02 Jun 2024, 09:24
"އޭތް. މަ އުޅޭ ގޮތް އެނގޭނީ މަށަށް." އިޝްފާން ހަޅޭއްލަވައިގަނެފައި ގޮސް ސިޑިން މައްޗަށް އެރިއެވެ.
ވާފިރަށް ބުނާނެ އެއްޗެއް ނޭނގިފައި އިނދެވުނުއިރު، ފަތުޙީއަށް ދެފަރާތަށް ބޯ ހޫރާލުން ދިޔަވާ އިތުރުކަމެއް ނުކުރެވުނެވެ.
އިޝްފާން ޓެރެސްއަށް އެރިއިރު, ސަވާ ހުރީ ފޯނެއްގައެވެ. އޭނާ ފެނުމާއެކު, ނިކަންއަވަސް އަވަހަށް ސަވާ ފޯނު ކަނޑާލައިފިއެވެ.
"އިޝްފާން… ކީކުރަނީ މިތާ؟" ވަގު ހިފުމުން ވާހަކަ ދައްކާފަދަ ޖެހިލުންވުމެއް ސަވާގެ އަޑުން ހާމަަވަމުން ދިޔައެވެ.
"ދޮންތަބޭއެއް ލިބެން އުޅެނީ ދޯ." ސަވާ އެ ވާހަކަ ދެއްކީ ކާކާކަންޔަޤީންވާ ފަދައަކުން އިޝްފާން ބުނެލިއެވެ. ސަވާ ހިނިތުންވެލިއެވެ. އިޝްފާންގެ ކައިރީގައި އެ ވާހަކަ ބުނަންވީ ވަގުތު އައިސް ޖެހުނީއޭ ހިތާ ސަވާ އޭނާގެ ލޯބިވެރިއެއް ހުންނަ ވާހަކަ ހިއްސާކުރިއެވެ.
"ކޮންތާކު އުޅެނީ؟ ކޮން މަސައްކަތެއް ކުރަނީ އޭނަ..." ސަވާގެ ވާހަކަ އަޑު އަހަން ހުރި އިޝްފާން އެ ސުވާލުކޮށްލިއިރު އޭނާގެ އަޑުގައިވަނީ ސިީރިއަސްކަމެވެ.
"ލޯޔަރެއް. އަމިއްލަ ވިޔަފާރިއެއް އޮވޭ." ސަވާ ބުނެލިއެވެ.
"އެހެންވިއްޔާ ފަތުޙީ ގަބޫލުވާނެ." އިޝްފާން ބުނެލިއެވެ.
"އިޝްފާން ބައްޕައެއްނު އެއީ." ސަވާ ދެލޯ އަޅާލިއެވެ. ދެމީހުން އިރުކޮޅަކު ވާހަކަ ދައްކަން ތިބެފައި ސަވާ ތިރިއަށް ދާންވެގެން މިސްރާބުޖެހިއެވެ. ޓެރެސްގެ ދޮރު ހުޅުވާލާފައި އޭނާ ނުކުތް ވަގުތު، ވަދެގެން އައި މީހަކުގެ ގައިގައި އަޅައިގަތެވެ. މީހާ ބެލެންސްކޮށްލެވުމުން ނުވެއްޓި ސަލާމަތްވީ ނަމަވެސް, ސަވާގެ ހިތް ދިޔައީ އިންތިހާ ބާރުމިނުގައި ތެޅެމުންނެވެ. މޭގައި އަތް އަޅާލާފައި ފުންނޭވާއެއް ދޫކޮށްލަމުން އިސް އުފުލާލާ ބަލައިލިއިރު، ހުރީ ވާފިރެވެ.
"ވާފިރުބޭ. ޓެރެސްއަށް ދޯ." ސަވާ ހިނިތުންވެލިއެވެ. ސަވާގެ ސޫރަ އެހާ ގާތުން ފެނުމުން ވާފިރަށް ސަވާއަށް ބަލަހައްޓައިގެން ހުރެވުނެވެ. އެ އަންހެންވަންތަކަން އޭނާއަށް ވަރަށް ކަމުދިޔައެވެ.
