ޓެލްއަވީވު (01 ޖޫން 2024): ޣައްޒާގައި އިސްރާއީލު ހިންގާ ގަތުލުއާންމުތަކާއި ނަސްލު ނައްތާލުމުގެ ޖަރީމާތައް ހުއްޓާލުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއުލާނުކުރެއްވި ޕްލޭނަށް ހަމާސް ޖަމާއަތުން މަރުހަބާ ކިޔާފައިވާއިރު އިސްރާއީލުން އެޕްލޭނާ ދެކޮޅު ހަދައިފިއެވެ.

ބައިޑެން އިއުލާނުކުރެއްވި ޕްލޭނަށް ސީދާ ގޮތެއްގައި އިޝާރާތް ނުކޮށް އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ ހަމާސްގެ މައްޗަށް އިސްރާއީލަށް ފުރިހަމަ ކާމިޔާބު ނުލިބޭ އަދި ހަމާސް ބަލިނުކުރެވޭ އެއްވެސް ޕްލޭނެއް އިސްރާއީލު ގަބޫލު ނުކުރާނެކަމުގައެވެ. ނަތަންޔަހޫ މިގޮތަށް ބުނެފައިވާކަން ހާމަކޮށްފައިވަނީ އިސްރާއީލުގެ ބްރޯޑްކާސްޓިން އޮތޯރިޓީންނެވެ.

ހަމާސްގެ މައްޗަށް ފުރިހަމަ ކާމިޔާބު ހޯދުމަކީ ހަމާސް ޖަމާއަތް އިސްރާއީލަށް އަމާންދިނުމާއި ފަލަސްތީނުގެ މިނިވަންކުރުމަށް ކުރާ ހުރިހާ ކަމެއް އެޖަމާއަތުން ހުއްޓާލުންކަން މީގެކުރިން އެތައް ފަހަރަކު އިސްރާއީލުގެ ބޮޑުވަޒީރު ހާމަކޮށްފައިވެއެވެ.

ނަމަވެސް ޣައްޒާގައި އިސްރާއީލު ހިންގާ ގަތުލުއާންމުތައް ހުއްޓާލުމުގެ ނަމުގައި އިއްޔެ އެމެރިކާގެ ރައީސް ހުށަހެޅުއްވި ޕްލޭނަކީ އިސްރާއީލު އެކަމަށް އެއްބަސްވެގެން އިސްރާއީލުން ތައްޔާރު ކުރި ޕްލޭނެއްކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވިއެވެ.

ހަމާސްއިންވަނީ އެމެރިކާގެ ރައީސް ހުށަހެޅުއްވި ޕްލޭނަކީ އީޖާބީ ޕްލޭނެއްކަމަށް ސިފަކޮށް އެޕްލޭން ދިރާސާ ކުރަމުންގެންދާކަން ހާމަކޮށްފައެވެ.

މުރާސިލުން ބުނާގޮތުގައި ބައިޑެން ހުށަހެޅުއްވި ޕްލޭނަކީ މީގެ ތިން ހަފުތާކުރިން އެމެރިކާ، މިސްރު އަދި ގަތަރު މެދުވެރިއެއްގެ ބައި އަދާކޮށްގެން ގާހިރާގައި ހަމާސް އާއި އިސްރާއީލަށް ހުށަހެޅި ޕްލޭނާ ދާދި އެއްގޮތް ޕްލޭނެކެވެ. އެޕްލޭންވެސް ނާކާމިޔާބުވީ އިސްރާއީލުގެ ދެކޮޅު ހެދުންތަކުގެ ސަބަބުންނެވެ.

ބައިޑެން އިއްޔެ އިއުލާނު ކުރެއްވި ޕްލޭން ބިނާކޮށްފައިވަނީ ތިން މަރުހަލާއެއްގެ މައްޗަށެވެ. ފުރަތަމަ މަރުހަލާ ބިނާކޮށްފައިވަނީ ހަ ހަފުތާއަށް ހަމަލާތައް އެއްކޮށް ހުއްޓާލުމާއި ޣައްޒާގައި މީހުން ދިރިއުޅޭ ހުރިހާ ސަރަހައްދުތަކުން އިސްރާއީލު ސިފައިން ފޭބުމުގެ މައްޗަށެވެ. ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ އަސީރުންގެ ތެރެއިން ބަޔަކު މިނިވަންކުރުމާއި އިސްރާއީލުގެ އަތްދަށުގައިވާ ފަލަސްތީނުގެ އަސީރުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު މިނިވަން ކުރުން މިމަރުހަލާގައި ހިމެނެއެވެ.

