ރާއްޖެއިން މި އަހަރު ޙައްޖަށްދާ މީހުންގެ ފުރަތަމަ ގްރޫޕު މިއަދު މެންދުރު ފުރައިފިއެވެ.

ރާއްޖެއިން ޙައްޖަށްދާ ޙައްޖުވެރިން މިއަދު ފުރަން ފެށީއިރު ރާއްޖެއިން ހުރިހާ ޙައްޖުވެރިން ވެސް ގެންދާނީ ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ. އެގޮތުން، މިއަދު ޙައްޖަށް ފުރީ 298 މީހުންނެވެ. މި އަހަރު އެހީތެރިން ނުހިމަނައި ރާއްޖެއިން ޙައްޖަށް ދާނީ 980 މީހުންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި އަހަރު ދިވެހި ޙައްޖުވެރިން ފުރަން ހަމަޖެހިފައިވަނީ ތިން ދުވަހަކަށް ބަހާލައިގެންނެވެ. އެއީ:

  • މިއަދު 298 މީހުން: އެއީ، 272 ޙައްޖުވެރިންނާއި 26 އެހީތެރިން

  • ހޯމަ ދުވަހު 353 މީހުން: އެއީ، 330 ޙައްޖުވެރިންނާއި 23 އެހީތެރިން
  • އަންނަ ހަފުތާގެ ހުކުރުގައި 339 މީހުން: އެއީ، 316 ޙައްޖުވެރިންނާއި 23 އެހީތެރިން

ޙައްޖުވެރިން ފުރުވަން އެއާޕޯޓުގައި ހުންނަވައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ، ޙައްޖާޖީންގެ ފުރުމުގެ އިންތިޒާމުތައް ވަރަށް ފުރިހަމައަށް އިންތިޒާމުކުރެވިފައިވާ ކަމަށާއި އެ ކަމަށްޓަކައި އެ ކަމުގައި ޝާމިލުވާ ހުރިހާ އިދާރާތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.

ޙައްޖުވެރިން ފުރަން އެއާޕޯޓުގައި: ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕު މިއަދު ވަނީ ފުރާފައި -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

"އެއާޕޯޓު މި ވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ވެސް މި ވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި،" ވަޒީރު ވިދާޅުވިއެވެ.

ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕު ފުރުވަން މިއަދު އެއާޕޯޓުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވެސް ބައިވެރިވެވަޑައިގެން ކަމަށް މިނިސްޓްރީން ބުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި އަހަރު ޙައްޖަށް ފުރާ މީހުންގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފަސް އަހަރު ހިލޭ ޙައްޖަށް ފޮނުވަން ވައުދުވި 1،000 މީހުންގެ ތެރޭގައި ހިމެނުނު ފުރަތަމަ 50 މީހުން ވެސް ހިމެނޭނެއެވެ.

ޙައްޖުވެރިން އެއާޕޯޓުގައި: އަދި ދެ ދުވަހެއްގެ މަތިން ޙައްޖުވެރިން ފުރާނެ -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް ޙައްޖަށް ފުރާ މީހުން މާލޭ ސަރަހައްދުން އެއާޕޯޓަށް ދިއުމުގެ އިންތިޒާމުތައް އިސްލާމިކް މިނިސްޓްރީން ވަނީ ހަމަޖައްސައިފައެވެ.

ސައޫދީ އަރަބިއްޔާއިން މި އަހަރު ރާއްޖެއިން ކަނޑައެޅީ 1،000 ކޯޓާއެވެ. ސަރުކާރުން ނިންމީ އެ ހުރިހާ ކޯޓާއެއްގައި ވެސް ޙައްޖުވެރިން މި ފަހަރު ގެންދާނީ ޙައްޖު ކޯޕަރޭޝަނުން ކަމަށެވެ.

ޙައްޖުވެރިން ފުރަން ފަސޭހަކޮށްދިނުމުގެ ގޮތުން އެއާޕޯޓުގައި އިތުރު ފުލުހުން ހަރަކާތްތެރިވާނެ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ. ޙައްޖުވެރިން ފުރާ މޫސުމަކީ އެއާޕޯޓަށް ބާރުބޮޑު ދުވަސްވަރެކެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ޙައްޖު ދުވަސް ދިމާވަނީ ޖޫން މަހުގެ 16 ވާ އާދީއްތަ ދުވަހާއެވެ.