14 Jun 2012, 22:10
ތޫނިސް (ޖޫން 13): މަޤާމުން ދުރުކުރެވިފައިވާ ތޫނިސްގެ ކުރީގެ ރައީސް ޒައިނުލްޢާބިދީން ބިން ޢަލީ އުމުރަށް ޖަލަށް ލުމަށް އެޤައުމުގެ ޢަސްކަރީ ކޯޓަކުން މިއަދު ޙުކުމްކޮށްފި އެވެ.
މިޙުކުމް އިއްވީ ބިންޢަލީގެ ވެރިކަމުގައި ތޫނިސްގެ ދެރަށެއްގައި ރައްޔިތުންކުރި މުޒާހަރާތަކަށް ތޫނިސްގެ ސަލާމަތީ ބާރުތަކުން ބަޑިޖަހައި މީހުންމެރިމައްސަލައިގެ ފަހަތުގައި އޭނާ ހުންނެވިކަން ސާބިތުވުމާގުޅިގެން އިއްވި ޙުކުމެއްކަމަށް ޢަސްކަރީ ކޯޓުން ބުނެ އެވެ. މިޙުކުމް އިއްވުމުގެ ތަންކޮޅެއްކުރިން ތޫނިސްގެ ޢަސްކަރީ އެހެންކޯޓަކުން މިއަދު ވަނީ 20 އަހަރަށް ޖަލަށްލުމުގެ އިތުރުޙުކުމެއް ވެސް ޒައިނުލްޢާބިދީން ބިންޢަލީގެ މައްޗަށް އިއްވާފަ އެވެ.
މިޙުކުމް އިއްވާފައި ވަނީ މީހުން މެރުމަށް ހިއްވަރުދިނުމުގެ މައްސަލައަކާއި ހަމަނުޖެހުމަށް މަގުފަހިވާ ފަދަ ކަންތައްތަކަކަށް އަމުރުކުރެއްވި ކަމުގެ ކުށް ސާބިތުވި މައްސަލައަކާ ގުޅިގެންނެވެ. ބިންޢަލީގެ މައްޗަށް ޙުުކުމް އިއްވުމުގެ އިތުރުން އޭނާގެ ވެރިކަމުގެ އެންމެ ފަހު ދުވަސްތަކުގައި ދާޚިލީ ވަޒީރަކަށް ހުންނެވި ރަފީޤް ބިލްޙާޖް ގެ މައްޗަށް ވެސް 12 އަހަރުގެ ޖަލުޙުކުމެއް ޢަސްކަރީ ކޯޓުން އިއްވި އެވެ. ރަފީޤް ގެ މައްޗަށް ސާބިތުވީ މުޒާހަރާކުރި މީހުންގެ ގަޔަަށް ބަޑިޖެހުމަށް އަމުރުކުރިކަމުގެ ކުށެވެ.
2011 ވަނަ އަހަރުގެ ޖަނަވަރީމަހު ރައްޔިތުންގެ އުތުުރިއެރުމެއްގައި މަޖްބޫރުވެގެން މަޤާމުން އިސްތިއުފާދެއްވައި ފިއްލަވައިގެން ޤައުމުން ބޭރަށް ވަޑައިގެންނެވި ބިންޢަލީއަކީ ޢަރަބި ޤައުމުތަކުގެ އަނިޔާވެރި ޚުދުމުޚްތާރުވެރިންގެ ލިސްޓްގެ އެންމެކުރީގައި ހިމެނޭ ބޭފުޅެކެވެ.
ތޫނިސްގެ ދައުލަތުގެ ފައިސާއާއި މުދަލަށް ޚިޔާނާތްތެރިވުމާއި ޓެރަރިޒަމާއި މީހުން މެރުމުގެ ޖަރީމާތައް ހިންގިކަމުގެ 18 ދަޢްްވާއެއް ބިންޢަލީގެ މައްޗަށް ކުރެވިފައިވާއިރު މީގެތެރެއިން ބައެއްކުށްތައް އޭނާގެ މައްޗަށް ސާބިތުވެގެން މީގެކުރިންވެސް ޢުމުރަށް ޖަލަށްލުމުގެ ޙުކުމެއް ތޫނިސްގެ ޖިނާއީ ކޯޓަކުން އޭނާގެ މައްޗަށްވަނީ އިއްވާފައެވެ.
ބިންޢަލީ އަށް ޙިމާޔަތްދީފައިވަނީ ސައޫދީ ޢަރަބިޔާއިންނެވެ. ބިންޢަލީ ޢަދާލަތުގެ ކުރިމައްޗަށް ޙާޒިރު ކުރުމަށްޓަކައި ތޫނިސްގެ ސަރުކާރާ އޭނާ ޙަވާލުކުރުމަށް ތޫނިސްގެ ސަރުކާރުން ސަޢޫދީ އަރަބިޔާގެ ކިބައިން އެދުނު އެދުންތަކަށް އެޤައުމުންވަނީ ބީރުކަންފަތެއް ދީފައެވެ. އެހެންކަމުން ބިންޢަލީގެ މައްޗަށް ޙުކުމްތައް އިއްވަމުން ގެންދަނީ އޭނާގެ ޣައިރު ޙާޒިރުގައެވެ. (އަލްޖަޒީރާ)