ހިނިތުންވެގެން އިން ނައީމުގެ ހިނިތުންވުން ފަނޑުވިއެވެ. ފޯނު ދުރުކޮށްފައި، އޭނާ ކަރުނަތައް ފޮހެލިއެވެ. އުނދަގޫ ގޮތަކަށް ހިންދިރުވާލައިފައި، އަނެއްކާވެސް ފޯނު ކަންފަތުގައި ޖަހައިލިއެވެ. އޭރު ލިޝާ ވާހަކަ ދައްކާ އަޑު އިވެއެވެ.

********

"މަންމަ ރަނގަޅުތަ؟..." މަންމަގެ ވާހަކަ އެހުން ލިޝާއަށް ހުއްޓައެއް ނުލެވުނެވެ. ރޭގައި ފެނުނު ހުވަފެން އޭނާގެ ހިތަށް އުނދަގޫކުރަނީއެވެ.

"އާނ... ރަނގަޅު... ކޮބާ ދަރިފުޅު ކުރަންދިޔަ ކަންތައް ވެއްޖެތަ؟..." ނައީމު އަވަހަށް މައުޟޫއު ބަދަލުކޮށްލިއެވެ. "ކޮބާ އާރިޒްގެ ހަބަރަކީ؟..."

"އަނެއްހެން ސީރިއަސް އަނިޔާއެއް ނުވޭ..." ލިޝާ ވަރަށް ނުކެރި ހުރެފައި ބުންޏެވެ.

"އަލްހަމްދުﷲ" ނައީމަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ.

ލިޝާ އޭނާއަށް ފެނުނު ހުވަފެނުގެ ވާހަކަ ބުނަން އުޅެފައި އެ ހިޔާލު ދޫކޮށްލިއެވެ. މަންމަ ހުރީ ހެޔޮ ހާލުގައެވެ. ވީއިރު، ކަމެއް ނުވަނީސް ބޮޑު ކަންތައްގަނޑަކަށް އެކަން ހަދައިލަން ލިޝާ ބޭނުމެއް ނުވިއެވެ. ފޯނު ކުރުކޮށްލާފައި ބޭއްވީ، ގެއަށް ދެވުނުހާ އަވަހަށް މަންމައަށް ގުޅައިދިނުމަށް އެދިފައެވެ.

ފޯނުގެ އިސްކްރީނަށް ބަލަން އިން ނައީމަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. އޭނާ އިނީ ހޮސްޕިޓަލުގައެވެ. ބަލިމީހުން ބައިތިއްބާ ވޯޑުގެ އެނދުގައި އޮތީ، އޭނާ އެންމެ ލޯބިވާ ހަޔާތުގެ ބައިވެރިޔާއެވެ. ގައިގެ އެތައް ތަނެއް ބެންޑޭޖްކޮށްފައިވާއިރު، މަދީހާގެ ދެލޯ ވަނީ މެރިފައެވެ. މޫނުން ފެންނަން ހުރި އަނިޔާގެ ނިޝާންތައް މަދެއް ނޫނެވެ. މަދީހާގެ ގަޔަށް ގުޅާފައިވާ މެޝިންތަކުގެ އަޑު އިވިއިވި ހުރިއިރު، އެ އަޑުން ނައީމުގެ ހިތް ފުނޑުފުނޑުވަމުން ދިޔައެވެ. ލޯބިވާ އަނބިމީހާ އެފަދަ ހާލެއްގައި ވަނިކޮށް ދެކެން ނައީމަށް ފަސޭހައެއް ނުވިއެވެ.

