08 Jun 2024, 09:42
ލިޝާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އޭނާއަށް ދެފަރާތަށް ބޯ ހޫރައިލެވުނެވެ. މަދީހާއަށްވުރެ ކައުސަރުދެކެ އާރިޒް ޖެހިލުންވެއެވެ. ލިޝާގެ އަސްލު މަންމަދެކެ ބިރުނުގަންނަ މީހަކު ކައުސަރުދެކެ ބިރުގަންނަންޖެހޭ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ.
********
ކައިގެން ތަށިތައް ދޮންނަން ކައުސަރާއި ލިޝާ ސިންކު ކައިރިއަށް ދިޔުމުން އާރިޒް ނުކުމެލީ ބޭރަށެވެ.
"ދައްތައަށް ހީވަނީ ދަރިފުޅުގެ ހޮވުން ހަމަ ވަރަށް ރަނގަޅުހެން..." އާރިޒަށް އިޝާރާތްކުރަމުން ކައުސަރު ބުނެލިއެވެ.
ކައުސަރު ބޭރަށް ނުކުތްއިރު، އާރިޒް ހުރީ ފޯނެއްގައެވެ. ކައުސަރު ކަރުކެހިލުމުން އާރިޒް އަވަހަށް ފޯނު ކަނޑައިލިއެވެ. ކައުސަރު ދައްކާނެ ވާހަކައަށް ސަމާލުކަންދީގެން އޭނާ ހުއްޓެވެ. ކައިވެންޏެއް ކުރުމުގެ ކުރިން މަޔަކު ދޭންޖެހޭ އެތައް ނަސޭހަތެއް ކައުސަރު ދިނެވެ. އަމިއްލަ މަންމައަކު ދޭނެހާ ފުރިހަމައަށެވެ.
"އަހަރެން އަބަދުވެސް ދުޢާ ކުރާނަން ތި ދެ ކުދިންނަށް އުފާވެރި ހަޔާތެއް ދެއްވާތޯ..." އާރިޒާއި ލިޝާ ޓެކްސީއަށް އަރަން ދާން ފެށުމުން ކައުސަރު ބުނެލިއެވެ.
********
ތިން ދުވަސްވީއިރުވެސް މަދީހާގެ ހަބަރެއް ނުވުމުން ލިޝާ ހާސްވާން ފެށިއެވެ. ގުޅާ ކޮންމެ ފަހަރަކު ނައީމު ބަހަނާ ދައްކާހެން އޭނާއަށް ހީވާން ފެށިއެވެ. ދަތުރު ކުރުކޮށްލާފައި ލިޝާ ޓިކެޓު އަވަސްކުރިއެވެ. އެދަތުރުގައި އާރިޒް ބައިވެރިވާކަން އެނގުނީ ފްލައިޓަށް އަރަން ދަނިކޮށް މީހަކު ފަހަތުން އައިސް އަތުގައި ހިފާލުމުންނެވެ. އާރިޒް ފެނުމުން ލިޝާގެ ނުތަނަވަސްވެފައިވާ ސިކުނޑިއަށް ލުއިކަމެއް ލިބުނެވެ.
"އެކަނި ފޮނުވާލަން ބޭނުންނުވާތީ މިއައީ..." އާރިޒް ހިނިތުންވެލިއެވެ.
"އެކަންޏެއް ނުވާނެއޭ... ސުމްމެން އެތިބީނު..." ތަންކޮޅެއް ދުރުގައި ތިބި ސުމާމެންނަށް އިޝާރާތްކުރަމުން ލިޝާ ބުންޏެވެ.
"އަހަރެން ނެތީމަ މިސްވާނެއެއްނު..." ލިޝާއާއި ގާތްވެލަމުން އާރިޒް ބުނެލިއެވެ.