މީގެއިތުރުން ހަމަލާތައް ހުއްޓާލުމާއެކު ޣައްޒާއަށް ކާބޯތަކެއްޗާއި ބޭހާއި ތެޔޮ ހިމެނޭގޮތަށް ދުވާލެއްގެ މައްޗަށް 600 ޓްރެކް ވެއްދުމުގެ ފުރުސަތު އިސްރާއީލުން ދިނުންވެސް މިމަރުހަލާގައި ހިމެނެއެވެ.

ދެވަނަ މަރުހަލާގައި ހިމެނެނީ ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ އަސީރުންގެ ތެރޭގައި ހިމެނޭ ބާކީތިބި އެންމެން މިނިވަން ކުރުމެވެ. މީގެތެރޭގައި ދިރިތިބި އިސްރާއީލުގެ ހުރިހާ އަސީރުންނާއި މަރުވެފައިވާ އަސީރުންގެ ހަށިތައް ހަމާސްއިން އިސްރާއީލާ ހަވާލުކުރުމާއި އިސްރާއީލުގެ އަތްދަށުގައިވާ ފަލަސްތީނުގެ އަސީރުންގެ ތެރެއިން އެތައް ހާސްބަޔަކު މިނިވަންކުރުން ހިމެނެއެވެ.

ދެވަނަ މަރުހަލާގައި ހިމެނޭ އެންމެ މުހިންމު ކަމަކީ ފުރަތަމަ މަރުހަލާ ނިމުމަށްފަހުވެސް ހަމަލާތައް އަލުން ނުފެށުމާއި ދާއިމީ ގޮތަކަށް ހަމަލާތައް ހުއްޓާލުމުގެ ވާހަކަތައް (ކޮޅެއްގައި ޖެހެންދެން) ކުރިޔަށް ގެންދިޔުމެވެ. އެހެންކަމުން ދެވަނަ މަރުހަލާގައިވެސް އޮންނާނީ ހަމަލާތައް ހުއްޓާލާފައެވެ. ތިންވަނަ މަރުހަލާގައި ހިމެނެނީ ހަމަލާތައް އެއްކޮށް ހުއްޓާލުމާއި ޣައްޒާ އަލުން ބިނާކޮށް އާރާސްތު ކުރުމުގެ މަސައްކަތް ފެށުމެވެ.

ރިޕޯޓްތައް ބުނާގޮތުން މި ޕްލޭނާ އިސްރާއީލު ހަރުކަށި ބޮޑުވަޒީރު ދެކޮޅު ހަދަނީ މީގައި ހަމާސް ހަތިޔާރު ބަހައްޓައި އިސްރާއީލަށް އަމާންދިނުން ނުހިމެނޭތީއެވެ. އަދި ހަމާސް ބަލިނުކުރެވި އިސްރާއީލުން ހަމާސްއަށް ދޫދޭންޖެހޭތީއެވެ. އަދި ބާރުގެ ބޭނުންކޮށްގެން އިސްރާއީލުގެ އަސީރުން މިނިވަން ނުކުރެވުނުކަން ހާމަވެގެންދާތީއެވެ. މީގެއިތުުރުން އިސްރާއީލުގެ އަތްދަށުގައިވާ ފަލަސްތީނުގެ އަސީރުން މިނިވަންކުރާ ގޮތަށް މެނުވީ ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ އަސީރުން މިނިވަން ނުކުރެވުނުކަންވެސް މި ޕްލޭނުން ހާމަވާތީއެވެ.