"އާނ. ދަނީތަ؟ ހިނގާބަލަ ވާހަކަ ދައްކާލަން އަހަންނާއެކު ޓެރެސްއަށް." ވާފިރު ފުރުސަތުގެ ބޭނުން ހިފާ ވާހަކަ ދެއްކީ ސަވާއާއެކު ވަގުތު ހޭދަކުރަން ބޭނުންވެފައިވާ ފަދައަކުންނެވެ. އޭނާއާ ސަވާއާ ދައްކަން ޖެހޭ މާ ބޮޑު ވާހަކައެއް ނެތްނަމަވެސް، ވާފިރު ބޭނުންވީ އޭނާގެ ހިތުގެ އެދުން ހާސިލްކުރުމަށެވެ.
"މިވަގުތު ގޮސްލަން އެބަ ޖެހޭ…" ވާފިރު އޭނާއާ އެހާ އާދައިގެ ގޮތަކަށް ވާހަކަ ދެއްކުމުން ސަވާއަށް ކޮންމެވެސް ވަރެއްގެ ހައިރާންކަމެއް ލިބިގެން ދިޔައެވެ.
ސަވާ ތިރިއަށް ފޭބި މަންޒަރު ބަލަން ހުރި ވާފިރުގެ ބެލުމުގައި ވަނީ ދަހިވެތިކަމާއި މަސްތުކަމެކެވެ. ސަވާ ޖަހާފައި ހުރި ސެންޓްގެ ވަސްވެސް ހީވަނީ އޭނާގެ ނޭފަތުގައި ހަރުލާފައި ހުރިހެންނެވެ. ނޭފަތް އެތެރެއަށް ދަމައިލުމާއެކު، ވާފިރު ހިނިތުންވެލިއެވެ.
*****
ހަވީރުގެ ވަގުތެކެވެ. ފެންވަރާލައިގެން ނުކުތުމަށްފަހު، ސަވާ މިރެއަށް ޚާއްސަކުރެވިފައިވާ ހެދުން ލިއެވެ. އެއީ މަޑުމަޑު ދަނބުކުލައެއްގެ ސެޓިން ފޮތިން ފަހާފައިވާ ޕާޓީ ގައުންއެކެވެ. ގަޔަށް ހެޔޮ ވަރަށް ހުރި ހެދުމުގެ ބަނޑަށް ވުރެ ތަންކޮޅެއް މައްޗަށް ވާ ގޮތަށް އައްސާލެވިފައިވާ ބަންދުވަނީ ވިދާ ޒާތުގެ މިނާތަކަކުން ޒީނަތްތެރިކޮށްލާފައެވެ. ލުއި މޭކަޕެއްކޮށްލާފައި ތުންފަތުގައި މަޑު ފިޔާތޮށިކުލައެއް ޖައްސާލުމުން ސަވާގެ ރީތިކަންވަނީ ދެގުނަކޮށްދީފައެވެ. އިސްތަށިގަނޑުގައި ފުނާ އަޅާ ނިންމާލާފައި ގަޔަށް ސެންޓް ޖަހާލާފައި އަދިވެސް އެއްފަހަރު އޭނާ ލޯގަނޑުން އަމިއްލަ މީހާގެ ސޫރައަށް ބަލައިލިއެވެ. އިސްތަށިގަނޑު އޮތްގޮތާ މެދު ހިތްހަމަނުޖެހުމުން އަލުން ފުނާއަޅާލިއެވެ.
ހިތްހަމަޖެހޭވަރުމުން ކޮނޑުގައި އަޅުވާ ދަބަސް ނަގާ ޑްރެސިންޓޭބަލް މަތީގައި ބާއްވާފައް ވޮލެޓު ނަގާ ދަބަސް ތެރެއަށް ލިއެވެ. އެއަށްފަހު، ކޮޓަރިން ނުކުތެވެ. ފޯނު ރިންގްވީ އެވަގުތެވެ.
"ހެލޯ އާލް. މިދަނީ އޭ." ގުޅީ ސަވާގެ އެކުވެރިއެކެވެ. އޭނާ އެ ފޯނަށް އިޖާބަދެމުން އެހެން ބުނެލާފައި ގޮސް ސިޑިން ފޭބިއެވެ.
"ދަރިފުޅު ދަނީ ދޯ. ހާދަ ރީއްޗޭ!" މަދީހާއަށް ސަވާ ފެނުމާއެކު ތަޢުރީފްނުކޮށެއް ނުހުރެވުނެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ ސަވާ މިރޭ އިންތިހާ ރީއްޗެވެ.