ލިޝާއަށް ހިނިތުންވެލެވުނެވެ. އާރިޒް އުޅޭގޮތުން އޭނާގެ ނުތަނަވަސްވެފައިވާ ސިކުނޑިއަށް ލުއިކަން ލިބެއެވެ. އެހެންމީހުންގެ ކުރިމަތީގައި އާރިޒަކީ ހަރުކަށި މީހަކަސް، ލިޝާއަށްޓަކައި އެ ހިތް މަޑު ކަފަކޮޅެއްފަދައެވެ.
މާލެއަށް އާދަޔާ ހިލާފަށް ހޫނުގަދަ ދުވަހެކެވެ. ކާރުން ފައިބައިގެން ކޮޓަރިއާއި ދިމާއަށް ހިނގައިގަތް، ލިޝާ ހުރީ ދާހިއްލާ ފޯވެފައެވެ. ލޯންޗު ފުރަން ދެތިން ގަޑިއިރު އޮތުމާއިއެކު، ކޮޓަރިއެއްގައި މަޑުކުރަން ލިޝާމެން ނިންމީއެވެ. އާރިޒާއި ލިޝާ އެއް ކާރެއްގައި އައިއިރު، ސުމާ އާއި ޝަފާޒު އައީ އެހެން ކާރެއްގައެވެ. ލިޝާގެ ހަރަކާތްތަކަށް ބަލަން ހުރެފައި އާރިޒް ހަލުވި ފިޔަވަޅުތަކެއްގައި އައިސް، ލިޝާގެ ނިތްކުރިމަތިން ހިއްލާލާފައިވާ ދާތައް ފޮހެލަދިނެވެ. ލިޝާ އަވަހަށް ދުރަށްޖެހިފައި މީހަކު ބަލަން ހުރިތޯ ހޯދައިލިއެވެ.
"މީހަކަށް ފެނިއްޖެއްޔާޔޯ؟..." ލިޝާ ހާސްވެފައި އާރިޒާއި ދުރަށްޖެހުނެވެ.
"ބުނާނެ އަލަށް މެރީކޮށްގެން އުޅޭ ބައެކޭ..." އާރިޒް ލާނެތް ރާގަކަށް ބުނެލިއެވެ. "އަޅެ އެހެން ބުނާނެނަމަ ދޯ؟..."
"ޝްޝްޝް..." ލިޝާ އަވަހަށް އާރިޒްގެ އަނގަމަތީގައި އަތް އެޅިއެވެ. އޭރު އާރިޒްގެ ޖުމުލައިން ލަދުންގޮސް އޭނާގެ މުޅި މޫނު ރަތްވެއްޖެއެވެ.
"ތިހެން އުޅެނިކޮށްވެސް މީހަކަށް ފެނިދާނެ..." އާރިޒް އިތުރަށް ސަމާސާކޮށްލިއެވެ.
ލިޝާ އަވަހަށް އާރިޒާއި ދުރަށްޖެހުނެވެ. ގެސްޓްހައުސްގެ ކައުންޓަރު ކައިރީގައި ތިބި ސުމާމެންނަށް އޭނާ ބަލައިލީ، އެމީހުންނަށްވެސް އެފަދަ މަންޒަރެއް ފެންނަން ބޭނުންނުވާތީއެވެ.
ލިޝާ އާއި ސުމާ ތިބީ އެއްކޮޓަރީގައެވެ. ޝަފާޒާއި އާރިޒް ތިބީ ޖެހިގެން ހުރި ކޮޓަރީގައެވެ. އެނދުގައި އޮށޯވެފައި ލިޝާ ފޯނު ހުޅުވިއެވެ. އެއާއިއެކު، ފުލުފުލުގައި މެސެޖުތައް އަންނަން ފެށިއެވެ. ފަހަރަކު މެސެޖެއް ބަލަމުންދިޔަ ލިޝާއަށް ސިހުމެއް ލިބުނީ ނުދަންނަ ނަންބަރަކުން ފޮނުވާފައިވާ މެސެޖުތަކެއް ފެނުމުންނެވެ. އަކްރަމާއި ބައްދަލުނުކޮށްފިނަމަ، ލިޝާގެ އާއިލާގެ މީހަކަށް ގެއްލުންދޭނެކަމުގެ އިންޒާރު އަކްރަމް ދީފައި އޮތެވެ. އެއީ އޭގެ ހަތަރު ދުވަސް ކުރީގެ މެސެޖެކެވެ. ލިޝާ ހާސްވެގެން ނައީމަށް ގުޅިއެވެ.
