ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަވާއިދާ ހިލާފަށް ބެޓިން ކުންފުންޏެއްގެ އިސްތިހާރު މެޗު ތެރޭގައި އާއްމުކޮށް ދެއްކުމުގެ ކުށުގައި ޑެންމާކުގެ ނިކޮލަސް ބެންޓްނާ ސަސްޕެންޑް ކުރާނެ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނަން ފަށައިފި އެވެ.

ޕޯޗުގަލް އަތުން ޑެންމާކް 3-2 އިން ބަލިވި މެޗުގައި ލަނޑު ޖަހާފައި އުފާފާޅު ކުރުމުގެ ތެރޭގައި ބެންޓްނާ ވަނީ ބެޓިން ކުންފުނީގެ ޝިއާރެއް އޭނާގެ ބޮކްސާގައި ޖަހާފައިވާ މަންޒަރު ދައްކާފަ އެވެ.

މި މައްސަލާގައި އޭނާ ސަސްޕެންޑް ކުރަން ޔޫއޭފާއިން ނިންމީ މުބާރާތުގެ ސްޕޮންސަރުންނާއި ޓީމުތަކުގެ ސްޕޮންސަރުންގެ ހައްގު ހިމާޔަތްކުރުމަށްޓަކަ އެވެ.

ބެންޓްނާ ސަސްޕެންޑް ކޮށްފިނަމަ އޭނާ އަށް ގްރޫޕް ސްޓޭޖުގެ ފަހު މެޗު ނުކުޅެވޭނެ އެވެ. މުބާރާތުގެ ގްރޫޕް ގަދަ އަށަކުން ޖާގަ އެއް ޑެންމާކަށް ލިބޭނީ ޖާމަނީ އަތުން ބަލިނުވެ ފަރުޖައްސައިގެންނެވެ.