"ތެންކިއު މަންމާ…" ސަވާ މަދީހާގެ ގައިގައި ކުޑަކޮށް ބައްދާލާފައި ބުނެލިއިރު، އެ ތުންފަތް މަތީގައިވަނީ ލުއި ހިނިތުންވުމެކެވެ.
"ކައިވެނިކުރާ ދެކުދިންނަށްވެސް މަންމަގެ ހެޔޮ ދުޢާ އާ ސަލާމަ ބުނެދެއްޗޭ. ދަރިފުޅުވެސް ކައިވެނިކުރާތަން ދެކެން މަންމަ އެންމެ ބޭނުންވަނީ މިހާރު." މަދީހާ އޭނާގެ ހިތުގެ އެދުން ސަވާގެ ކުރިމަތީގައި ހާމަކޮށްލިއެވެ.
"ތިކަންވެސް އިންޝާ ﷲ ފުރިހަމަވެދާނެ.... ވަރަށް އަވަހަށް.... ދެން ދަނީ." މަދީހާއަށް ކުޑަ އިޝާރާތެއް ކޮށްލާފައި އިތުރު އެއްޗެއް ބުނާނެ ފުރުސަތު ނުދީ ސަވާ ބެލީ އެތަނުން ދެވޭތޯއެވެ. އެހެން ބުނެލިއިރު އޭނާ ކުޑަކޮށް ލަދުގަތްފައި ހުރީތީއާވެސް އެކުގައެވެ.
"ދަރިފުޅާ…" ހައިރާންވެފައި މަދީހާއަށް ސަވާއަށް ގޮވާލެވުނެވެ.
"ލަސްވެއްޖެ މަންމާ. މިހާރު އާލް ހުންނާނެ މަޑުކޮށްގެން…" އެހެން ބުނެލާފައި ބާރު ފިޔަވަޅުތަކެއްގައި ގޮސް އެޕާރޓްމެންޓް ދޮރުން ނުކުތްއިރު، ސަވާގެ ތުންފަތްމަތީގައި ވެސް ވަނީ ފުޅާ ހިނިތުންވުމެކެވެ. ކޮންމެވެސް ގޮތަކުން މަންމަ ގާތުގައި އެވާހަކަ ބުނެވުނު އިޙްސާސްއާއެކު، އެހިތަށް ހަމަޖެހުމެއް ލިބުނެވެ. ނުސީދާގޮތަކުން ވެސް އޭނާ ބުނި ވާހަކަ މަންމައަށް އެނގިއްްޖެކަން ސަވާއަށް ފަހުމްވިއެވެ.
ލިފްޓު ހުޅުވުމާއެކު، އެތެރޭގައި ހުރި ވާފިރުގެ ލޮލުގައި ސަވާ އަޅައިގަތުމުން އޭނާއަށް ސަވާއަށް ބަލަހައްޓައިގެން ހުރެވުނެވެ.
"ވާފިރުބޭ. ނުފައިބަނީތަ؟ ވާފިރު އޭނާއަށް ބަލަން ހުރިގޮތުން ސަވާގެ ނަފްސަށް އުނދަގޫކަމެއް ވެރިވިއެވެ. އޭނާ ހެދުމުގައި ހިފާ ރަނގަޅުކޮށްލަމުން ދުރުބަލާލިއެވެ.
"އުހުމް. ސަވާ ލޯބިކަމުން." ވާފިރުގެ އެ ޖުމްލައާއެކު، ސަވާ ވާފިރަށް ބަލާލިއެވެ. އޭނާގެ ދެބުމަ ގޮށްޖެހިގެން ދިޔައީ ގަސްތަކު ނޫނެވެ. ވާފިރުގެ އަޑުގައިވި އަސަރުން އެކަނިވެސް އޭނާގެ ނިޔަތް ރަނގަޅުނޫންކަން ސަވާއަށް ފަހުުމްވިއެވެ. ސަވާގެ ރުޅިވެރި ނަޒަރު ވާފިރަށް އަމާޒުވުމުންވެސް އޭނާ ޖެހިލުމެއްނުވިއެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލުމާއެކު، ސަވާގެ ފައިން ފެށިގެން ބޮލަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. އެ ނަޒަރުން އުނދަގޫވެފައިހުރި ސަވާ ލިފްޓުން ނުކުންނާށޭ ބުނެ ވާފިރަށް ބަލާލިއެވެ.