"ބައްޕަ ދޮގުހަދަނީތަ؟..." ނައީމު ފޯނު ނެގުމުން އިތުރު ވާހަކައެއް ދެއްކުމެއްނެތި، ލިޝާ ސުވާލުކުރިއެވެ.
"ދަރިފުޅާ!..." އިވުނީ މަދީހާގެ އަޑެވެ.
"މަންމާ؟..." ލިޝާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެކަމަކު އިވުނީ މަންމަގެ އަޑުކަމާއިމެދު އޭނާއަށް ޝައްކުވިއެވެ. "އަހަރެން ހީކުރީ މަންމަ..."
"ދަރިފުޅު ރާއްޖެ އައީތަ؟..." މަދީހާ އަހައިލީ ލިޝާ އޭނާގެ ނަންބަރުން ގުޅިތަން ފެނުނީމައެވެ.
"ހަމަ ދެންމެ މިއައީ..." ލިޝާ ބުނެލިއެވެ. "މަންމަ ބަލީތަ؟..."
"މަންމަ ރަނގަޅޭ... ދަރިފުޅު ކީއްވެ އެހާ އަވަހަށް ތިއައީ؟... ކޮބާ އާރިޒް؟..." މަދީހާ އަހައިލިއެވެ.
"މިކޮޅަށް އައިއިރު އާރިޒްވެސް އައި..." ދެފިކުރެއްގައި އިނދެފައި ލިޝާ ބުންޏެވެ.
"ދަރިފުޅު މާގިނައިން ބޭރު ތެރެއަށް ނުނުކުންނައްޗޭ!..." މަދީހާ އެދުނެވެ. "އެންމެ އަވަހަށް ފުރާ އެއްޗަކުން މިކޮޅަށް އާދެވޭތޯ ބަލާތި!..."
ފޯނު ބޭއްވިއިރު، މަދީހާ އޮތީ ނުތަނަވަސްވެފައެވެ. އަކްރަމްގެ ނުރައްކަލެއް ލިޝާއަށް ކުރިމަތިވެދާނެތީ މަދީހާއަށް އެނޫން ކަމަކާއި ނުވިސްނުނެވެ. ފުލުހުންނަށް އަދިވެސް އަކްރަމް ހައްޔަރެއް ނުކުރެވެއެވެ. ލިޝާ މާލެ ދިޔަކަން އެނގުމުން ލިޝާ ހޯދަން އަކްރަމް މަސައްކަތް ކުރާނެއެވެ.
"ތަނަކަށް ދަނީތަ؟..." ސުމާ މާ ރީތިވެލައިގެން ބޭރަށް ނުކުންނަން ފެށުމުން ލިޝާ އަހައިލިއެވެ.
"މިދަނީ ޝަފްއާ އެކީ ޝޮޕިންއަކަށް..." ސުމާ ޖަވާބުދިނެވެ. "ދާނަންތަ؟..."
"އުހުނ...." ލިޝާ ދެކޮޅުހެދިއެވެ. "ތިދެމީހުން މާފޮޅުވާ ތާކަށް މަށެއް ނުދާނަން..." ލިޝާ ވާހަކަ ދެއްކީ ޖެއްސުމުގެ ރާގަކަށެވެ.
