15 Jun 2012, 12:19
ފޭރުމުގެ މައްސަލައެއްގައި ހައްޔަރު ކުރި ހަތަރު ފުލުހަކާއި ދެ ސިފައިންނާއި ބަންގާޅު ދެ މީހުން ތަހުގީގުގައި ކުށަށް އިއުތިރާފުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އެ މައްސަލަ މިހާތަނަށް ތަހުގީގު ކުރުމުން އެނގިފައިވަނީ އެކިފަހަރު މަތިން ބިދޭސީން އަތުން ގިނަ އަދަދެއްގެ ފައިސާތަކާއި އަގުބޮޑެތި ސާމާނު ތަކެއް އެ މީހުން ފޭރިގެނެފައިވާ ކަމަށެވެ. އަދި ކުށަށް އެ މީހުން އިތުރާފުވެފައިވާއިރު، އެ މައްސަލައާ ގުޅޭ އިތުރު މީހަކު ހޯދަމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ މީހާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރު ކުރީ ގްރޫޕް ހަދައިގެން ބިދޭސީން ދިރިއުޅޭ ތަންތަނަށް ވަދެ އެ މީހުންނަށް ބިރުދައްކައި ފައިސާތަކާއި ގެންގުޅޭ އަގުބޮޑެތި ތަކެތި ފޭރިގަންގެން ދާ ކަމުގެ މައްސަލަތަކެއް ހުށަހެޅުމާ ގުޅިގެން ކަމަށެވެ. އެ ގޮތުން މި މަހުގެ 8 ވަނަ ދުވަހު ފަތިހު 5:30 ހާއިރު ބިދޭސީންތަކެއް އަތުން ފައިސާތަކެއް ފޭރުނު މައްސަލައަކާ ގުޅިގެން ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނެއް އެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ ފޭރުމުގެ މައްސަލައިގައި ފުލުހުންގެ ބަޔަކު ބައިވެރިވެފައިވާތީ އެކަން މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ވަރަށް ބޮޑު އިސްކަމެއްދީގެން ތަހުގީގު ކުރަމުންދާ ކަމަށެވެ. މިގޮތުން އެ ފުލުހުންނާމެދު ފުލުހުންގެ ޤާނޫނުގެ ދަށުން ފިޔަވަޅުތައް އަޅާނެ ކަމަށް ބުންޏެވެ.