15 Jun 2012, 14:42
އިސްލާމީ މަރުކަޒު ގޮއްވާލާ ވާހަކަ ފެތުރުމުން ސިހިވަޑައިގެންނެވި ކަމަށާއި ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން އެއްވެސް ދީނަކަށް ޖާގަ ނުދެއްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ އަންހެނުންގެ ރޫހުން، ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމްޑީޕީގެ ސަރުކާރުން އިސްލާމީ މަރުކަޒު ގޮއްވާލައި އެ ބިމުގައި ފައްޅިއެއް އަޅަން މަސައްކަތްކުރި ކަމަށް ފެތުރިފައިވާ ވާހަކަތަކަށް ރައްދު ދެއްވާ ރައީސް ނަޝީދު ވިދާޅުވީ އެފަދަ ވާހަކައެއް ފެތުރުމުން ސިހިވަޑައިގެންނެވި ކަމަށާއި އެމަނިކުފާނަކީ މިސްކިތަށް އިހުތިރާމް ކުރައްވާ ބޭފުޅެއް ކަމަށެވެ.
\"އަޅުގަނޑުމެން ސިހޭ އިސްލާމީ މަރުކަޒު ގޮއްވާލަން އުޅުން ކަމަށް ވާހަކަ ދެއްކީމަ. އަޅުގަނޑުމެންނަކީ މިސްކިތްތަކަށް އިޙްތިރާމް ކުރުމުގެ ގޮތުން ފައިވާން ބާލާފައި، ވުލޫކޮށްގެން މިސްކިތަށް އަރާމީހުން. އަޅުގަނޑުމެންނަކީ މިސްކިތު ހަރިއްމަ ތެރެއަށް ކުޅުޖަހަން ބިރުގަންނަ މީހުން. މި ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން އެއްވެސް ދީނަކަށް އަޅުގަނޑުމެން ޖާގައެއް ނުދޭނަން.” ރައީސް ނަޝީދު ވިދާޅުވި އެވެ.
ކުރީގެ ރައީސް ވިދާޅުވީ ބަޣާވާތް ކޮށްގެން ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރު ވައްޓާލަން ފުލުހުންނާއި ސިފައިން ގާތުގައި އެދިވަޑައި ނުގަންނަވާނެ ކަމަށާއި، ވެރިކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވަނީ ރައްޔިތުންގެ ވޯޓުން ކަމަށެވެ. އަދި ވިދާޅުވީ “ބާޣީ ފުލުހުން\" ގޮސް \"ގައުމީ ފުލުހުން\" ހައްޔަރުކުރަމުންދާ ކަމަށާއި ދައުލަތުގެ މުއައްސަސާތަކުގައި ބާރުގަދަކުރަން މަސައްކަތްކުރަމުންދާ ކަމަށެވެ. އެކަން ކާމިޔާބު ވިޔަ ނުދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
~
ރާއްޖޭގެ ދާޚިލީ ހަމަޖެހުން ނަގާލަން އުޅުނު ކަމަށް ތުހުމަތުކޮށް ފުލުހުންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ހަމީދު ހައްޔަރު ކުރި މައްސަލައަށް އިޝާރާތްކޮށް ކުރީގެ ރައީސް ވިދާޅުވީ ހަމީދަކީ އެކަނި ހުންނެވި ބޭފުޅެއް ނޫން ކަމަށް ފުލުހުން ވިސްނަން ޖެހޭނެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ބިރުވެރިކަމުގެ ދުއްޔެއްގެ ތެރޭގައި ރައްޔިތުން ގެންގުޅުމަކީ ރައީސް މައުމޫންގެ ސަރުކާރުގެ ސިފައެއް ކަމަށާއި، އަނބުރާ އެ ބިރުވެރިކަމުގެ ތެރެއަށް ރައްޔިތުން ގެންދަން ރައީސް ވަހީދުގެ ސަރުކާރުން މަސައްކަތްކުރާ ކަމަށެވެ. އެކަމަކު ދިވެހިން މިހާރު ތިބީ ހިއްވަރު ލިބިގަނެ ބިރު ފަހަނައަޅައި ގޮސް އަނެއް ދިވެހިރާއްޖޭގެ މަލަމަތީގައި ކަމަށެވެ.
ކުރީގެ ރައީސް ވިދާޅުވީ އެމްޑީޕީގެ ފިކުރާ އިދިކޮޅު ފަރާތްތައް ބަޣާވާތަކުން ސަރުކާރު ފޭރިގަތުމަށްފަހު، އެއީ ބަޣާވާތެއް ނޫން ކަމަކަށް މިހާރު ނުބުނާ ކަމަށާއި ބުނަމުންދަނީ ބަޣާވާތުގައި ބައިވެރިނުވާ ކަމަށެވެ. އަދި ސަރުކާރުގައި ފައިސާ ނެތް ކަމަށް ތަކުރާރުކޮށް ބުނާ ކަމަށާ ފައިސާ ނެތް ދައުލަތެއް ހިންގުމާއި ހަވާލުވީ ކާކު ބުނެގެންތޯ ވެސް އެމަނިކުފާނު ސުވާލު ކުރެއްވެވި އެވެ.
\"... ސަރުކާރުގެ އިސް ބޭފުޅުން ވަރަށް ގިނައިން ދައްކަވާ ވާހަކައެއް. ފައިސާ ނެތް ކަމަށް ވަރަށް ގިނައިން އެބަ ވިދާޅުވޭ. ކާކު ބުނެގެންތޯ ތިތަނަށް ވަނީ. އަޅުގަނޑުމެން އަތުގަ އެބައޮތޭ ކަންކުރާނެ ގޮތް. އަޅުގަނޑުމެން ނުދައްކަން މުސާރަ ނުދެވޭނޭ ވާހަކައެއް. އަޅުގަނޑުމެންނަށް އިނގޭ އެކަންތައް ކުރާނޭ ގޮތް، އެކަން ހިންގާނޭ އުސޫލު. އަޅުގަނޑުމެންނަކީ ރައްޔިތުންނަށް ޚިދުމަތްކުރަން ދަންނަ ބައެއް. ޚިދުމަތްކުރަން ނިކުތް ބައެއް\" ކުރީގެ ރައީސް ވިދާޅުވި އެވެ.