ސުމާ ދިޔުމުން، ލިޝާ ޓީވީ ހުޅުވައިލިއެވެ. ގިނައިރެއްނުވެ، ދޮރުގައި ޓަކި ޖަހައިލި އަޑު އިވުނެވެ. ލިޝާ ހީކުރީ އާރިޒް ކަމަށެވެ. ތުއިވެލަމުން ދޮރު ހުޅުވައިލިއެވެ. ލިޝާގެ ދެލޯ ބޮޑުވީ ކުރިމަތީގައި ހުރި އަކްރަމް ފެނުމުންނެވެ. ލިޝާ ދޮރު ލައްޕަން އުޅުނު ނަމަވެސް، އަކްރަމްގެ ހަރަކާތްތައް އަވަހެވެ. ދޮރުގައި ހިފަހައްޓާފައި، އެތެރެއަށް ދެމިގަތެވެ. ފައިން ދޮރު ލައްޕާފައި، ލިޝާގެ އަނގަމަތީގައި އަތް އަޅައި ބާރުކޮށްލިއެވެ.
"ކާކު ކަމަށް ހީކުރީ؟... އޭނ؟... ކަލޭގެ ލޯބިވެރިޔާއަކަށް ނާދެވޭނެ..." އަކްރަމް ދަތްކުނޑިވިކައިލަމުން ވާހަކަ ދެއްކިއެވެ. "ދޮންކަޅުވެސް އަންގާނުލާނަން... މީ އަހަރެންގެ ގައުމު... އޭނަގެ ގައުމުގަ އޭނަ ބޮޑޭވެގެން އުޅުނަސް މިތާކު އޭނަގެ އެއްވެސް ބާރެއް ނޯންނާނެ..."
އަކްރަމް ލިޝާ ގެންގޮސް އެނދުމައްޗަށް ވައްޓައިލިއެވެ. ލިޝާގެ ދެފަރާތުން ކުޑަކަކޫ މައްޗަށް ވާހެން އިށީނދެފައި، ޖީބުން ނެގީ ޓޭޕްރޯލެކެވެ. އެއިން އެތިކޮޅެއް ނައްޓުވައިލީ އަނގައިންނެވެ. އޭރުވެސް އޭނާ އިނީ ލިޝާގެ އަނގަމަތީގައި އަތް އަޅައިގެންނެވެ. ޓޭޕްކޮޅު ލިޝާގެ އަނގަމަތީގައި އެޅުމަށްފަހު، ތެޅިތެޅި އޮތް ލިޝާގެ ދެއަތާއި ދެފައިވެސް ހައްޔަރުކުރިއެވެ. އަކްރަމް ތެދުވެގެން ގޮސް ކޮޓަރި ދޮރު ތަޅުލިއެވެ. ލައިގެން ހުރި ޓީޝާޓް ބޭލުމަށްފަހު ދުރަށް ހޫރައިލިގޮތުން ލިޝާގެ ހިތް ހީވީ ހުއްޓުނު ހެންނެވެ. މުޅި ހަޑިގަނޑު ތުރުތުރުއަޅައިގަތެވެ. އަކްރަމަކީ ނުރައްކާތެރި މީހެކެވެ. ކޮންމެފަދަ އަނިޔާއެއް ދޭކަށްވެސް ފަހަކަށްނުދާނެއެވެ.
ލައިގެން ހުރި ފަޓުލޫނު ބޭލުމަށްފަހު، އަކްރަމް އެނދުމައްޗަށް ޖެހިގަތެވެ. ދޮރާއި ދިމާއިން ބާރު އަޑުފަށްގަނޑެއް އިވިފައި ދޮރު ވެއްޓުނެވެ. އަކްރަމަށް ފަސްއެނބުރި ބަލައިލާނެ ވަގުތުވެސް ނުލިބުނެވެ. ފަހަތުން މީހަކު ވަރަށް ބާރަށް އޭނާގެ ކަންކަށިމަތީގައި ޖެހިއެވެ. ވެއްޓި ޖެހުނުގޮތަށް އަކްރަމްގެ ހަބަރު ހުސްވިއެވެ.