މަންމައަށް ގުޅައިދޭން އެދުނަސް، ނައީމަށް ލިޝާގެ އެ އެދުން ފުރިހަމަކޮށްދެވޭނީ ކިހިނެއް ހެއްޔެވެ؟ ހޭނެތުނުގޮތަށް މަދީހާ ހެއެއް ނާރައެވެ. އެހާލުގައި މަދީހާ އޮންނަންޖެހޭނީ ކިހާ އިރަކު، ކިތައް ދުވަހަކު ކަމެއް ބުނެދޭން އެނގޭ ޑޮކްޓަރަކު އެތަނުގައި ނެތެވެ. މާލެ ގެންދެވެން އޮތީ މޫސުން ރަނގަޅުވުމުންނެވެ. ނައީމުގެ ސިކުނޑި ސުމަކަށް ދިޔުމުން، މަދީހާގެ އަތް މަތީގައި އަތް ބާއްވައިލިއެވެ. ކަރުނުން ފުރެމުންދިޔަ ދެލޮލުން އޭނާ މަދީހާއަށް ބަލަން އިނީ އެނބުރި އައުމަށް އެދި އާދޭސްކުރާ ފަދައިންނެވެ. އޭނާއަށްޓަކައެވެ. ދަރިފުޅަށްޓަކައެވެ. ތިންމީހުންގެ މެދުގައި ފުރިހަމަނުވާ ގުޅުމެއް އެބަ އޮތެވެ. އެގުޅުން ފުރިހަމަވާނީ މަދީހާ އެނބުރި އައުމުންނެވެ. ނައީމު ދެލޯ މަރައިލުމާއިއެކު، ލޮލަށް ޖަމާވެފައިވާ ކަރުނަތައް ކޯތާފަތުގައި ބީހެން ފެށިއެވެ.

ދޮރުގައި ޓަކި ޖަހާލާފައި އެތެރެއަށް ވަނީ ފުލުހުންގެ އިސް އޮފިސަރެކެވެ. އޭނާގެ އަތުގައި ނޯޓުފޮތެއް އޮތެވެ. ފުލުސްމީހާ ހުއްޓުނީ މަދީހާ އޮތް އެނދު ކައިރީގައެވެ. ވޯޑުގައި މަދީހާ ނޫނަސް އިތުރު ބަލިމީހުން ތިއްބެވެ. އެތަނުގައި ތިބެގެން ވާހަކަ ދެއްކުން ރަނގަޅުނުވާނެކަން ނައީމަށް އެނގެއެވެ. ކަރުނަ ފޮހެލަމުން ނައީމު ތެދުވިއެވެ. ފުލުސްމީހާއާއިއެކު ވޯޑުން ބޭރަށް ނުކުތެވެ.

"ސަސްޕެކްޓް ދެނެގަނެވިއްޖެ!..." ފުލުސްމީހާ އޭނާގެ ފޯނުން ދައްކައިލީ ފިރިހެނެއްގެ ތަސްވީރެކެވެ. "އިބްރާހީމް އަކްރަމް... ހ.ރަންކޮކާގެ... ދަންނަ މީހެއްތޯ؟..."

ފުލުސްމީހާ ދެއްކި ތަސްވީރަށް ބަލަން ނައީމު ހުރީ ހުއްޓުންއަރާފައެވެ. ފޯނުގައި ހިފައިލަން އުފުލައިލި އަތް ތުރުތުރު އަޅާވަރުން ޖެހުނީ ތިރިކޮށްލާށެވެ. ނައީމަށް އަކްރަމް އޮޅޭނީ ކިހިނެއް ހެއްޔެވެ؟ އަމިއްލަ ދަރިފުޅުގެ ދިރިއުޅުމުގެ ތެރެއަށް އަކްރަމް ވެއްދި މީހަކީ އޭނާއެވެ. ހަގީގަތެއް ބަލައިލުމެއްނެތި، ނައީމު އެ ނިންމުން ނިންމީ، އެއީ އާއިލާއަށް އޮތް އެންމެ ރަނގަޅު ގޮތް ކަމުގައި ވިސްނުމުންނެވެ. އަކްރަމަށް ހިތްވަރު ލިބުނީ ނައީމުގެ މަދަދު ލިބިގެންނެވެ. މުއްސަނދިކަމުގެ ދަޅައަށް ހެއްލިގެން މުޅި ހަޔާތުގައިވެސް ނައީމަށް ކުރެވުނު އެންމެ މޮޔަކަމަކީ ނުވެސް ދަންނަ މީހަކު އޭނާގެ އާއިލާއަށް ގެނައުމެވެ. ހުރި ހަމައެކަނި ދަރިފުޅު އެމީހެއްގެ އަތްމައްޗަށް ދޫކޮށްލުމެވެ. ދަރިފުޅުގެ ހިތް ހަލާކުވެފައިވަނީ ހަމަ ނައީމުގެ ނިންމުމުގެ ސަބަބުންނެވެ. އަކްރަމަކީ ނައީމު ހީކުރި ވަރަށްވުރެ މާ ނުރައްކާތެރި މީހެކެވެ.

