16 Aug 2010, 19:10
00:14
މަގުމަތިން ހިނގާފައި ދިޔަ އުމުރުން 17 އަހަރުގެ ކުއްޖަކަށް ބަޔަކު ހަމަލާދީ ޒަޚަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ މިއަދު ހަވީރު ފަހެއް ޖަހާކަންހާއިރު އެކުއްޖާ އަށް ބަޔަކު ހަމަލާދީފައި ވަނީ ގަލޮޅު އޮޓޯ ގަރާޖު ކައިރިން ކަމަށެވެ. އަދި އެ ހަމަލާގައި 17 އަހަރުގެ ކުއްޖާގެ ކޮނޑަށާއި އަތަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ. އެހެން ނަމަވެސް ހަމަލާދިނީ ކީއްވެގެން ކަމެއް އަދި އެނގިފައިނުވާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
އައިޖީއެމްއެޗުން ބުނީ އޭނާ އަށް ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
މީގެ އިތުރުން ވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އިރުއޮއްސުނުއިރު މާފަންނު ގެއެއްގެ ތެރެއަށް ބަޔަކު ވަދެ އަންހެނަކާ ޒުވާބުކޮށް ހަމަނުޖެހުން ހިނގާފައިވާ ކަމަށެވެ.
އެހެން ނަމަވެސް އެ ދެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.