"އަހަރެން ދިރިހުއްޓާ، ލިޝްގެ ގައިގަ އިނގިލި ކުރިވެސް ނުޖެއްސޭނެ..." އާރިޒް ރުޅިއައިސްފައި ބުނެލިއެވެ.
ރުޅި އައިސްގެން ގޮސް އާރިޒްގެ ނާރުތައް ހުރީ ލޭއަރާ ފުފިފައެވެ. ދެބުމަ ގޮށްޖެހިފައިވާއިރު، އާދަޔާ ހިލާފު ބާރެއް ލިބިފައިވާހެންވެސް ހީވެއެވެ. މާނޭވާލަމުންދިޔައިރު، ލިޝާއަށްޓަކައި އޭނާ ހާސްވެފައި ހުރިވަރު މޫނުން ފެންނަން ހުއްޓެވެ. އަކްރަމްގެ ހަށިގަނޑުން ނަޒަރު ވަކިކޮށް ލިޝާއަށް ބަލައިލިއިރު، އާރިޒްގެ ނަޒަރު ތަފާތުވެއްޖެއެވެ.
އާރިޒް ފެނުމުން، ލިޝާގެ ބަޑި ފަޅައިގެން ދިޔައެވެ. އެފަދަ ކޮންމެ ނުރައްކަލަކުން ސަލާމަތްކުރަން އާރިޒް ހުންނާތީ ހިތާއިހިތުން ޝުކުރުވެރިވެވުނެވެ. އާރިޒް ދުވެފައި ގޮސް ލިޝާ މިނިވަންކުރިއެވެ. އާރިޒްގެ ގައިގައި ބައްދާލިއިރު، ލިޝާގެ ހަށިގަނޑު ތުރުތުރުލައެވެ. ފުލުހުން އައިސް އެތެރެއަށް ވަނީ އާރިޒް ލިޝާ އަތުލަފިކޮށްގެން ގެންދަނިކޮށެވެ.
"އަކްރަމް ހައްޔަރުކޮށްފި!..." މަދީހާ އޮތް ކޮޓަރިއަށް ވަން ނައީމަށް އުފަލުން ރަނގަޅަށް ވާހަކަވެސް ނުދެއްކެއެވެ.
"ކޮންއިރަކު؟..." މަދީހާއަށްވެސް ލިބުނީ އާދަޔާ ހިލާފު އުފަލެކެވެ.
"ހަމަ ދެންމެ..." ނައީމު ޖަވާބުދިނެވެ.
"ނައީނުގެ ޕްލޭން ކާމިޔާބުވީ...." ނައީމުގެ އަތުގައި ހިފާލަމުން މަދީހާ ބުނެލިއެވެ. "މިއަދު އަހަރެންގެ ދަރިފުޅު ސަލާމަތްވީ، ނައީމުގެ ވިސްނުންތޫނުކަމުން... އާރިޒަށާއި ފުލުހުންނަށް ގުޅާފަ އެވާހަކަ ބުނުން އެއީ ނައީމު ކުރި އެންމެ ރަނގަޅު ކަންތައް... އަހަންނަކަށް ނޭނގެ ނައީމަށް ސުކުރު އަދާކުރާނެ ގޮތެއްވެސް...."
މަދީހާއަށް ރޮވޭގޮތްވިއެވެ. ހިތްވަރުކޮށްފައި ކަރުނަ ފޮހެލިއެވެ.
"އެއީ އަހަރެންގެވެސް ދަރިއެކޭ މަދީ... އެއްފަހަރު ދަރިފުޅު ނުރައްކަލަށް ދޫކޮށްލެވުނީ، އަހަރެންގެ މައްސަލައަކުން.... ދެން އިރާދަކުރެއްވިއްޔާ އެކަހަލަ ކަމެއް ދިމައެއްނުވާނެ..." މަދީހާގެ ކޮނޑުގައި މަޑުމަޑުން ޖަހައިލަމުން ނައީމު ބުނެލިއެވެ.
