01 Jun 2024, 13:38
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތައުލީމީ ދާއިރާއަށާއި އަމިއްލަ ޖަމިއްޔާތަކަށް އެ ކުންފުނީގެ ޒަމާނީ ބަހުގެ މޮޑެލްތަކާއި އޭއައިގެ ގާބިލްކަން ގެނައުމަށް ޓަކައި އޯޕަންއޭއައިއިން ބޮޑު ދެ ހަރަކާތެއް އިފުތިތާހުކޮށްފިއެވެ.
އާޓިފިޝަލް އިންޓެލިޖެންސް ރިސާޗް ކުންފުނި އޯޕަންއޭއައިއިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޔުނިވާސިޓީތަކާއި ތައުލީމީ މަރުކަޒުތަކަށް ޗެޓްޖީޕީޓީ ޗެޓްބޮޓްގެ ޚާއްސަ ވާޝަނެއް ކަމަށްވާ "ޗެޓްޖީޕީޓީ އެޑިއު" ތައާރަފުކޮށްފައިވާ ކަމަށެވެ.
އޯޕަންއޭއައިގެ އެޑްވާންސް ޖީޕީޓީ-4އޯ މޮޑެލްގެ އެހީގައި ހިންގާ ޗެޓްޖީޕީޓީ އެޑިއުގެ އަމާޒަކީ ދަރިވަރުންނާއި ފެކަލްޓީ އާއި ރިސާޗަރުން އަދި ކެމްޕަސް އޮޕަރޭޝަންތަކަށް އޭއައި ޓޫލްސްއިން އެހީތެރިކަން ފޯރުކޮށްދިނުމާއި އެނަލިސިސް ކުރުމާއި ގްރޭޑިން ފަދަ ކަންކަން ހަރުދަނާ ކުރުމެވެ.
މި ޕްލެޓްފޯމުން ޓެކްސްޓް މާނަކޮށް، ކޯޑްކޮށް، ހިސާބުގެ މައްސަލަތައް ހައްލުކޮށް، ޑޭޓާ އެނަލިޓިކްސް ހަދައި، ވެބް ބްރައުޒްކޮށް ޑޮކިއުމަންޓް ސަމްރީޒް ޖެނެރޭޓް ކުރެވޭނެއެވެ.
އޮކްސްފޯޑް، ޔޫޕެންސް ވާޓަން ސްކޫލް، ޔޫޓީ އޮސްޓިން، އެރިޒޯނާ ސްޓޭޓް އަދި ކޮލަމްބިއާ ފަދަ ޝަރަފުވެރި ބައެއް ޔުނިވާސިޓީތަކުން މިހާރު ވެސް ވަނީ އޯޕަންއޭއައިގެ އޮރިޖިނަލް ޗެޓްޖީޕީޓީ ބޭނުންކޮށްގެން ކާމިޔާބީތަކެއް ހޯދާފައެވެ.
އޯޕަންއޭއައިއިން ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޮޕަރޭޝަނަލް އަދި ވަސީލަތްތަކުގެ ދަތިކަން ކުރިމަތިވެފައިވާ ޖަމިއްޔާތަކަށް ޗެޓްޖީޕީޓީ އާއި އެ ކުންފުނީގެ ލެންގުއޭޖް މޮޑެލްތަކަށް އެކްސެސް އިތުރުކުރުމުގެ ގޮތުން "އޯޕަންއޭއައި ފޯ ނޮން ޕްރޮފިޓްސް" ޕްރޮގްރާމެއް ވެސް ތައާރަފު ކުރަމުންނެވެ.
"އަމިއްލަ ފަރާތްތަކުން މިހާރުވެސް ޗެޓްޖީޕީޓީ ބޭނުންކޮށްގެން އުފެއްދުންތެރިކަން އިތުރުކޮށް، އެމީހުންގެ މުޖުތަމައުތަކަށް އާ ގޮތްގޮތުން ޚިދުމަތް ދެމުން އެބަދޭ... ޗެޓްޖީޕީޓީގެ ސަބަބުން ހުރިހާ ފަރާތްތަކަށް ވެސް މިހާރު ހުރި ހުރަސްތައް ނައްތާލައި، މަދު ވަސީލަތްތަކާއެކު އިތުރު ކާމިޔާބީތަކެއް ހޯދުމުގެ މަގު ފަހިވެގެންދާނެ،" އޯޕަންއޭއައިއިން ބުންޏެވެ.
ބްރެޒިލްގެ ގްރޫޕެއް ކަމަށްވާ ސެރީނާސްއިން ޗެޓްޖީޕީޓީ ބޭނުންކޮށްގެން އެންޓި-ވަޔަލެންސް އިނީޝިއޭޓިވްސްއަށް ގްރާންޓް ޕްރޮޕޯސަލްތައް ލިޔުމާއި ދެކުނު އެފްރިކާގެ ޖަމިއްޔާއަކުން ސިއްހީ މައުލޫމާތު ސާފުކޮށް، އެނަލައިޒްކޮށް މާނަ ކުރުމަށް އޭއައި ބޭނުންކުރުން ފަދަ މިސާލުތައް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.