ބޮލީވުޑްގެ އެކްޓަރު އަރުޖުން ކަޕޫރާއި މަލައިކާ އަރޯރާގެ ދުވަސްވީ ލޯބީގެ ގުޅުމަށް ނިމުން ގެނެސް ދެމީހުން ވެސް ވަކިވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ވަރަށް ގިނަ ނޫސްތަކުން މި ޚަބަރު ގެނެސްދީފައިވާއިރު ދެ މީހުން ވަކިވެފައިވާތާ މިހާރު ދުވަސްކޮޅެއް ވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. މީގެކުރިން ވެސް ދެމީހުންގެ ގުޅުމުގައި މައްސަލަޖެހި ވަކިވެފައިވާ ކަމުގެ އަޑުތައް ފެތުރުނު ނަމަވެސް ފަހުން ދެ މީހުން އެކީގައި ބައެއް ހަފުލާތަކުން ވެސް ވަނީ ފެނިފައެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ހިންދުސްތާނު ޓައިމްސްގައި ބުނެފައިވާ ގޮތުން ދެ މީހުން ވަކިވި ނަމަވެސް އެ ދެ މީހުން އެކަކު އަނެކަކަށް އިހުތިރާމު ކުރާނެ ކަމަށާއި އެއްވެސް ބަޔަކު އެ ދެމީހުންގެ މައްސަލައިގެ ތެރެއަށް ވައްދަން ބޭނުންނުވާ ކަމަށް ނިންމާފައިވެއެވެ.

ހަމައެއާއެކު ދެ މީހުންގެ ގުޅުން ނިމުމަކަށް އައުމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދައްކަން އަރުޖުން ވެސް މަލައިކާ ވެސް ބޭނުންނުވާ ކަމަށާއި މިކަމުގައި ދެ މީހުންވެސް ބޭނުންވަނީ ހަނު ތިބުމަށް ކަމުގައި ހިންދުސްތާނު ޓައިމްސްގައި ވަނީ ބުނެފައެވެ.

މަލައިކާ ދަރިފުޅު އަރުހާންއާ އެކު--ފޮޓޯ/ޕިންކްވިލާ
މިހާރު އުމުރުން 50 އަހަރުގެ މަލައިކާ އާއި 38 އަހަރުގެ އަރުޖުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ގިނަ ދުވަސްވެފައިވާއިރު ދެ މީހުންގެ ގުޅުން ރަސްމީކޮށް ސޯޝަލް މީޑިއާގައި އިއުލާނުކުރީ 2018ވަނަ އަހަރެވެ. މަލައިކާގެ ޢުމުރަށްވުރެ އެތައް އަހަރު ހަގު މީހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތީ ދެ މީހުންނަށް ވެސް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަބަދުވެސް ރައްދުވެއެވެ.

ވަރަށް ގިނަ މީޑިއާ އިންޓަވިއުތަކާއި ރިއަލިޓީ ޝޯތަކުގައި މަލައިކާ ގާތު ކައިވެންޏާ ގުޅިގެން ސުވާލު ކުރުމުން ބުނެފައި ވަނީ ކައިވެނި ކުރަން ބޭނުންވާ ކަމަށާއި އެކަމަކު އެއީ އޭނާއަށް އެކަނި ނިންމޭނެ ނިންމުމެއް ނޫންކަމުގައެވެ. އަރުޖުންއަށް ސުވާލުތައް ރައްދުވާ ކޮންމެ ފަހަރަކުވެސް އެކްޓަރު ބުނެފައި ވަނީ ކައިވެންޏަށް ތައްޔާރު ނޫން ކަމަށެވެ.

ބޮލީވުޑްގެ ބައެއް ފިލްމުތަކުގެ ޚާއްސަ ލަވަތަކުން ފެނިފައިވާ މަޝްހޫރު މޮޑެލް އަދި ނެށުންތެރިޔާ މަލައިކާގެ ފުރަތަމަ ކައިވެނި ކުރީ އެކްޓަރު އަރުބާޒު ޚާންއާއެވެ. އުމުރުން 21 އަހަރުގައި ކުރި އެ ކައިވެނި ރޫޅިފައި ވަނީ 2017ވަނަ އަހަރުއެވެ. މި ކައިވެންޏަށް ފިރިހެން ކުއްޖަކު ވަނީ ލިބިފައެވެ.