14 Jun 2012, 17:54
އަޔަލޭންޑާ ދެކޮޅަށް ސްޕޭން މިރޭ ނުކުންނައިރު އޭނާގެ ޓީމުގައި ނުވަ ނަންބަރު ޖާޒީގައި ކުޅެވޭނެ ފެނަވަރު ހުރި ބައިވަރު ކުޅުންތެރިން އެބަތިބި ކަމަށް ކޯޝު ވިސެންޓޭ ޑެލްބޮސްކޭ ބުނެފި އެވެ.
އޭނާ މިހެން ބުނީ ނުވަ ނަންބަރުގައި ކުޅޭ ފެނާންޑޯ ޓޮރޭޒް ފުރަތަމަ އެގާރައިގައި ނުކުޅުވުމުގެ އިތުރަށް މުޅިން ވެސް މިޑްފީލްޑަރުން ލައިގެން މެޗު ފަށާތީ އެކަމާބެހޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުންނެވެ.
\"ޑޭވިޑް ސިލްވާ އަކީ ފޯވަޑެއްގެ ގޮތަށް ކުޅެވޭ ކުޅުންތެރިއެއް. އިނިއެސްޓާއަކީ ނުލާހިކު މޮޅަށް އެޓޭކަގައި ބައިވެރިވާ ކުޅުންތެރިއެއް. މިހެންވީމަ މިރޭ ނުވަ ނަންބަރެއް ފެނިގެންދާނެ،\" ވޯލްޑް ކަޕް ހޯދައިދިން ކޯޗު ބުންޏެވެ.
އޭނާ ބުނީ އެންމެ ފަހުގެ ޔުރޯ ސްޕޭނަށް ކާމިޔާބުކޮށްދިން ލަނޑު ޖެހި ފޯވަޑް އަދި ނިމިދިޔަ ސީޒަނުގައި ގިނަ މެޗުތަކެއްގައި ފޯމު ކަޓާފައިފާ ޓޮރޭޒް ކުޅެން ނެރުމުން މެޗު ވަރަށް ބޮޑަށް ހުޅުވިގެންދާ ކަމަށާއި އެންމެ ރަނގަޅު ވަގުތުގައި މިރޭ ވެސް ޓޮރޭޒް ނެރޭނެ ކަމަށެވެ. ނަމަވެސް ފޯވަޑް ލައިނުގައި ފެނާންޑޯ ލޮރަންޓޯ ބޭނުން ކުރުމާމެދު ކޯޗު ވަކިއެއްޗެއް ނުބުނެ އެވެ.