ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ލިބުމުން އެއީ ފަލަސްތީނުގެ ދައުލަތަށް ދުނިޔޭގެ ތާއީދު އިތުރުވެފައިވާކަމުގެ ނިޝާނެއް ކަމަށް ވިދާޅުވެ، ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު މަރުހަބާ ވިދާޅުވެއްޖެއެވެ.

ވޯލްޑް ހެލްތު އެސެމްބްލީގައި ނިންމި މި ނިންމުމާއެކު، ވޯޓުލުން ފިޔަވާ، އެހެން ގައުމުތަކަށް ލިބިދޭ ހުރިހާ ހައްގެއް ފަލަސްތީނަށް ވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގައި ލިބިގެންދާނެއެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ، 77 ވަނަ ވޯލްޑް ހެލްތް އެސެމްބްލީން ފަލަސްތީނުގެ ދައުލަތް އެ އެސެމްބްލީގައި ބައިވެރިވުމާއި އދ. ގައި ބައިވެރިވުމާ އެއްގޮތްކުރުމަށް ނިންމި ނިންމުމަށް ރާއްޖެއިން މަރުހަބާ ކިޔާ ކަމަށެވެ.

އަދި އެ ގަރާރަށް ތާއީދުކޮށް ޑަބްލިއުއެޗްއޯގައި ފަލަސްތީނުގެ ހައްގުތައް އިތުރުކުރި 101 ގައުމުގެ ތެރޭގައި ރާއްޖެ ވެސް ހިމެނޭކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެއީ ފަލަސްތީނުގެ ފުރިހަމަ ދައުލަތަށް ދުނިޔޭގެ ތާއީދު އިތުރުވެފައިވާކަމުގެ ނިޝާނެއް ކަމަށެވެ.

"މި ގަރާރަށް އަޅުގަނޑުމެން ތާއީދުކުރަން ނިންމީ، ފަލަސްތީނުގެ ރައްޔިތުންނަށް ދައުލަތެއްގެ ހައިސިއްޔަތު ނުލިބި އޮތް ހައްގަށާއި، ބައިނަލްއަގްވާމީ ޖަމާއަތްތަކުގެ ފުރިހަމަ މެންބަރުކަމަށް ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ތާއީދުކުރާތީ،" ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދެކޭގޮތުގައި މިއީ ދެމެހެއްޓެނިވި ސުލްހައަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް،"

77 ވަނަ ވޯލްޑް ހެލްތު އެސެމްބްލީ: ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ލިބުން -- ފޮޓޯ/ އެކްސް: ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް

މިކަމާ ގުޅިގެން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، 77 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގައި ރާއްޖެއިން ކޯ-ސްޕޮންސާކޮށް ވޯޓު ދީފައި ވަނީ އދ. ގައި ފަލަސްތީނުގެ ދައުލަތް ބައިވެރިވުމާ އެކު ޑަބްލިއުއެޗްއޯގައި ބައިވެރިކުރުމާ އެއްގޮތްކުރުމަށް ހުށަހެޅި ގަރާރަށް ތާއީދުކޮށް ކަމަށެވެ.

އެކަމުން ވެސް އެނގިގެންދަނީ ދުނިޔޭގެ ބޮޑު ބައެއް ފަލަސްތީނަށް ތާއީދުކުރާކަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ، ފަލަސްތީނުގެ ދައުލަތަށް މިހާރު މެންބަރު ގައުމުތަކުގެ މެދުގައި ގޮނޑިއެއް ލިބި، ބަޔާން ހުށަހެޅުމާއި، ހުށަހެޅުންތަކާއި އިސްލާހުތައް ހުށަހެޅުމުގެ އިޚުތިޔާރު ލިބިގެންދާނެ ކަމަށެވެ.

ހަތްދިހަ ހަތް ވަނަ ވޯލްޑް ހެލްތު އެސެމްބްލީ ކުރިއަށް ދިޔައީ ސްވިޒަލޭންޑުގެ ޖެނީވާގައެވެ. ސަތޭކަ ނުވަދިހަ ދެ ގައުމެއްގެ ހެލްތު މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވި މި އެސްމްބްލީގައި ރާއްޖޭގެ ފަރާތުން ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލު ބައިވެރިވެވަޑައިގެންފައިވެއެވެ.

އިސްރާއީލު ފައުޖުތަކުން ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތާކުގައި މިހާތަނަށް ގާތްގަޑަކަށް 36،200 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު ވަނީ 81،700 އަށް ވުރެ މައްޗަށް އުފުލިފައެވެ.