02 Jun 2024, 12:52
މީގެ ގާތްގަނޑަކަށް އަށް މަސް ކުރިން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ފެށި ހަނގުރާމައިގައި މިހާތަނަށް 33 އަށް ވުރެ ގިނަ މުވައްޒަފުން ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނު ރެޑްކްރޮސެންޓް ސޮސައިޓީ (ޕީއާރްސީއެސް)އިން ބުނެފިއެވެ.
އޭގެ ތެރެއިން 19 މުވައްޒަފުން ޝަހީދުކޮށްލާފައިވަނީ މަސައްކަތުގައި ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށް ޕީއާރްސީއެސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
މެއި މަހުގެ 29 ވަނަ ދުވަހު ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ތެލް އަލް ސުލްތާނުގެ އަބޫ އަލް ސައީދު ޖަންކްޝަންގައި ފަލަސްތީނުގެ މީހުން ނެރުމަށް ދިޔަ މަގުމަތީގައި އިސްރާއީލު ސިފައިން އެމްބިއުލާންސަކަށް ދިން ހަމަލާއެއްގައި ފަލަސްތީނުގެ ރެޑް ކްރެސެންޓާ ގުޅުން ހުރި ދެ މީހަކު ވެސް ޝަހީދުކޮށްލާފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ. އަދި، ސިއްހީ ހިދުމަތްދޭ މުވައްޒަފުންނަށް އިސްރާއީލުން ހަމަލާދެނީ ގަސްދުގައި ކަމަށް ވެސް ޕީއާރްސީއެސްއިން ބުނެއެވެ.
އެގޮތުން، އިސްރާއީލު ސިފައިން ވަނީ ޣައްޒާގެ 160 ސިއްހީ ޚިދުމަތްދޭ ތަނަކަށް ހަމަލާދީ ދީފައި ކަމަށާއި 55 ސިއްހީ މަރުކަޒަކާއި 33 ހޮސްޕިޓަލެއް ބަންދުކޮށްފައި ކަމަށް އެ ޖަމްއިއްޔާއިން ބުނެއެވެ.
މިދިޔަ އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ފައުޖުތަކުން ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 36،400 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ހަމަލާތަކުގައި ޒަޚަމުވި މީހުންގެ އަދަދު ވަނީ 82،400 އަށް އަރައިފައެވެ. ޝަހީދުކޮށްލި މީހުންގެ ތެރެއިން ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.
އިސްރާއީލުގެ އެ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް، (އައިސީޖޭ)އިން އެންމެ ފަހުން އަމުރުކޮށްފައިވަނީ ފަލަސްތީނުގެ އެއް މިލިއަނަށް ވުރެ ގިނަ މީހުން ހަނގުރާމައިން ހިމާޔަތް ހޯދާފައިވާ ރަފަހް ސިޓީގައި އިސްރާއީލުން ހިންގާ ޖަރީމާތައް ހުއްޓައިލުމަށެވެ.
ނަމަވެސް، އިސްރާއީލުން ވަނީ އެ އަމުރަށް ވެސް ގޮންޖަހައި ރަފަހަށް ދެމުންގެންދާ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފައެވެ. އަދި، ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށާއި، ހަމާސް ބަލިނުކުރެވެނީސް ހަނގުރާމަ ނުހުއްޓާނެ ކަމަށް އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.