31 May 2024, 10:58
ވިޒިޓް ވިސާގައި އުޅޭ އެއްވެސް މީހަކަށް ޙައްޖުގެ އަޅުކަން އަދާނުކުރެވޭނެ ކަމަށް ސައުދީ އަރަބިއްޔާގެ ޖެނެރަލް ޑިރެކްޓަރޭޓް އޮފް ޕަބްލިކް ސެކިއުރިޓީން ބުނެފިއެވެ.
ސައުދީ ޕްރެސް އެޖެންސީން ބުނެފައިވާ ގޮތުގައި ވިޒިޓް ވިސާގައި ސައުދީއަށް ގޮސްހުރި އެއްވެސް މީހަކު ހައްޖުވުމަށް މައްކާއަށް ދަތުރު ނުކުރުމަށާއި، ޖޫން މަހުގެ 23 ވަނަ ދުވަހާއި ޖޫން މަހުގެ 21 ވަނަ ދުވަހާ ދެމެދު މައްކާގައި މަޑުނުކުރުމަށް ވެސް ޕަބްލިކް ސެކިއުރިޓީ އޮތޯރިޓީން ވަނީ އަންގައިފައެވެ.
އަދި، މިހާތަނަށް 20،000 މީހުން ޙައްޖުގެ ގަވާއިދުތަކާއި އިރުޝާދުތަކާ ހިލާފުވެފައިވާ ކަމަށާއި އެ އުސޫލުން ސައްހަ ވިސާއެއް ނެތި މައްކާގައި ތިބުން އެ މީހުންނަށް މަނާކޮށްފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުނެއެވެ.
މި އަހަރުގެ ޙައްޖު މޫސުން ފެށުމަށް ހަމަޖެހިފައިވަނީ ޖޫން 14 ވަނަ ދުވަހުއެވެ. އަރަފާތު ދުވަހަކީ ޖޫން 16ވަނަ ދުވަހެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މި އަހަރު ދެ މިލިއަން މުސްލިމުން ޙައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ސައުދީ އަރަބިއްޔާއަށް ދާނެއެވެ.
މި އަހަރުގެ ޢަރަފާތު ދުވަހުގެ ޚުތުބާ ދެއްވާނީ ޝޭޚް މާހިރު ބިން ޙަމަދު ކަމުގައި ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ވަނީ ނިންމައިފައެވެ.