"ތީ.. ތީ..." ނައީމަށް ފަހަތަށް ޖެހިލެވުނެވެ. ދެފައިން ވަރު ދޫވިއެވެ.

އަކްރަމްގެ ސަބަބުން އާއިލާއަށް ލިބުނު ފުން ހިތާމައިން އަރައިނުގަނެވިގެން އުޅެނިކޮށް އަނެއް ހިތާމަ ކުރިމަތިވީއެވެ. އަކްރަމްގެ ސަބަބުން ގެއްލުންވީ ހަމައެކަނި ލިޝާއަކަށް ނޫނެވެ. މަދީހާގެ ފުރާނައަށް ނުރައްކާވެފައިވަނީވެސް ހަމަ އެ ނުބައި އިންސާނާގެ ސަބަބުންނެވެ. އެހުރިހާ ވާހަކައެއް އޭނާ ލިޝާއާއި ހިއްސާކުރާނީ ކިހިނެއް ހެއްޔެވެ؟ އެކަކާއިވެސް ކުރިމަތިލުމުގެ ހިތްވަރެއް މިއަދު ނައީމުގެ ގަޔަކު ނެތެވެ.

"ދަންނަ މީހެއްތޯ؟..." ފުލުސްމީހާ ދެވަނަ ފަހަރަށް ސުވާލުކުރިއެވެ.

"ތީ... ތީ... އަޅުގަނޑުގެ ދަރިފުޅު.. ކައިވެނިކުރި.. މީހެއް..." ނައީމަށް އޭނާގެ ޖުމުލަ ފުރިހަމަކުރެވުނީ އެތައް ހިތްވަރަކުންނެވެ.

"އަކްރަމަކީ ކުށުގެ ރެކޯޑު އޮތް މީހެއް..." ފުލުސްމީހާ އިތުރު ތަފްސީލް ދިނެވެ. "މާރާމާރީ ހިންގުމާ، ވައްކަމާއި، ފޭރުމުގެ އެތައް މައްސަލައެއް ހުށަހެޅިފަ އެބައޮތް...."

"މިހުރިހާ ކަމެއް ދިމާވީ އަހަރެންގެ ސަބަބުން..." ނައީމު އިސްތިރިކޮށްލިއެވެ. މަޑުމޮޅިވެފައިވާ އަޑުގައި އެތައް ހާސް ރިހުމެއް އެކުލެވިގެންވިއެވެ.

"ހާދިސާގެ ފަހުން އޭނަ ވަނީ ވަގުތުން ފުރައިގެން މާލެ ގޮއްސަ... ދަތުރުކުރި ލޯންޗުވެސް ދެނެގަނެވިއްޖެ... އެކަމަކު، އަޅުގަނޑުމެންގެ ޓީމު އެހިސާބަށް ފޯރަންވާއިރަށް ސަސްޕެކްޓް ފިލައިފި... މާލޭކޮޅުން އޭނާ ހޯދުމުގެ މަސައްކަތް ވަރަށް ބާރަށް އެބަ ކުރިއަށްދޭ..." ފުލުސްމީހާ ތަފްސީލް ދިނެވެ. "މާބޮޑަށް ހާސްނުވޭ!... ހުރިހާ ކަމެއްވެސް ރަނގަޅުވާނެ، އިންޝާﷲ..."

ނައީމުގެ ކޮނޑުގައި މަޑުމަޑުން ޖަހާލުމަށްފަހު ފުލުސްމީހާ ދިޔައީއެވެ. ހުއްޓުން އެރިގޮތަށް ނައީމަށް ހުރެވުނީ ގުޑިލަންވެސް ނޭނގިފައެވެ.

