ހޫނު ގަދަވެ ހީޓް ސްޓްރޯކް ޖެހިގެން އިންޑިއާގައި އެއް ދުވަސް ތެރޭގައި 24 މީހުން މަރުވެއްޖެއެވެ.

އެ މީހުން މަރުވެފައި ވަނީ އިންޑިއާގެ އިރުމަތީގައި އޮންނަ ދެ ސްޓޭޓް ކަމަށްވާ، ބިހާރާއި އޮޑިއްސާއިންނެވެ.

މިދުވަސްވަރު އިންޑިއާގެ އެކި ހިސާބުތަކަށް ވަނީ ވަރަށް ބޮޑަށް ހޫނު ގަދަވެފައެވެ. ވެރިރަށް ދިއްލީގެ ބައެއް ހިސާބުތަކަށް މި ހަފުތާ ވަނީ އާދަޔާ ހިލާފަށް ހޫނު ގަދަވެފައެވެ. ހޫނުމިން މިހާތަނަށް މައްޗަށް ނުދާވަރަށް މަތިވެ، 52.9 ޑިގްރީ ސެލްސިއަސްއަށް މަތިވެފައިވެއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ހުޅަނގު އުތުރާއި މެދުތެރޭ އިންޑިއާގެ ފިނިހޫނުމިން ދަށްވާނެ ކަމަށް ބެލެވޭއިރު، އިރުމަތީ އިންޑިއާއަށް އިތުރު ދެ ދުވަސް ވަންދެން ހޫނު ގަދަވުން އެކަށީގެންވާ ކަމަށް އެ ގައުމުގެ މޫސުމާބެހޭ އިދާރާއިން ހާމަކުރެއެވެ.

ހޫނުގަދަވުމުގެ ސަބަބުން ދިއްލީގައި ދިރިއުޅޭ ޖަނަވާރުތައްވެސް ބަލިވަމުން އަންނަ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

އިންޑިއާގެ ބައެއް ސަރަހައްދުތަކަށް ހޫނުގެ އަސަރު ކުރަމުންދާއިރު، ތޫފާން ރެމަލް އަށް ފަހު އިރުއުތުރުގެ ސްޓޭޓްތައް ކަމަށްވާ މަނިޕޫރާއި އާސާމް އަށް ބޯކޮށް ވާރޭވެހި ބައެއް ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފައެވެ.

އިންޑިއާގެ އިތުރުން އަވަށްޓެރި ޕާކިސްތާން ހިމެނޭ ގޮތަށް މުޅި އޭޝިއާގެ އެތައް ބިލިއަން ބަޔަކު އަންނަނީ ހޫނުގަދަވުމުގެ މައްސަލަ ތަހައްމަލުކުރަމުންނެވެ.