01 Jun 2024, 14:43
ސައުދީ އަރަބިއާގެ ކިންގް ކަޕް އޮފް ޗެމްޕިއަންސް މުބާރާތް އަލް ހިލާލް ކާމިޔާބު ކޮށްފިއެވެ.
މިމުބާރާތުގެ ޗެމްޕިއަންކަން އަލް ހިލާލް ހޯދާފައިވަނީ ރޭ ކުޅުނު ފައިނަލްގައި އަލް ނަސްރުއާ ބައްދަލުކޮށް ޕެނަލްޓީ ޖަހައިގެން ފަސް ލަނޑު ހަތަރު ލަނޑު ލަނޑުންނެވެ. މީގެ ހަތަރު ދުވަސް ކުރިން ނިމުނު ސައުދީ ޕްރޯ ލީގުގެ އެންމެ ކުރީގައިވެސް އުޅުނު މިދެޓީމުގެ ކުރިމަތިލުމުގައި ގިނައިރު އަލް ހިލާލް ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ އަލް ނަސްރުއިންނެވެ.
މި ދެ ޓީމުގައި ވެސް ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ ކުޅުންތެރިން ހިމެނެއެވެ. މިގޮތުން މިމެޗުން ބަލިވި އަލް ނަސްރު ޓީމުގައި ދުނިޔޭގެ ފެންވަރުގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅުނެވެ. މީގެއިތުރުން މިޓީމަކީ ސާޑިއޯ މާނޭ، ޑޭވިޑް އޮސްޕީނާ އާއި މާސެލޯ ބްރިޒޮވިޗްވެސް ކުޅެމުން އަންނަ ޓީމެވެ.
އަލް ހިލާލްއަށް ބަލާލާއިރު އެންމެ ފާހަގަ ކޮށްލެވޭ ކުޅުންތެރިޔާ ނޭމާ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރި ނަމަވެސް މިޓީމުގައިވެސް ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ ބައެއް ކުޅުންތެރިން ކުޅެފައިވެއެވެ. މީގެތެރޭގައި އެލެގްޒެންޑާ މިޓްރޮވިޗް، ރުބެން ނެވޭޒް، ކަލިޑޫ ކޯލީބާލީ އަދި ބޯނޯ ހިމެނެއެވެ.
ނިމިދިޔަ ސައުދީ ޕްރޯ ލީގު އަލް ހިލާލްއިން 14 ޕޮއިންޓްގެ ތަފާތަކުން ކާމިޔާބު ކޮށްފައިވުމުން މިމެޗަށް ރޮނާލްޑޯ ނުކުމެފައިވަނީ މިމުބާރާތް ކާމިޔާބުކޮށް މިސީޒަންގައި ތައްޓަކާއެކު ސީޒަން ނިންމާލުމުގެ އަޒުމާއެކުއެވެ. ނަމަވެސް މިމެޗުގެ ފެށުން ރަނގަޅުވީ އަލް ހިލާލްގެއެވެ. މިގޮތުން މެޗުގެ ހަތް ވަނަ މިނެޓުގައި މިޓްރޮވިޗް ޖަހައިދިން ލަނޑަކާއެކު އަލް ހިލާލްއިން ވަނީ މެޗުގެ ލީޑު ނަގައިފައެވެ.

ރޮނާލްޑޯ މެޗުގެ ތެރެއިން: އަލް ނަސްރަށް ތަށި ނުލިބުނު ނަމަވެސް ރޮނާލްޑޯ ވަނީ ޕްރޯ ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރަން ބޫޓު ހާސިލް ކޮށްފައި -- ފޮޓޯ/ ރޮއިޓާސް
މިމެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ނުފެނުނު ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔައެވެ. މިމެޗުގައި އަލް ނަސްރުއިން ލަނޑެއް ޖެހުމަށް ކުރަމުންދިޔަ މަސައްކަތަށް އިތުރު ހީނަރު ކަމެއް އައީ މެޗުގެ 56 ވަނަ މިނެޓުގައި އަލް ހިލާލް އިން އުފެއްދި ހަމަލާއެއް ދިފާއު ކުރުމުގެ ތެރޭގައި ޕެނަލްޓީ އޭރިއާ ބޭރުން އަލް ނަސްރުގެ ކީޕާ އޮސްޕިނާ ބޯޅައިގައި އަތްލުމުންނެވެ. މިއާއެކު ރެފްރީވަނީ އޭނާއަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލައިފައެވެ. މިއާއެކު މެޗުގެ ބާކީ ބައި އެޓީމުން ކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ.