ވާފިރު ލިފްޓުން ނުކުތުމުން ސަވާ ލިފްޓަށް އަރަން އުޅުނުވަގުތު، ވާފިރު އޭނާގެ އުނަގަނޑުގައި އަތް ޖައްސާލާފައި އެ އަތުގައި ބީހިލިއެވެ. އެފަދަ ކަމަކަށް ނުވިސްނާ ހުރި ސަވާ ދިޔައީ ސިއްސައިގެންނެވެ.
"އޭތް." އޭނާއަށް ވާފިރާ ދިމާލަށް ބާރަށް ބުނެވުނެވެ.
"ލޯބިކަމުން." ވާފިރު މަޑުމަޑުން ބުނެލިއެވެ. ރުޅިއައިސް ރަތްވެފައިހުރި ސަވާ ލިފްޓުން ތިރިއަށް ދިޔައިރު ތުރުތުރުއަޅައެވެ. އޭނާގެ ހިތަށްވަނީ ބިރުވެރިކަމެއް ވެރިވެފައެވެ. ވާފިރުގެ ނިޔަތް ރަނގަޅު ނޫންކަން އެނާއަށް ޔަޤީނެވެ. ކުރީ ރޭ ވާފިރުގެ އަމަލުތައް އެގޮތަށް ހުއްޓެއްކަމަކު މިރޭ އެކުރި ފަދަ ކަމެއް އެހާ ފާޅުކަން ބޮޑު ގޮތެއްގައި ކޮށްފާނެޔެކޭ އޭނާއަށް ހީކުރެވިފައެއް ނުވެއެވެ. ފުއާދުގެ އެ އަމަލުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރުވެސް އޭނާއަށް އެނގުނެވެ. ރެއިން ފަށައިގެން ސީސީޓީވީއަށް ދިމާވި މައްސަލަ ހައްލުނުކުރެވޭތީ ވާފިރު އެ ނެގީ އެކަމުގެ ފައިދާއެވެ. ސަވާ ބޭނުންވަނީ އޭނާއަށް ވާފިރުގެ ފަރާތުން ފޯރި ގޯނާތައް ވީ އެންމެ އަވަހަކަށް އޭނާގެ މައިންބަފައިންގެ ސަމާލުކަމެއް ގެންނާށެވެ. ކިތަންމެ ޖެހިލުންވިޔަސް، ކިތަންމެ ބިރުގަތަސް އެއީ އެކަން ކުރުން އޮތް އެންމެ ރަނގަޅުގޮތްކަމުގައި ސަވާ އޭނާގެ ސިކުނޑިއަށް ވިސްނައިދޭން މަސައްކަތްކުރަމުން ދިޔައީ ދެން އަންނާނެ ތޫފާނެއް އަންދާޒާވެސް ކޮށްނުލެވޭ ޙާލުގައެވެ.
ސިޑިން ތިރިއަށް ފޭބިއިރު، ސަވާގެ ލޯބިވެރިޔާ ރީހާން އޭނާގެ އިންތިޒާރުގައި ކާރުގައި އިނެވެ. ސަވާގޮސް ކާރަށް އެރުމާއެކު ރީހާން ސަވާއަށް ތަޢުރީފްކުރަން ފެށިއެވެ. ސަވާ ލަދުން އިސްޖަހާލިއެވެ.