********
ކައިވެނީގެ ހަފުލާއަށް ރަށުގެ ކުދިބޮޑު އެންމެހާ ރައްޔިތުންނަށް ދައުވަތު ދެވިފައިވިއެވެ. އިންޑިޔާއިން އައި މެހެމާނުންނާއި ހަވާލުވެގެން ހުރީ އާރިޒެވެ. ހަފުލާއަށް އައި މެހެމާނުންނަށް މަރުހަބާ ކިޔުމުގައި މަދީހާ އާއި ނައީމު އަވަދިނެތި އުޅުނެވެ. ކައުސަރު ހަވާލުވެގެން ހުރީ ކާތަށިމައްޗަށެވެ. އަލަތު ކައިވެނި ވެވުނު ޖޯޑަށް މަރުހަބާކިޔުމަށް ހަފުލާއަށް އަންނަމުންދިޔަ ކޮންމެ މީހަކުވެސް ދަނީ ހަދިޔާއެއް ދީފައެވެ.
ލިޝާ އާއި އާރިޒް އެތެރެއަށް ވަދެގެން އައިއިރު، ދެމީހުންގެ އަތް ވަނީ ގުޅި ލާމެހިފައެވެ. ހުދުކުލައިގެ ދިގު ހެދުމެއްގައި ހުރި ލިޝާ އަޅައިގެން ހުރީ ކްރީމް ކުލައިގެ ބުރުގާއެކެވެ. އާރިޒް ލައިގެން ހުރީ ކްރީމް ކުލައިގެ އަތްދިގު ގަމީހަކާއި ކަޅު ފަޓުލޫނެކެވެ. ނުވަމަހުގެ ބޮޑު ބަނޑުގައި ފިރުމަމުން ލިޝާ ގޮސް އަލަތު ކައިވެނި ވެވުނު، ޝަފާޒާއި ސުމާގެ ކުރިމަތީގައި ހުއްޓުނެވެ.
"ދެރަވެއްޖެ ތިކުއްޖާ ޕާޓީއަށް ގެނެވުނީމަ... ތިހާ ބޮޑު ބަނޑެއް ފެނުނީމަ ބިރުވެސް ގަނޭ..." ލިޝާއަށް ސަލާންކުރުމަށް އަތް ދިއްކޮށްލަމުން ސުމާ ބުނެލިއެވެ.
ސަލާމަށް އަތް އުފުލައިލި ލިޝާ ތިރިވާން ފެށިއެވެ. އާރިޒަށް ލިޝާގެ ގައިގައި ހިފެހެއްޓުނީ ކިރިޔާއެވެ. ބަނޑަށް ތަދުވާތީ ލިޝާ ތެޅިފޮޅިގަތެވެ.
ލިޝާގެ ބަނޑުގައި ގަދަޔަށް ރިއްސަން ފެށިއެވެ. ހޮސްޕިޓަލަށް ގެންދިޔަތާ ގިނައިރެއްނުވެ ލިބުނީ އުފާވެރި ހަބަރެކެވެ. ލިޝާއަށާއި އާރިޒަށް ލޯބިލޯބި އަންހެންކުއްޖަކު ލިބުނީއެވެ. ވިހެއުމުގެ ހުރިހާ ކަމެއް ނިމެންދެން ސުމާ އާއި ޝަފާޒް ހޮސްޕިޓަލުގައި ތިއްބެވެ. ކައިވެނީގެ ހެދުމުގައެވެ. ގިނަ މީހުން ދެމަފިރިންނަށް އަލަތު ކައިވެނީގެ މަރުހަބާ ކީ ހޮސްޕިޓަލުންނެވެ.
ސުމާ އާއި ޝަފާޒް އެތެރެއަށް ވަންއިރު، ލިޝާ އޮތީ ތުއްތު ދަރިފުޅު ކައިރީގައި ބާއްވާލައިގެންނެވެ. ސުމާ ފެނުމުން ދަރިފުޅު ނަގައި އުރާލުމަށް ލިޝާ އެދުނެވެ.