މިނަތީޖާގައި އޮވެގެން މެޗު ނިމެން ދަނިކޮށް އަލް ނަސްރަށް ހިތްވަރެއް ލިބުނީ މެޗުގެ 87 ވަނަ މިނެޓުގައި އަލް ހިލާލްގެ އަލީ އަލް ބުހައިލީ، އަލް ނަސްރުގެ ކުޅުންތެރިއަކަށް ހަމަލާ ދިނުމާ ގުޅިގެން އޭނާއަށް ވެސް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. ނަތީޖާއަކަށްވީ ޖެހިގެން އައި މިނެޓްގައި އަލް ނަސްރު އިން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރުމެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ އައިމަން ޔަހްޔާއެވެ.
މެޗުގެ 90 ވަނަ މިނެޓުގައި އަލް ހިލާލްގެ ކޯލީބާލީ ކުރި ފައުލަކާ ގުޅިގެން ދެވަނަ ރީނދޫ ކާޑަކާއެކު އޭނާއަށްވެސް ރަތް ކާޑު ދެއްކިއެވެ. މިއާއެކު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައިވެސް އަލް ހިލާލްއިން ކުޅެފައިވަނީ ނުވަ ކުޅުންތެރިންނާ އެކުއެވެ. ނަމަވެސް މިއާއެކުވެސް އަލް ނަސްރުއަށް މިކަމުގެ ފައިދާ ނެގޭގޮތެއް ނުވިއެވެ. ނަތީޖާއަކަށްވީ ޕެނަލްޓީ ޖަހަން ޖެހުމެވެ. ޕެނަލްޓީ ޝޫޓް އައުޓްގައި އެންމެ ފުރަތަމަ ޖެހި ދެ ޕެނަލްޓީވެސް އެއްވެސް ޓީމަކަށް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. ނަމަވެސް ޖެހިގެން އައި ހަތަރު ޕެނަލްޓީވެސް ދެޓީމުން ކާމިޔާބުކުރިއެވެ.
ޕެނަލްޓީ ޝޫޓް އައުޓްގައި ދެޓީމުން ޖެހި ހަވަނަ ޕެނަލްޓީ ކާމިޔާބު ކުރެވޭގޮތް ނުވިއިރު އަލް ނަސްރުގެ ހަތްވަނަ ޕެނަލްޓީވެސް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. ނަތީޖާއަކަށްވީ އަލް ހިލާލްއިން އެޓީމުގެ ހަތްވަނަ ޕެނަލްޓީ ކާމިޔާބުކޮށް މިމުބާރާތް ކާމިޔާބު ކުރުމެވެ.
މިކާމިޔާބީއާއެކު އަލް ހިލާލްއިން މިވަނީ މިސީޒަންގެ ސައުދީ ޕްރޯ ލީގުގެ އިތުރުން ކިންގް ކަޕް އޮފް ޗެމްޕިއަންސްވެސް ކާމިޔާބު ކޮށްފައެވެ. އަދި ރޮނާލްޑޯ ސައުދީ އަރަބިއާގައި ހޭދަކުރި ފުރަތަމަ ފުރިހަމަ ސީޒަން ނިންމާލާފައިމިވަނީ ތައްޓަކާ ނުލައެވެ. ނަމަވެސް ރޮނާލްޑޯ ވަނީ ޕްރޯ ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރަން ބޫޓު ހާސިލް ކޮށްފައެވެ.