ދަރުބާރުގެއާ ދިމާލަށް ދިޔުމަށް ރީހާން ކާރުދުއްވާލިއެވެ. ދެންމެ ވީކަންތައް ހަނދާނަށް އައުމާއެކު ސަވާގެ ތުންފަތްމަތީގައިވި ހިނިތުންވުން ފަނޑުވިއެވެ. އެކަމާ ރީހާން ސުވާލުކުރުމުން ސަވާ ބޭނުންވީ އޭނާގެ ހިތުގެ އުދާސްތައް ރީހާންގެ ކުރިމަތީގައި ބަންޑުންކޮށްލަން ނަމަވެސް، އެކަމާ އޭނާ ޖެހިލުންވަނީއެވެ. ކަންބޮޑުވަނީއެވެ. އެފަދަ ވާހަކައެއް އަޑު އިވުމުން ރީހާން މަޑުން ނުހުންނާނެކަން ސަވާއަށް އެނގެއެވެ. އޭނާ އެންމެ ޖެހިލުންވަނީ ވާފިރަކީ އާއިލާގެ މީހަކަށްވީތީއެވެ. ބައްޕަ އެހާ ލޯބިވާ ކޮއްކޮއަކަށް ވާފިރު ވާތީއެވެ. ވާފިރުގެ އަމަލުތައް އަދިވެސް ސަވާއަށް ގަބޫލުކުރަން ދަތިވަނީއެވެ. އެ ވާހަކަތައް މަންމަމެން ކައިރީގައި ބުންނަން ބޭނުންވި ނަމަވެސް، ދައްކާނީ ކިހިނަކުން ހެއްޔެވެ؟ ބުނާނީ ކީކޭ ހެއްޔެވެ؟ ހިތުގައި ދައްކާނެ ވާހަކަތައް ރަނގަޅަށް ރާވާނުލެވިގެން އުޅޭއިރު އެ ވާހަކަތައް ދުލާ ހިސާބަށް ގެންނަން އަދި ކިހާ އުނދަގޫ ވާނެ ހެއްޔެވެ؟
ސަވާގެ ހިމޭންކަން ރީހާންއަށް އުނދަގޫކުރަން ފެށިއެވެ. އޭނާ ސުވާލުކުރުމުން ސަވާ އެހެން ވާހަކައެއް ފެށުމުން، އޭނާ އެ ކަންބޮޑުވުން މި ވަގުތު ހާމަކުރަން ބޭނުން ނުވަނީކަން ރީހާންގެ ވިސްނުންތޫނު ސިކުނޑިއަށް ނަގައިގަނެވުމާއެކު، އޭނާވެސް އިތުރަށް އެ މައުލޫއަށް ވާހަކަ ދެއްކުން ފަސްކޮށްލިއެވެ. ސަވާއަށް ފެނުމުން އެ ވާހަކަތައް ހިއްސާކުރާނެކަން ރީހާންއަށް އެނގޭތީއާވެސް އެކުގައެވެ.
"އެހެންވިއްޔާ ސްމައިލްކޮށްލަބަލަ. އިންޝާ ﷲ. ސޫން އަހަރެމެންގެ ކައިވެނިވެސް ކުރެވިގެން ދާނެ. އޭރުން ސަވާ ވާނީ ހަމައެކަނި އަހަރެން މީހަކަށް. އަހަރެންގެ ހައްޤަކަށް." ސަވާއަށް ބަލާލަމުން ރީހާން ބުނެލުމާއެކު، ސަވާގެ ތުންފަތް މައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. މަދީހާ ކައިރީގައި ނުސީދާކޮށް އެ ދެމީހުންގެ ވާހަކަ ބުނި ވާހަކަ ރީހާންއާ ސަވާ ހިއްސާކޮށްލިއެވެ.
"އަސްލުތަ؟ އައި ކާންޓް ވެއިޓް ޓު މީޓް ދެމް." ރީހާން ސަވާގެ އަތުގައި މަޑުމަޑުން ހިފާލިއެވެ. އަދި އެ އަތަށް ބޮސް ދިނެވެ. ސަވާގެ މޫނު ލަދުން ރަތްވުމާއެކު، އޭނާއަށް އިސްޖަހާލެވުނީ ރީހާންގެ ތޫނު ދެލޮލަށް ބަލަން ނުކެރުމުންނެވެ.
އެރޭގެ ފަހުން ވާފިރުގެ ކުދިކުދި ގޯނާތައް ސަވާއަށް އަމާޒުވާން ފެށިއެވެ. އެކަނި ހުންނަ ވަގުތު ބުނާ ބަސްތަކުންނާ ހަރަކާތްތަކުން ސަވާ ވާފިރު ދެކެ އިންތިހާއަށް ބިރުގަންނަ ގޮތްވެއްޖެއެވެ. އެންމެ ފަހުން އެ ވާހަކަ މަންމައާ ކޮންމެވެސް ގޮތަކުން ދައްކަން ނިންމައިގެން ހުއްޓާ ކުއްލިއަކަށް ޑެންގީހުން ޖެހި މަންމަ ބަލިވިއެވެ. ހޮސްޕިޓަލުގައި އެޑްމިޓްކުރުމުން، މަންމައަށް އިތުރު ތަކުލީފެއްދޭން ސަވާއަކަށް ނުކެރުނެވެ. އެހެންކަމުން ހިމޭންކަން ޚިޔާރުކޮށްފައި ސަވާ ނިންމީ ފަހުން މަންމައަށް އެ ވާހަކަތައް ކިޔައިދޭށެވެ. އޭނާއަށް އެހީތެރިކަން ލިބޭނީ އޭރުންނެވެ.
