އިސްރާއީލު ފައުޖުތަކުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ނިމުމަކަށް ގެނެސް ހަނގުރާމަ ހުއްޓައިލުމަށް އިސްރާއީލުން އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

ބައިޑެން އެގޮތަށް ވިދާޅުވީ އިސްރާއީލަށް ތާއީދުކުރާތީ އާންމުންގެ ފާޑުކިޔުން އޭނާއަށް ވަރަށް ބޮޑަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިޑެން ވިދާޅުވީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އިސްރާއީލުން ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށެވެ.

ތިން މަރުހަލާއެއް ހިމެނޭ އެ ހުށަހެޅުމުގެ ފުރަތަމަ މަރުހަލާގައި ހަ ހަފުތާއަށް ހަނގުރާމަ މެދުކަނޑައިލާ ޣައްޒާގެ ހުރިހާ ސަރަހައްދަކުން އިސްރާއީލު ސިފައިން ފައިބަންޖެހެއެވެ. އެ މުއްދަތުގެ ތެރޭގައި ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުން ރަހީނުކޮށްފައިވާ ބައެއް އިސްރާއީލު އަސީރުން މިނިވަން ކުރަން ޖެހެއެވެ. އަދި ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުންވެސް އެ މުއްދަތުގައި ކުރިއަށްދާނެ ކަމަށް އެ ހުށަހެޅުމުގައިވެއެވެ.

ދެވަނަ މަރުހަލާގައި ޣައްޒާގައި ދިރިތިބި ހުރިހާ ރަހީނުން ދޫކޮށްލުމާއި، އިސްރާއީލުގެ ސިފައިން އެ ސަރަހައްދުން ފޭބުމާއި، ދާއިމީކޮށް ހަނގުރާމަ ހުއްޓައިލުން ހިމެނެއެވެ.

ނަމަވެސް އެއް މަރުހަލާއިން އަނެއް މަރުހަލާއަށް ދިއުމުގައި މަޝްވަރާތައް ކުރިއަށްދާނެ ކަމަށް ބައިޑެން ވިދާޅުވިއެވެ.

ހަނގުރާމަ ހުއްޓައިލުމަށް އިސްރާއީލުން ހުށަހެޅި އެންމެ ފަހު މަރުހަލާގައި ޣައްޒާ އަލުން އާރާސްތުކުރުމުގެ މަސައްކަތް ފަށާނެއެވެ. އަދި މަރައިލައިފައިވާ ހުރިހާ އެންމެންގެ ހަށިގަނޑުތައް އާއިލާތަކާ ހަވާލުކުރާނެއެވެ.

ނަމަވެސް ބައިޑެންގެ އެ ވާހަކަފުޅާމެދު އިސްރާއީލުން މިހާތަނަށްވެސް ވާހަކަ ދައްކައިފައެއްނުވެއެވެ.

އިސްރާއީލު ފައުޖުތަކުން ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތާކުގައި މިހާތަނަށް ގާތްގަޑަކަށް 36،224 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު ވަނީ 81،777 އަށް އުފުލިފައެވެ.