********

ލިފްޓްގެ ދޮރު ހުޅުވުނެވެ. މީހުންތައް ނުކުންނަން ފެށިއެވެ. އެންމެ ފަހަތުގައި ހުރި ލިޝާ ނުކުމެގެން ހިނގައިގަތީ ކުރިމަތިން ފެންނަން ހުރި ވޯޑާއި ދިމާއަށެވެ. ލިޝާ ލައިގެން ހުރީ ރަތްކުލައިގެ އަތްދިގު ހެދުންކޮޅަކާއި، ކަޅު ޖީންސެކެވެ. ފަން އިސްތަށިގަނޑު އޮތީ ވޫލުކޮޅަކުން އައްސައިލާފައެވެ. ލުއި މޭކަޕެއް ކޮށްފައި ހުރުމުން، ލިޝާ އެހެން ދުވަސްދުވަހަށްވުރެ ރީތިކަމަށް ދައްކައެވެ.

ލިޝާ ވޯޑާއި އަރައި ހަމަވީއިރު، ދަބަހަކާއި ކޮތަޅުތަކެއް ހިފައިގެން މާނަވް އާއި ސަޗިން އެތެރެއިން ނުކުންނަނީއެވެ. ސަޗިންއަށް ލިޝާ ފެނުމުން، އަދަބު އަދާކުރާ ފަދައިން ބޯޖަހައިލާފައި ގޮސް ލިފްޓަށް ވަނެވެ. މާނަވް ހުރީ ހުއްޓުންއަރާފައެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އޭނާގެ ފަހަތުގައި ހުރީ މިޖާއެވެ. ލިޝާއާއި މިޖާއަށް އެކަކު އަނެކަކު ފެނިއްޖެނަމަ، ކަންތައް ވަރަށް ގޯސްވާނެއެވެ. މިޖާ ނުކުތަ ނުދޭން މާނަވް ކުރި ބެއްދިއެވެ.

"ޕްރައިވެޓް ވޯޑެއް ހުސްވީމަ ބަދަލުވެއްޖެ... ވަން ޒީރޯ ޓޫ ފައިވް ނައިން ވަން... ޓެންތް ފްލޯ..." މާނަވް އެއްފައްޗަކަށް ހުރިހާ ވާހަކައެއް އަމުނައިލިއެވެ.

ގަދަކަމުން ހިނިތުންވެގެން ހުރިއިރު، އެ ފިނި ދުވަހުގައިވެސް މާނަވް ހުރީ ދާހިއްލާލާފައެވެ. ލިޝާ ވާނުވާ ނޭނގިފައި މާނަވްއަށް ބަލަން ހުއްޓެވެ. މާނަވް ލޮލުގެ އިޝާރާތުން ލިޝާއަށް ލިފްޓް ދެއްކިއެވެ.

ފަހަތުގައި ހުރި މިޖާ ބޭރަށް ނުނިކުމެވިގެން މާނަވް ކޮށްޕައިލިއެވެ. އެފަދަ ކަމަކަށް ނުވިސްނާ ހުރުމުން މާނަވް ބަނޑުވަތަށް ވެއްޓެން ދިޔައެވެ. އެ ވަގުތުވެސް މާނަވްއަށް ބެލުނީ ލިޝާ ކޮބައިތޯއެވެ. މިޖާއަށް ފެނުމުގެ ކުރިން ލިޝާ ގޮސް ލިފްޓަށް ވަންތަން ފެނުމުން މާނަވްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ވެއްޓުނުގޮތުން މާނަވްއަށް ހީވީ ދަތްތައް ބިންދައިގެން ދިޔަ ހެންނެވެ. އައި ރުޅީގައި ލިފްޓާއި ދިމާއަށް ދިޔަ މިޖާގެ ފައިގައި ހިފެހެއްޓިއެވެ. މިޖާ ބަނޑުވަތަށް ވެއްޓުނީ މާނަވްގެ ގައިމައްޗަށެވެ. މާނަވްއަށް ހީވީ އޭނާގެ އެތެރޭގެ ގުނަވަންތައް އަނގައިން ނުކުތީ ހެންނެވެ. ވީތަދުން ގުޑިވެސް ނުލެވިފައި އޮއްވާ މިޖާ އުނދަގޫގޮތަކަށް ތެދުވެގެން ގޮސް ލިފްޓުގެ ސްވިޗަށް ފިތާލިއެވެ.

"ޝީ އިޒް ކަމިންގް..." ދޮރު ހުޅުވައިގެން ބޭރު ބަލަން އޮތް ސަޗިން އަވަހަށް ދޮރު ލެއްޕީ ލިފްޓްގެ ދޮރު ހުޅުވުނު ތަން ފެނުމުންނެވެ.

