31 May 2024, 23:21
ފުޓްބޯޅަ ކުޅުންތެރިންނަށް އަރާމެއް ނުލިބޭގޮތަށް ކުޅޭ މުބާރާތްތައް އިތުރުވެ ކުޅުން ތެރޭ މެޗުތައް އިތުރު ކުރަމުންދާނަމަ އެކުޅުންތެރިން މުޒާހަރާއަކަށް ހިނގައިދާނެކަމުގެ އިންޒާރު ފީފާއަށް ދީފިއެވެ.
ފީފާއަށް މިކަމުގެ އިންޒާރު ދީފައިވަނީ ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން، ޕީއެފްއޭ އާއި ދުނިޔޭގެ ކުޅުންތެރިންގެ ޔޫނިއަން، ފިފްޕްރޯ އަދި ވާލްޑް ލީގްސް އެސޯސިއޭޝަން، ޑަބްލިޔުއެލްއޭ ގުޅިގެން ފޮނުވި ސިޓީއެއްގައެވެ.
ޕީއެފްއޭގެ ޗީފް އެގްޒެކެޓިވް މަހެޓާ މޮލަންގޯ ހާމަކުރާގޮތުގައި ކުޅުންތެރިން މިހާރު ތިބީ ގޮތް ހުސްވާ ހިސާބުގައެވެ. ޕީއެފްއޭއިން އަންނަނީ ކުޅުންތެރިން ކުޅެންޖެހޭ މެޗުތައް އިތުރުވެ އެކުޅުންތެރިންނަށް ޕްރެޝަރު އިތުރު ވަމުންދާތީ އެކަމަށް ހައްލެއް ހޯދުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކަށް ގޮވާލަމުންނެވެ.
މީގެ ތެރެއިން ވެސް ހާއްސަކޮށް ކްލަބް ވާރލްޑް ކަޮޕް 32 ޓީމާއެކު މިއަންނަ ސީޒަނުން ފެށިގެން ބޭއްވުމަށް ފީފާއިން ނިންމި ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދެއެވެ. މޮލަންގޯ ހާމަކުރި ގޮތުގައި އޭނާ އާއި ދިމާވާ ބައެއް ކުޅުންތެރިންވަނީ ދެން އިތުރަށް ކެތް ނުވާނެކަމަށާއި މިކަން ކުރުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލު އުފައްދާފައެވެ.
މިގޮތުން އެ ކުޅުންތެރިންނަކީ މިލިއަނަރުން ކަމަށާއި ނަމަވެސް އެ ފައިސާ ޚަރަދު ކުރާނެ ވަގުތެއް އެ ކުޅުންތެރިންނަށް ނުލިބޭ ކަމަށެވެ.
ސީޒަން ނިމުމުން ކޮންމެ ފަހަރަކު ޕީއެފްއޭ އާއި ފިފްޕްރޯ ގުޅިގެން ބާއްވާ ޕްލެޔާ ވޯކްލޯޑް އެންޑް ރިކަވަރީ ބައްދަލުވުމުގައި މޮލާންގޯ ވާހަކަ ދައްކަމުން ހާމަކުރި ގޮތުގައި އޭނާއަށް މިފަދަ ބައްދަލުވުންތަކުގައި ކުޅުންތެރިންގެ ދިފާއުގައި ވާހަކަދައްކާ ހެދިދާނެކަމަށާއި ނަމަވެސް މިކަމަށް ހައްލެއް ގެނެވޭނެ ބަޔަކަށް ތިބީ ކުޅުންތެރިންކަމަށެވެ.
ކުޅުންޔެރިން ބޭނުންވެއްޖިއްޔާ މިކަމަށް ހައްލެއް ގެނެވޭނެކަމަށް ވެސް އޭނާ ގަބޫލްކުރެއެވެ.
ޔޫނިއަން ތަކުގެ އިތުރުން ބައެއް ބޮޑެތި ކްލަބް ތަކުގެ ކޯޗުންވެސްވަނީ މިކަމާ ގުޅޭގޮތުން އަޑު އުފުލާފައެވެ. ޚާއްސަ ގޮތެއްގައި އިންގްލިޝް ޕްރިމިއާ ލީގުގެ ޕެޕް ގާޑިއޯލާ އާއި ޔާގަން ކްލޮޕް ފާހަގަ ކޮށްލެވެއެވެ.