15 Jun 2012, 13:37
ލ. ހިތަދޫ ކައުންސިލަރު ކަމުގައި އެ ރަށު ހިރާ، އަހްމަދު އަލީ ހުންނެވި އިރު އޭނާގެ ބައްޕަގެ ދޯންޏަކަށް މަސްވެރިކަމުގެ ލައިސަންސް ހަދައިދީފައި ވާތީ، މަގާމުގެ ނުފޫޒު ބޭނުން ކުރެއްވި ކަމުގެ ކުށުގައި އޭނާގެ މައްޗަށް ދައުވާ ކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފި އެވެ.
ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން އެ މައްސަލަ ޕީޖީއަށް ފޮނުވީ މިދިޔަ ހޯމަ ދުވަހު އެވެ.
އޭސީސީން ބުނީ އަހްމަދު އަލީގެ ބައްޕަގެ \\\"ރިވެލި\\\" ދޯންޏަށް މަސްވެރިކަމުގެ ލައިސަންސް ހަދައިދީފައި ވަނީ އެ ދޯނީގެ ސަލާމަތާބެހޭ ސެޓްފިކެޓްގެ މުއްދަތު ހަމަވެފައިވާކަން އަހުމަދު އަލީއަށް އެނގި ހުރެ ކަމަށެވެ. އަދި ދޯނީގެ ސަލާމަތާބެހޭ ސެޓްފިކެޓްގެ މުއްދަތު ހަމަވެފައި އޮއްވާ ޖޫރިމަނާ ވެސް ނުދައްކައި ސެޓްފިކެޓް އޮންނަ ކަމަށް ބަލައިގަނެ އެ ދޯންޏަށް މަސްވެރިކަމުގެ ލައިސަންސް ދޫކޮށްފައިވާ ކަމަށެވެ.
މަސްވެރިކަން ކުރުމުގެ ލައިސަންސް ދިނުމާބެހޭ ގަވާއިދުގެ 4 ވަނަ މާއްދާގެ (2) ނަންބަރުގައި ބުނެފައި ވަނީ އެކްސްޕޯޓް ކުރަން ނުވަތަ އެކްސްޕޯޓް ކުރާ ފަރާތަކަށް ވިއްކަން މަސްވެރިކަން ކުރުމުގެ ލައިސަންސަށް އެދި ހުށަހަޅާއިރު، މުއްދަތު ހަމަނުވާ ސަލާމަތީ ސެޓްފިކެޓެއް އޮންނަންޖެހޭ ކަމަށެވެ.