ޕޮޓުތަކުގައި މާޖަހަން ހުރި އާރިޒް ދުވެފައި ގޮސް އެނދަށް އެރިއެވެ. ބާލީސްދަށުގައި އޮތް ސެންޓްފުޅި ނަގައި މުޅި ގަޔަށް ބުރުވައިލިއެވެ. ބޮލުގެ އިސްތަށިގަނޑު ރީތިކޮށްލުމަށްފަހު ސަޗިންއަށް ދެއްކިއެވެ. އަތުގެ އިޝާރާތުން ހުރިހާ ކަމެއް ރަނގަޅު ކަމަށް ސަޗިން އެންގުމުން، އަވަހަށް އުނަގަނޑާއި ހަމައަށް ބެޑްޝީޓް އަޅައިލިއެވެ. އެނދުގެ ހެޑްބޯޑުގައި ލެނގިލުމަށްފަހު، ކައިރީގައި އޮތް ފޮތް ނެގިއެވެ. ލިޝާ އަންނާނެކަން އެނގޭތީ، އާރިޒް ވަނީ އެތަކެއް ތައްޔާރީއެއް ވެފައެވެ. މާތަކުން މުޅި ކޮޓަރި ޖަރީކުރިއެވެ. މަސްތުކުރުވާފަދަ މީރުވަހަކުން މުޅި ކޮޓަރި އެއްވަސްކުރިއެވެ. ލިޝާގެ ހިތް ފަތަހަ ކުރެވިދާނެ އެތައް ގޮތްތަކެއް އޭނާ މީސްމީޑިޔާއިން ހޯދިއެވެ. އިށީންނާނެގޮތާއި، އަންހެންކުދިން ހިތްއެދޭފަދަ ސިފަތަކާއި އަމަލުތައް ދަސްކުރިއެވެ. އެއީ އާރިޒަށް މުޅީން އައު ކަންކަމެވެ.

ދޮރުގައި ޓަކިޖަހާލާފައި ލިޝާ އެތެރެއަށް ވަނެވެ. ތަނަވަސް ކޮޓަރިއެކެވެ. ރީތި ފަރުނީޗަރުތަކުން މާހައުލަށް ދިރުން ގެނެސްދީފައިވިއެވެ. އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވީ، އެކި ހިސާބުތަކުގައި ބަހައްޓާފައިވާ ގުދުރަތީ ރީތި މާތަކުންނެވެ. މާތަކުގެ މީރުވަސް މުޅި ތަނުގައި ހިފާލާފައި ހުއްޓެވެ. ބަލިމީހަކު އޮތް ކޮޓަރިއެއް ފާޑު ނުޖަހައެވެ. ހީވަނީ ލޯބީގެ މަންޒިލެއް ހެންނެވެ. ލިޝާގެ ނަޒަރު ގޮސް ހުއްޓުނީ އެނދަށެވެ. އެނދުގެ ހެޑްބޯޑުގައި ލެނގިލައިގެން އާރިޒް އިނީ ފޮތެއް ކިޔާށެވެ. ލައިގެން އިން ގަމީހުގެ މޭމަތިން ދެތިން ގޮށް ނައްޓާފައި އޮތުމުން، މޭމަތިން ބައެއް ހާމަވާން އޮތެވެ. އާރިޒް ފޮތަށް ޝައުގުވެރިވެފައި އިންގޮތުން ހީވަނީ މޮޑެލްއެއް ހެންނެވެ. އެހާވެސް ފިރިހެންވަންތައެވެ. ލިޝާ ހުރީ އެސްފިޔަ ޖަހާލަންވެސް ބޭނުންނުވެފައެވެ.

