02 Jun 2024, 08:56
ކަރަންޓު ބިލުތައް އާދަޔާ ޚިލާފަށް ބޮޑުވުމުގެ ޝަކުވާގެ އަޑު ނީވޭ މަހެއް ފާއިތުވެ ދިޔަ ތިން މަހުގެ ތެރޭ ނުދެއެވެ. ސަރުކާރުން ދޭން ވައުުދުވި ޑިސްކައުންޓުތައް ދިން މަހުގައި ވެސް ބައެއް އާންމު ރައްޔިތުންގެ ފަރާތުން އިވުނީ ބިލުތައް ބޮޑުކަމުގެ ޝަކުވާއެވެ.
އާދަޔާ ޚިލާފަށް މިހެން ބިލުތައް މައްޗަށް އަރައިގެން ދިއުމަކީ ސުވާލު ނުއުފައްދައި ދޫކުރެވޭނެވަރު ކަންކަމެއް ވެސް ނޫނެވެ. ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް މަތިވާއިރު، އިތުރު ބުރައެއް އުފުލަން ޖެހޭނަމަ ކަންބޮޑުވާނެއެވެ.
ވަކި ސަރުކާރެއް ވެރިކަމުގައި ތިބިތޯ ބަލާނެކަމެއް ނެތެވެ. ސުވާލަކީ ކަރަންޓު ބިލު ހަމަ ހުރެފައި ބޮޑުވަނީތޯ ނުވަތަ ބޮޑުކުރަނީތޯ ނުވަތަ ނޫންތޯއެވެ.
ޝަކުވާތައް ފުނިޖެހިފައި
"ޗުއްޓީވީމާ މިދިޔަ މަހު ހަމަ ޔަގީނުން ވެސް މި ގުރުއާން ކުލާސް ބަންދުކޮށްފައި ހުންނާނީ. ކަރަންޓު ހަމަ އެއްވެސް ވަރަކަށް މި ތަނުގައި ބޭނުން ކޮށްފައެއް ނުވާނެ. އެކަމު ބިލު އައިއިރު އެބައޮތް ބޭނުންކުރި މަހު އަރާ ވަރުގެ ދެގުނަ. މިހެން ވީމާ ދެން މިއީ މައްސަލައެއް ދޯ،" މާލޭގައި ގުރުއާން ކްލާހެއް ހިންގާ މީހަކު އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި އޮތެވެ.

ކަރަންޓު ބިލެއް ކުއްލިއަކަށް ބޮޑުވެފައި --
މި ފަދަ އެއް ޝަކުވާ، ދެ ޝަކުވާއެއް ނޫނެވެ. މުޅި ފޭސްބުކާއި އެކްސްގައި ވެސް ސްޓެލްކޯއަށް ރައްދުކޮށް ގިނަ ބަޔަކު ކުރަމުން އަންނަނީ ހަމަ މި ޝަކުވާއެވެ. އެގޮތުން އެންމެންގެ ވެސް އާންމު ޝަކުވާއަކީ ފާއިތުވި މަސްތަކުގައި ބިލަށް ނާރާވަރަށް އެތައް ގުނައެއް އިތުރުވެފައި އޮތުމެވެ.

ކަރަންޓު ބިލް ބޮޑުވުމުން އާންމުން އިހިުތިޖާޖަށް ނިކުތުން --- ސަން ފޮޓޯ: ނާއިޝް އިބްރާހިމް ނާއިޝް
"އަޅުގަނޑުމެންގެ މި އެއް ރޫމު އެޕާޓްމަންޓުގައި އުޅެނީ އަޅުގަނޑު އަންހެނުން އެކަނި، ހަމަ ޔަގީނުން ވެސް ދެ މީހުން ބޭރުގައި އުޅުނު ވަގުތު ގިނަ ވާނީ. އެހެން ނޫނަސް ހަމަ މިހާރު ބޭނުންކުރާ ފްރިޖާއި އޭސީއާއި ޓީވީ ހަމަ ހުންނާނީ މި އަހަރު ފެށުނުއިރު ވެސް. އެކަމު ހަމަ ތަފާތު މި ފަހަރުގެ ބިލު. ބޮޑުވެފައި އޮތީ،" އެހެން ޒުވާނަކު އޭނާގެ ވާހަކަ "ސަން"އާ ހިއްސާކުރިއެވެ.
އެހާ ގިނަ ބައެއްގެ ކަންބޮޑުވުންތައް އެއް މައްސަލައެއްގައި އޮތުމަކީ ހަމަ ޔަގީނުން ވެސް ގޯހެއް އެ ކަމެއްގެ ފަހަތުގައި އޮތުން ވަރަށް ގާތް ކަމެކެވެ.
