގުތު ކާޑު ލިބެން ނެތްކަމަށް އެޖެންޓު ވިދާޅުވި ކަމަށް ވެސް އަސަދުﷲ މައުލޫމާތު ދެއްވިއެވެ.
އެ މައްސަލަ ކައުންސިލަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހުކަން ވެސް އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.
މި މައްސަލަ ކައުންސިލަށް ހިއްސާ ކުރި ހިސާބުން ކައުންސިލުން ރަސްމީކޮށް އެސްޓީއޯގެ ސަމާލުކަމަށް އެކަން ގެނެސްފައިވާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
އެސްޓީއޯއިން ވެސް އެ ރަށަށް ކާޑު ސަޕްލައި ކުރުމަށް މަސައްކަތް ކުރަމުން ގެންދާކަން އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ. އަދި މިހާރު ވިއްސާރަ ކުރާތީ ކަނޑުދަތުރުފަތުރު ކުރުމުގައި ދަތިތަކެއް ހުރިކަން އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.
އޭނާ ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ކާޑު ވަރަށް އަވަހަށް ރަށުން ލިބޭނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
"އެސްޓީއޯ އިން ވިދާޅުވި ވަރަށް އަވަހަށް ސަޕްލައި ކުރުމުގެ މަސައްކަތްތައް ކުރަމުން ގެންދާ ކަމަށް،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތް ދެތިން ދުވަސްތެރޭ މައްސަލަ ހައްލުވާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.