އާރިޒް ލިޝާއަށް ބަލައިލީ އެތެރެއަށް ވަނީ ކާކުކަން ނޭނގޭކަމަށް ހަދާފައެވެ. ލިޝާ ފެނުމުން އޭނާގެ ތަލިން ކުޅުހިކޭވަރު ވިއެވެ. ލިޝާގެ ހިތް ފަތަހަކުރަން އާރިޒް ކުރި މަސައްކަތުގެ މަތީން ހަނދާންނެތި، ލިޝާގެ މަޅީގައި ޖެހުނީ އޭނާއެވެ. އެފަދަ ފަރިކަމެއް ލިޝާގެ ފަރާތުން އޭނާއަށް ފެނުނު އެއީ ފުރަތަމަ ފަހަރެވެ. އެހާ ރީތިވެލައިގެން ލިޝާ އައީ އާރިޒްގެ ހިތް ދީވާނާކުރާށެވެ. ޔަގީނެވެ. އާރިޒަށް ހިނިތުންވެލެވުނީ ބޭއިހުތިޔާރުގައެވެ. ލިޝާ ލަދުގަތެވެ. އޭނާ އެހާ ރީތިވެގެން އައުމުގެ ބޭނުން ފުދިއްޖެއެވެ. ލިޝާ ނޫންކަމަށް ހަދާލާފައި، ގެނައި ފުރުޓް ބާސްކެޓް މޭޒުމަތީގައި ބެހެއްޓިއެވެ.

އާރިޒް ނުބައިކޮޅުން ފޮތް ހިފައިގެން އިންތަން ފެނުމުން ސަޗިން ހުރީ އެވާހަކަ ނުބުނެ ކޮޓަރިންވެސް ނުކުންނަން ނުކެރިފައެވެ. އާރިޒް އޭނާގެ ލޮލުން ކޮޓަރިން ނުކުތުމަށް އިޝާރާތްކުރާ އިރުވެސް، ސަޗިން ދާކަށް ނޫޅެއެވެ. ލޮލުންނާއި ބޮލުން އެތައް އިޝާރާތެއް ކުރަން ހުރީއެވެ. އާރިޒް ވާނުވާ ނޭނގިފައި އިންދާ ލިޝާ އައިސް ކައިރީގައި ހުއްޓިލިއެވެ. ސަޗިން ފަހަތުގައި ހުރެ ފޮތް ބޭއްވުމަށް އިޝާރާތް ކުރިއެވެ. އާރިޒަށް ވިސްނިގެން އަވަހަށް ފޮތް އެނދުމަތީގައި ބޭއްވިއެވެ.

ސަޗިން ނުކުމެގެން ދިޔުމުން ލިޝާއާއި އާރިޒް އެކަނިވިއެވެ. ލިޝާ ގޮނޑީގައި އިށީންނަން އުޅުމުން، އާރިޒް އެދުނީ ކައިރީގައި އިށީނުމަށެވެ.

"އެއްޗެއް ކައިފިންތަ؟..." ވަރަށް ލަދުން އިނދެ، ލިޝާ އަހައިލިއެވެ. "މިއައީ ސޫޕްއެއް ހިފައިގެން..."

އާރިޒް މާވަރަކަށް ބަލާތީ، ލިޝާގެ މޫނު ލަދުން ރަތްވަމުން ދިޔައެވެ. އެހާ ރީތިވެގެން އައިއިރު، އާރިޒް ބަލާނެކަން ލިޝާއަށް އެނގެއެވެ.

"ހާދަ ރީއްޗޭ!..." އާރިޒަށް ބުނެވުނެވެ.

ލަދުން މޯޅިވަމުންދިޔަ މޫނު ފޮރުވުމަށް ލިޝާ އަވަހަށް ތެދުވެގެން ގޮސް އޭނާ ގެނައި ކޮތަޅުން ތަށްޓެއް ހިފައިގެން އައެވެ.

"ތަފާތު އެއްޗެއް ހަދައިގެން މިއައީ؟..." ތަށި ދައްކައިލަމުން ލިޝާ ބުންޏެވެ.

"ވަރަށް ބަނޑުހައި..." ބަނޑުގައި އަތް ކާއްތައިލަމުން އާރިޒް ބުންޏެވެ.

އާރިޒް ކެއީ އޭގެ ކުޑައިރުކޮޅެއް ކުރިންނެވެ. އެކަމަކު، ގިނައިރު ލިޝާ އެތަނުގައި ބޭންދޭނީ އޭނާ ކާން އެއްބަސްވުމުން ކަން އާރިޒަށް އެނގެއެވެ.