މަދީހާ ބާއްބައިގެން އުޅޭތާ ތިން ދުވަސްވީއިރުވެސް މާބޮޑު ކުރިއެރުމެއް ނުލިބެއެވެ. އެހެންކަމުން ގިނަވަގުތު ސަވާ ހޭދަކުރަނީ ހޮސްޕިޓަލުގައެވެ. އިޝްފާންވެސް އައިސް ވަދެލާ ނަމަވެސް، އޭނާ މާ ގިނައިރު މަޑެއް ނުކުރެއެވެ. ވަދެލާފައި ދަނީއެވެ.
"އިޝްފާން ކޮބާތަ؟" އިޝާނަމާދުކޮށްލައިގެން މުސައްލަ މަތިން ތެދުވި ސަވާއަށް ބަލައިލުމަށްފަހު، އެނދުގައި އޮތް މަދީހާ ސުވާލުކޮށްލިއެވެ. އޭނާ އޮތީ ޕްރައިވެޓް ކޮޓަރިއެއްގައެވެ.
"މިއަދު ނާދޭ ދޯ އަދި. ކީކުރާނީ މަންމާ… ކިތަންމެ ވަރަކަށް ނަސޭހަތް ދިނަސް އިސްލާހެއް ނުވޭ!" ސަވާގެ އަޑުގައި ވަނީ މާޔޫސްކަމެވެ.
"މަންމައާ ވެސް ވާހަކަ ދައްކާނަމަ އެއްނު ވިސްނައިދެވޭނީ. ބައްޕަގެ ބަހާ ދެކޮޅު ހަދަން ނުކުރޭތީ އެކަމަށްވެސް އިޝްފާން ކުށްވެރިކުރަނީ މި މަންމަ." އެހެން ބުނެލިއިރު، މަދީހާގެ ލޮލުން ކަރުނަ ފާއްދާލިއެވެ.
"ހުއްޓާލާ މަންމާ… އިންޝާ ﷲ، އަދި ރަނގަޅުވާނެ." ސަވާ މަދީހާއަށް ހިތްވަރު ދިނެވެ.
ހަފްތާއެއްހާ ދުވަސްފަހުން މަދީހާ ގެއަށް ފޮނުވާލިއިރުވެސް ގައިގެ ވަރު ދެރަކަމުން ތެދުވެ އުޅެވޭ ވަރު ނުވާތީ ހުރިހާކަމެއް ކުރަނީ ސަވާއެވެ. މަންމަ ބަލިވުމުން ޚިދުމަތް ކުރުމަކީ އުފަލެއް ކަމުގައި އޭނާ ދެކެއެވެ.
އޭގެ ތިން ދުވަސް ފަހުން ފަތުޙީ ވިޔަފާރިކަމެއްގައި ރާއްޖޭން ބޭރަށް ދާން ޖެހުނެވެ. ސަވާގެ އެދުމުގެ މަތިން ފަތުޙީ އާއެކު ޑޮކްޓަރަށް ދައްކާލަން ދާން މަދީހާ ނިންމިއެވެ. އެމީހުން ފުރުމުން ގޭގައި ސަވާއާ އިޝްފާންގެ އިތުރުން ދެން ހުރީ ވާފިރެވެ. ގިނަވަގުތު އިޝްފާން ގޭގައި ނޫޅޭތީ އެކަމާ ސަވާ ހުންނަނީ ކަންބޮޑުވެފައެވެ. މަންމަމެން ފުރުމުން ވާފިރުގެ އުނދަގޫތައް ވަކިން ބޮޑުވެގެން ދިޔައެވެ. ފެންނަ ކޮންމެ ތާކުން ދިމާކުރުމާ ކުދި ކުދި ގޯނާތައް ކުރަން ފެށިއެވެ.
(ނުނިމޭ)