އެހެންނަމަވެސް، އެ ތުހުމަތުގެ އަޑު ކިތަންމެ ގަދަ ނަމަވެސް ބިލު ބޮޑުނުވާ ކަމަށާއި އެހެން މަސްމަހާ އެއްވަރުކަމަށް ބުނާ ބަޔަކު ވެސް އެބައުޅެއެވެ. އޭގެ ތެރޭގައި ފާޅުކަން ބޮޑު ގޮތެއްގައި ހަރަކާތްތެރިވާ ސަރުކާރުގެ ބައެއް އިސް އެކްޓިވިސްޓުން ހިމެނެއެވެ. ބައެއް އާންމު ރައްޔިތުން ވެސް ހިމެނެއެވެ.
ސްޓެލްކޯއިން ބުނަނީ މަކަރު ނުހަދާ ކަމަށް
އެއް އަޑަކުން ރައްޔިތުންގެ ތުހުމަތުތަކުގެ އަޑު ބާރުވުމާއެކު ވެރިރަށް މާލޭގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ސްޓެލްކޯ އޮތީ ހޫނުފެނުގައެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކާއި ނުތަނަވަސްކަން ފުނިޖެހުމާއެކު އެ ކަމަށް ޖަވާބެއް ދޭން އެ ކުންފުންޏަށް ޖެހުނެވެ.
ނަމަވެސް އެ ޖަވާބަކީ ވެސް ރައްޔިތުންނަށް ހިތްހަމަޖެހުމެއް ލިބުނު ޖަވާބެއް ނޫނެވެ. އެ ކުންފުނިން ބުނީ ބިލުކުރުމުގައި އެއްވެސް މަކަރެއް ނުހަދާ ކަމަށެވެ. ބިލު ބޮޑުވީ ގިނައިން ކަރަންޓު ބޭނުންކުރުމުން ކަމަށެވެ. ހަމައެއާއެކު މި ފަހަރު ލިބުނު ބިލަކީ ވިއްސާރަ ދުވަސްވަރުގެ ބިލު ނޫންކަމަށް ވެސް ބުނެފައިވެއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އޮޕަރޭޝަން ކޮންޓްރޯލް ރޫމެއްގައި -- ފޮޓޯ/ ސްޓެލްކޯ
"ދެން މިހާރު ވިއްސާރަ ދުވަސްކޮޅުގެ ބިލެއް ނޫން އެއީކީ. ސްޓެލްކޯ މާލެ ރީޖަންގަ އެކަނި މޯ ދޭން 45000 ކަސްޓަމަރުން އުޅޭނެ. އެހެންވީމަ އެއް ދުވަހެއްގަ ބިލް ހަދާފައި ފޮނުވުމަކީ އެހާ ފަސޭހަ ކަމެެއް ނޫން. އެކަމަކު ވެސް ބިލްގެ ސައްހަކަން އަޅުގަނޑުމެން ވެސް ކަށަވަރުކޮށްފަ މި ފޮނުވަނީ،" ސްޓެލްކޯއިން ބުންޏެވެ.
ރައްޔިތުން އިންތިހާއަށް ވާނުވާ އެނގެން ބޭނުންވާ މި ކަމުގައިތަކުރާރުކޮށް ދޭން ސްޓެލްކޯއަށް އޮތީ އެއް ޖަވާބެކެވެ. އެއީ ބިލުކުރަނީ ކަރަންޓު ބޭނުންކުރާ މިންވަރަކަށް އެކަނި ކަމެވެ. މި ކަމުގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބަހެއް ނެތެވެ.
މި އޮތީ ކަރަންޓު ޚަރަދު ކުޑަ ކުރާނެ ގޮތް
ކަރަންޓު ޚަރަދު ބޮޑުވެގެން އެ ޝަކުވާ ކުރާއިރު، ގިނަ ފަހަރު، ގިނަ މީހުންނަށް ކަންކަން ކުރެވިފައި ހުންނަނީ އެންމެ ރަނގަޅަށްތޯ ވެސް ވިސްނައިލަން ޖެހެއެވެ.
މުޅި ގޭގައި އޭސީ އާއި ފަންކާތައް ހަރުކޮށް އަހަރު ދުވަސް އެއިން އެއްޗެއް ސާފުކޮށް ނުލައި، ސާވިސްނުކޮށް އެބަ ދޫކޮށްލެވެއެވެ. ފިނިކުރަން އޭސީތައް ޖައްސައިފައި ގެއިން ބޭރަށް އެބަ ނިކުމެވެއެވެ. ހަލާކުވާން ގާތްވެ، ކިތަންމެ ގިނަ ދުވަސްވެފައިވާ ކަރަންޓު އާލާތްތައް ވެސް އިތުރު އެތައް ދުވަހަކު އެބަ ބޭނުންކުރެއެވެ.
މިއީ ނޭނގުމެއްގެ ތެރޭގައި ނަމަވެސް ބިލަށް އިތުރުވާ ފައިސާއެވެ.