"މީ އިންޑިޔަން ސޫޕެއް... އަލަށް ޓްރައިކުރީ.... މީރުތަ؟..." އާރިޒް ސޫޕް ސަމުސަލެއް ބޯލިތަން ބަލަން އިނދެފައި، ލިޝާ އަހައިލިއެވެ.

"ހާދަމީރޭ... މިހާ މީރު ސޫޕެއް އަދި ނުބޮވޭ..." އާރިޒް ބުނީ ހިތާއި ދެކޮޅަށެވެ.

"ހުސްކޮށްލައްޗޭ!...." ލިޝާ ހިނިތުންވެލިއެވެ.

އާރިޒްގެ ހިތް މަރުވިއެވެ. އޭނާ އެ ނުބޮނީސް، ލިޝާ އެތަނުން ނުވެސް ތެދުވާނެކަން އާރިޒަށް އެނގެއެވެ. ކޮންމެވެސް މީހަކު ދޮރުގެ ތަޅުގައި ހިފާލިހެން ހީވެގެން ލިޝާ ފަސްއެނބުރި ބަލައިލިއެވެ. މީހަކު ފެންނާކަށް ނެތެވެ. އަނެއްކާވެސް މީހަކު ތަޅުގައި ހިފާލިއެވެ. މިފަހަރު ކޮންމެވެސް ވަރަކަށް ދޮރު ހުޅުވުނެވެ. ހަމަ އެހާ އަވަހަށް ދޮރު ލެއްޕުނެވެ. ލިޝާ ދޮރާއި ދިމާއަށް ހިނގައިގަތެވެ. ދޮރު ހުޅުވައިލީއިރު، މާނަވް އާއި ސަޗިން މިޖާގެ ދެއަތުގައި ހިފައިގެން ލިފްޓާއި ދިމާއަށް ގެންދަނީއެވެ. މިޖާ ގަދަހަދަމުން ދިޔައީ އެމީހުންގެ އަތް ފޮޅުވައިލާފައި، ދޮރާއި ދިމާއަށް އަންނާށެވެ. ލިޝާ ފެނުމުން، މާނަވްއަށާއި ސަޗިންއަށް މިޖާގެ އަތުން ދޫކޮށްލެވުނެވެ.

"ކިހިނެއްވެގެންތަ ތިމީހުން ތިއުޅެނީ؟..." މިޖާ ރުޅިއައިސްގެން ހަޅޭއްލަވައިގަތެވެ. "މަގޭ ފަހަތުން ނާންނާތި!..."

ކުރިއަށް ހިނގައިގަތް މިޖާއަށް ލިޝާ ފެނުމުން ހުއްޓުން އެރިއެވެ. އާރިޒް މާ ވަރަކުން ޕްރައިވެޓް ވޯޑަކަށް ބަދަލުވާން އުޅުނީ ކީއްވެކަން މިޖާއަށް އެނގުނީ ދެނެވެ. އަނެއްކޮޅުން ސަޗިންއަށާއި މާނަވްއަށް ވީގޮތް އެނގުމުން، އޭނާގެ މުޅި މޫޑު ހަރާބުވިއެވެ. އެކަކުވެސް އޭނާއަށް އެހީނުވަނީ ކީއްވެ ހެއްޔެވެ؟ އެންމެން އުޅެނީ ލިޝާއަށް އެހީވުމުގައެވެ. މިޖާ ހީކުރީ އޭނާގެ މަގު އަމާންވީ ކަމަށެވެ. ލިޝާ ދެން އެނބުރި ނާންނާނެކަމަށް ބަލާ، އޭނާ ހުރީ ނުހަނު ހަމަޖެހިފައެވެ. އެކަމަކު، ލިޝާގެ އެނބުރި އައުން މިޖާއަކަށް ކަމަކުނުދިޔައެވެ. އެއީ އޭނާ އުއްމީދުކުރިގޮތެއް ނޫނެވެ. މިޖާގެ ދެބުމަ ގޮށްޖެހުނެވެ. ލިޝާއާއި ދިމާއަށް އޭނާ ދިޔައީ ހަލުވި ފިޔަވަޅުތަކެއްގައެވެ. މާނަވް ހިފަހައްޓަން އުޅުމުން، އަތް ފޮޅުވައިލާފައެވެ.

(ނުނިމޭ)