"މިހާ ކުޑައިރު ނޭނގޭނެ ކަންނޭނގެ އުރާކަށް..." ތުއްތު ދަރިފުޅު ނަގަން މަސައްކަތް ކުރަމުން ސުމާ ބުނެލިއެވެ.
"ޕްރެކްޓިސް ކުރަން ރަނގަޅު ފުރުސަތެއް މީ... ދެކުދިންގެ ކައިވެނީގެ ހަދިޔާ... ކިހިނެއް ވަނީ؟..." ތުއްތު ދަރިފުޅަށް އިޝާރާތްކޮށްލަމުން، ލިޝާ ހިނިތުންވެލިއެވެ.
"ސުމާދައްތަގެ ލޯބި ފުށްގަނޑު... ކުޑަކުޑަ ގާލް އާރިޒް..." ތުއްތު ދަރިފުޅު ނަގާ އުރާލަމުން ސުމާ އެކުއްޖާގެ މޫނުގައި ލޯބިކޮށްލިއެވެ. "މިކުއްޖާފުޅު މަށަށް އެއްކޮށް ދޭންވީނު..."
"ކާކު އަހަރެންގެ ބޭބީ އަތުލަން އުޅެނީ؟..." ފާހާނާއިން ނުކުމެފައި އާރިޒް ސަމާސާކޮށްލިއެވެ. "ހޫމްމްމް... ލިޓްލް ޕްރިންސަސްގެ ވެޑިން އާންޓީއޭ ދޯ މިއުޅެނީ... ދަރިފުޅު އާންޓީ ކައިރީ ބުނޭ މިހާރު ތިހުރީ ފުށްގަނޑެއް ހޯދަން ކޮލިފައިވެފައޭ... އަމިއްލައަށް ޓްރައިކުރާށޭ..."
އާރިޒްގެ ސަމާސާއިން އެންމެން އެއްފަހަރާ ހީގަތެވެ. ސުމާ އާރިޒާއި ދިމާއަށް ދެލޯ އަޅައިލާފައި ޝަފާޒުގެ އަތުގެ ތެރޭގައި ބޮނޑިވެލިއެވެ. އެންމެންގެ ތުންފަތުގައި ވަނީ އުފާވެރި ހިނިތުންވުމެކެވެ. ލިޝާގެ ކައިރީގައި އޮތް ތުއްތު ދަރިފުޅުވެސް އެންމެންގެ އުފާވެރިކަމުގައި ބައިވެރިވެލުމުގެ ގޮތުން ހިނިތުންވެލިއެވެ. އާރިޒް ލިޝާގެ އަތުގައި ހިފާލީ، ޝުކުރުވެރިވުމުގެ ގޮތުންނެވެ. އަބަދަށް އެކުގައިވުމަށް ދުޢާކުރާ ހާލުގައެވެ.
(ނިމުނީ)
ނޯޓު: އަލްހަމްދުﷲ. މި ވާހަކަ ނިންމާލުގެ ތައުފީގު ދެއްވި ކަމަށްޓަކައި މާތްﷲ ގެ ކިބައަށް ހަމްދާއި ޝުކުރު ދަންނަވަން. ވާހަކަ ކުރިޔަށް ގެންގޮސް ނިންމާލެވުނީ، ތިޔަ ކިޔުންތެރިންގެ ފަރާތުން ހުއްޓުމެއްނެތި، ވާހަކައަށް ދެއްވި އެއްބާރުލުމުގެ ސަބަބުން ކަމުގައި އުފަލާއިއެކު ފާހަގަ ކުރަން. މިފުރުސަތުގައި، ވާހަކައަށް އެކި ގޮތްގޮތުން އެއްބާރުލުން ދެއްވި އެންމެހާ ކިޔުންތެރިންނަށް ހިތުގެ އަޑިން ޝުކުރު ދަންނަވަން.