އެހެންކަމުން މި ފަދަ ކަމަކުން ސަލާމަތްވެ، ދެން އަންނަ މަހެއްގެ ބިލު ކުޑަކުރުމަށް ޓަކައި ކުރެވިދާނެ މުހިންމު ކަންކަން ވެސް އެބަހުއްޓެވެ.
އެގޮތުން ސްޓެލްކޯގެ އިސް މުވައްޒަފެއް ކަމަށްވާ އަލީ ނިޔާޒު ހިއްސާކުރި ގޮތުގައި ފަސޭހައިން ކަރަންޓު ބިލު ކުޑަ ކުރެވިދާނެ 10 ކަމެއް އެބައޮތެވެ. އެ ކަންކަމަކީ:
އޭސީ ސާވިސްކޮށް ގޭސް ލެވެލް ޗެކްކޮށް ގޭސް ލީކެއް އުޅޭނަމަ އެކަން ހައްލުކުރުން.
- ފުލް ސާވިސްއެއް ނުކުރި ނަމަވެސް މަހަކު އެއްފަހު ކަހަލަ ގޮތަކަށް އައުޓް ޑޯ ޔުނިޓާއި އިންޑޯ ޔުނިޓުގެ ކޯގަނޑު ދޮވެލައި ފިލްޓަރުތައް ސާފު ކޮށްލުން. އައުޓު ޑޯ ޔުނިޓު އިނީ ވައި ދައުރުވާ ހޫނު ގަދަ ނުވާނެ ތަނެއްގައިތޯ ޔަގީންކުރުން.
- އޭސީ ކޮށްފައި ހުރި ތަންތަނުގެ ދޮރު ދަށުން ފިނި ވައި ލީކުވާގޮތަށް ހުރި ނަމަ އެތަނަށް ޕެކިނެއްލައި ބަންދު ކޮށްލުން.
- ބަދިގޭގެ އުނދުނާ ވީހާ ވެސް ދުރުގައި ރެފްރިޖްރޭޓަރު ބެހެއްޓުން.
- އޭސީ ކޮށްފައި ހުރި ތަންތަނުގެ ބިއްލޫރި ދޮރުތަކުގައި ވީހާ ވެސް ބޯ ދޮރު ފޮއްޗެއް ދެމުން.
- ތަނާ އެކަށީގެން ވާ ވަރަށްވުރެ ކުޑަ އޭސީ ޔުނިޓެއް ހުރިނަމަ، ތަނާ އެކަށީގެންވާ ވަރުގެ ބޮޑު އޭސީއަކަށް ބަދަލުކުރުން.
- ސިޓިން ރޫމާއި ބަދިގެ އެއްކޮށް ހުންނައިރު، ކައްކާއިރު ސިޓިން ރޫމު އޭސީ ނުޖެއްސުން.
- ބޭރަށް ދަމުން ވީހާ ވެސް ގިނަ އެއްޗެހި އޮފްކޮށްލުން.
- ފަންކާގެ ފިޔަތައް ހަފުތާއަކު އެއްފަހަރު ފޮހެލުން.
- ދޭތެރެ އަކުން ގޭގެ ކަރަންޓު މީޓަރު ބެލުން. އެގޮތުން މީޓަރު ހިނގާވަރާއި އަރާ އެއްޗެއް ބެލިދާނެ. އަދި ބިލަށް އަރާނެ ވަރު މޯބައިލް އެޕުގައި ޖަހާލައިގެން ބަލައިލެވޭނެ.
"މި ކަންކަން ކޮއްލަވާ. ނަތީޖާ ފެންނާނެ. ބިލު ކުރެވޭނީ ބޭނުން ކުރި އެއްޗަކަށް ހަމަ. ބޭނުން ކުރެވޭވަރު މެނޭޖް ކޮށް ކަރަންޓު އިޤްތިސާދުކޮށްފިނަމަ ބިލަށް އޭގެ އަސަރު ކުރާނެ،" ނިޔާޒު ބުންޏެވެ.
މޫސުމީ ބަދަލުތަކާއި، ގޭގައި ބޭނުންކުރާ ކަރަންޓު އާލާތްތަކުން ކަރަންޓު ބޭނުންކުރާ މިންވަރާއި މި ފަދަ ކަންކަން ހުންނަ ގޮތުގެ ސަަބަބުން ބިލަށް އެކި ބަދަލު އަންނަން މެދުވެރިވެއެވެ. އެ ކަންކަމާ މެދު ހޭލުންތެރިވުން މުހިންމެވެ.
ނަމަވެސް ކުއްލިއަކަށް ދެގުނަވެ އިންތިހާއަށް ބޮޑުވެގެން މި އައި އައުމަށް ޖަވާބެއް ލިބެންޖެހެއެވެ.