ބައިޑެން އިއުލާނު ކުރެއްވި މި ޕްލޭނާމެދު ހަމާސްގެ ކަންބޮޑުވުންތަކެއްވެސް އެބަހުއްޓެވެ. މީގެތެރޭގައި ހިމެނޭ އެއްކަމަކީ ޣައްޒާގެ މީހުން ދިރިއުޅޭ ސަރަހައްދުތަކުން އެކަނި އިސްރާއީލު ސިފައިން ފައިބާގޮތަށް އޮތުމާއި ޣައްޒާގެ ހުރިހާ ސަރަހައްދުތަކުން އިސްރާއީލު ސިފައިން ފޭބުން ނުހިމެނޭތީއެވެ. ދެވަނަ ކަމަކީ ހަމަލާތައް ދާއިމީގޮތަކަށް ހުއްޓާލާނެކަން މި ޕްލޭންގައި ސީދާ ގޮތެއްގައި ކަށަވަރުކޮށްދީފައި ނުވާތީއެވެ.

މިޕްލޭނަށް އިސްރާއީލުގެ ބޮޑުވަޒީރު ނުސީދާ ގޮތެއްގައި ދެކޮޅު ހަދާފައިވީނަމަވެސް އެކަމާ އަޅާނުލައްވައި އެމެރިކާގެ ރައީސް ބައިޑެން ހަމާސްއަށް ގޮވާލެއްވީ ހަމާސުން މިޕްލޭން ގަބޫލުކޮށް މިޕްލޭނަށް ރުހުން ދިނުމަށެވެ.

މުހައްލިލުން ވިދާޅުވާގޮތުގައި އިސްރާއީލު އަދިވެސް މަސައްކަތްކުރަނީ ޣައްޒާގައި ހަމާސް އަސްކަރީ ގޮތުން ބަލިކުރުމަށެވެ. ނަމަވެސް ހަމަލާތަކަށް އަށް މަސްވާއިރުވެސް ހަމާސް ބަލިކުރުމުގައި އިސްރާއީލު މުޅިން ނާކާމިޔާބުވެ އަދި ހަމާސްގެ ހަމަލާތަކުގައި މަރުވާ އިސްރާއީލު ސިފައިންގެ އަދަދު އާދަޔާ ޚިލާފަށް ގިނަވަމުން ދިޔުމަކީ އިސްރާއީލަށް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އިސްރާއީލަށް ކެތްނުކުރެވޭ ކަމަކަށް މިކަންވަނީ ވެފައެވެ.

މީގެއިތުރުން އިސްރާއީލު ސިފައިންގެ އެތައް ބަޔަކު ހަނގުރާމައަށް ދިޔުމަށް ދެކޮޅު ހަދައި ނުކިޔަމަންތެރިކަން ދައްކަމުން ގެންދިޔުމަކީ ވެސް އިސްރާއީލަށް ކުރިމަތިވާ އާދަޔާ ޚިލާފު ގޮންޖެހުމެކެވެ.

އިސްރާއީލުގެ ރިޒާވް ފޯސްގެ ޖެނެރަލެއްކަމަށްވާ ހަޔެމް ރޮމޯންވަނީ ޣައްޒާގައި ހަމާސް ބަލިކުރުމަކީ އިސްރާއީލަށް ކުރެވޭނެކަމެއް ނޫންކަމަށް ބުނެ އިއްޔެ ވާހަކަ ދައްކާފައެވެ. އޭނާ ބުނިގޮތުގައި ޣައްޒާގައި އިސްރާއީލު ސިފައިން ގިނަ އަދަދަކަށް މަރުވަމުންދާ ދިޔުމަކީ ލަސްތަކެއްނުވެ އިސްރާއީލުގެ ލަޝްކަރު ރޫޅިގެން ހިނގައިދާނެ ކަމެކެވެ.

މިފަދަ ހާލަތެއްގައި ބޮޑު ބައްޔަކުން ހަމާސްގެ އަތްދަށުން އިސްރާއީލު ބަލިވެދާނެކަމުގެ ކަންބޮޑުވުން އިސްރާއީލުގެ ބޮޑުވަޒީރުވެސް އިހުސާސް ކުރާކަމަށާއި މިއީ އިސްރާއީލަށް ވަރަށް ހައްސާސް މައްސަލައެއްކަން އޭނާ ފާހަގަ ކުރިއެވެ.