16 Aug 2010, 16:35
21:45
މީގެ ތިން އަހަރު ކުރިން، 2007 ވަނަ އަހަރުގެ ރޯދަ މަހު މާލޭ ސަލްޓަންޕާކުގައި ބޮމެއް ގޮއްވާލައިގެން ޓެރަރިޒަމް ކުށުގެ ދައުވާކޮށް 15 އަހަރަށް ޖަލަށްލާފައިވާ ތިން މީހުންގެ ތެރެއިން ގއ. ކަނޑުހުޅުދޫ ސާދުނާ މަންޒިލް އަހުމަދު ނަސީރާއި ވ. ލަންދޫގެއާގޭ މުހައްމަދު ސޮބާހުގެ ހުކުމުގެ ބާކީބައި ތިން އަހަރަށް ފަސްކޮށް އެ ދެމީހުން ދޫކޮށްލައިފި އެވެ.
އެ ދެ މީހުން ދޫކޮށްލި އިރު، އެ ހަމާލާ ދިނުމުގައި އިސްކޮށް އުޅުނު ލ. ކަޅައިދޫ ފިނިހިޔާގޭ މޫސާ އިނާޒު އަދި ހުރީ ޖަލުގަ އެވެ.
ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދެވަނަ މާއްދާގެ ދަށުން ޓެރަރިޒަމް ކުށުގައި ސޮބާހާއި ނަސީރު 15 އަހަރަށް ޖަލަށް ލުމަށް ޖިނާއީ ކޯޓުން ހުކުމް ކުރީ ޑިސެމްބަރު13، 2007ގަ އެވެ.
ސެޕްޓެމްބަރު 29 ވަނަ ދުވަހު ލ. ކަޅައިދޫ ފިނިހިޔާގޭ މޫސާ އިނާޒާ އެކު ސަލްޓަންޕާކްގައި ބޮމުގެ ހަމަލާދިނުމުގައި އިސްކޮށް އުޅުނު ސޮބާހާއި ނަސީރުގެ ހުކުމުގެ ބަކީބައި ތިން އަހަރަށް ފަސްކޮށް އެ މުއްދަތުގައި އިތުރު ކުށެއް ނުކުރުމަށް ޝަތުރުކޮށް މިނިވަންކޮށްފައިވާ ކަމަށް ޑީޕީއާރްއެސްގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ރަޝީދު ވެސް މިރޭ ވަނީ ސަންއެފްއެމް އޮންލައިނަށް ކަށަވަރުކޮށްދެއްވާފަ އެވެ.
ރަޝީދު ވިދާޅުވީ ސޮބާހާއި ނަސީރު ދޫކޮށްލާފައި ވަނީ މިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހު ކަމަށާއި އެ ދެ މީހުން ދޫކޮށްލީ މާފު ދިނުމާއި އަދަބު ލުއިކޮށްދިނިމުގެ ގާނޫނުގެ ދަށުން ކަމަށެވެ.
މި ގާނޫނު ދަށުން އުފައްދާފައިވާ ކްލެމެންސީ ބޯޑު މެދުވެރިކޮށް މާފު ހޯދުމަށާއި އަދަބު ލުއިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސްކުރުމުގެ ފުރުސަތު ހުޅުވައިލީ މި އަހަރުގެ މާޗް މަހުގަ އެވެ.
ސަލްޓަންޕާކުގައި ގޮއްވާލި ބޮން އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ތިން މީހުންގެ ތެރެއިން ސޮބާހަކީ ބޮން އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި މީހާ އެވެ. ނަސީރަކީ ބޮމުގެ ހަމަލާ ދިނުމަށް ބޮން ލާފާއި އޮތް ފޮށިގަނޑު ހިފައިގެން ގޮސް ބެޓެރިއާ ޓައިމަރުގުޅައި ބޮން ގޮއްވާލި ތަނުގައި ބޮން ބޭއްވި މީހާ އެވެ.
ސަލްޓަންޕާކްގެ ބޮމުގެ ހަމަލައާ ގުޅިގެން ކުރި ތަހުގީގުގައި ނަސީރު ބުނެފައި ވަނީ އޭނާ ގަލޮޅު މަދަރުސާގައި ކިޔަވަން އުޅުނު އިރު ނަމާދަށް ގޮސް އުޅެނީ ވިލިމާލޭ އާ މިސްކިތަށް ކަމަށާއި އެތަނުން ސޮބާހާ ބައްދަލުވެ ރައްޓެހިކަން އުފެދި، ސްކޫލަށް ދިއުން ހުއްޓާލައި ޕާކިސްތާނަށް ދިއުމުގެ މަސައްކަތް ފެށީ ޖިހާދު ކުރުން ވާޖިބުވެއްޖެ ކަމަށް ގަބޫލުކޮށްގެން ކަމަށެވެ. ސަލްޓަންޕާކްގައި އެ މީހުން ގޮއްވާލި ބޮން އުފެއްދި އިސް މީހަކީ ސޮބާހު ކަމަށެވެ.
ބޮމުގެ ހަމަލާގެ ޝަރީއަތް ޖިނާއީ ކޯޓުގައި ފެށީ ނޮވެމްބަރު 26 ،2007ގަ އެވެ. އެ ދުވަހު ސޮބާހު ބުނެފައި ވަނީ ބޮމުގެ ހަމަލާގައި ޒަހަމް ލިބުނު މީހުންނާއި ދިވެހި ރައްޔިތުންގެ ކިބައިން އޭނާ މާފަށް އެދޭ ކަމަށާއި އޭނާ އަށް ހައްގު އަދަބު ކަނޑައަޅައި ތަންފީޒުކޮށްދެއްވުމަށެވެ. ސޮބާހު އެގޮތަށް އެދުމުން ނަސީރު ވެސް ވަނީ ކުށަށް އިއުތިރާފުވެ މާފަށް އެދިފަ އެވެ. ސޮބަހާއި ނަސީރާ އެކު ބޮމުގެ ހަމަލާގައި ބައިވެރިވި މޫސާ އިނާޒު ވެސް މާފަށް އެދުނެވެ. ނަމަވެސް އޭނާ ވަނީ ހުކުމުގެ މުއްދަތުގައި ތަފާތު އެތައް ފަހަރަކު ޖަލުން ފިލަން މަސައްކަތް ކުރުމާއި ފިލުމުގެ ކުށުގައި އިތުރު އަދަބުތައް ލިބިފަ އެވެ.
މާފު ދިނުމާއި އަދަބު ލުއިކޮށްދިނިމުގެ ގާނޫނުގެ ދަށުން ސޮބާހާއި ނަސީރުގެ ހުކުމް ފަސްކޮށްދީ ދޫކޮށްލާފައިވީ ނަމަވެސް މާފު ދިނުމާއި އަދަބު ލުއިކޮށް ދިނިމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގައި މާފު ނުދެވޭނެ ކުށްކުށާއި އަދަބު ފަސް ނުކުރެވޭނެ ކުށްތައް ބަޔާންކޮށްފައިވާއިރު އެ މާއްދާގެ ތިންވަނަ ނަމްބަރުގައި ބަޔާންކުރާ ކުށަކީ ޓެރަރިޒަމްކުށެވެ.