29 May 2024, 19:03
ދިވެހިރާއްޖެއިން ފަލަސްތީނުގެ ހައްގުގައި މަސައްކަތްކުރާ ވަރަށް ވެސް ބައިނަލްއަގްވާމީ އެހެން ގައުމުތަކުން ފަލަސްތީނު ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރެވެމުން ދާހެން "ހީނުވާ" ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ރާއްޖެއިން އިޒްރޭލު ޕާސްޕޯޓު ބޭން ނުކުރަނީ ކީއްވެތޯ ސުވާލުކޮށްފައެވެ.
އެ ސުވާލުގެ ޖަވާބުގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ރާއްޖެއިން ފަލަސްތީނު ރައްޔިތުންގެ ހައްގުގައި އަޅަން ޖެހިއްޖެ ކޮންމެ ފިޔަވަޅެއް އެޅުމަށް އޮތީ ތައްޔާރަށް ކަމަށެވެ.
"ދިވެހިރާއްޖެއިން ފަލަސްތީނު ރައްޔިތުންގެ ހައްގުގައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އިނގޭތޯ، އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އެޅުމަށް ދިވެހިރާއްޖެއިން އޮތީ ތައްޔާރަށް،" ހީނާ ވިދާޅުވިއެވެ.
ނަމަވެސް އިޒްރޭލު ޕާސްޕޯޓު ރާއްޖޭގައި މަނާ ނުކުރަނީ ކީއްވެތޯ ކުރި ސުވާލަށް ސާފު ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ފަލަސްތީނު މައްސަލާގައި އެންމެ ބޮޑަށް މަސައްކަތް ކުރަނީ ރާއްޖެ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް
ހީނާ ވިދާޅުވީ، ރާއްޖެއިން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަމުންދާ ވަރަށް ވެސް ބައިނަލްއަގްވާމީ އެހެން ގައުމުތަކުން އެ މަސައްކަތް ކުރާހެން ހީނުވާ ކަމަށެވެ.
"ދިވެހިރާއްޖެއިން ފަލަސްތީނުގެ ހައްގުގައި ކުރަމުންދާ މަސައްކަތްތަކަކީ ބައިނަލްއަގްވާމީ އެހެން ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކާ އަޅާ ބަލާއިރު، އަޅުގަނޑުމެންނަށް ހިޔެއް ނުވޭ އަޅުގަނޑުމެން ކުރަމުންދާ ވަރަށް އެއްވެސް ގައުމަކުން ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ކުރެވެމުން ދާ ހެނެއް،" ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ ފަލަސްތީނު މައްސަލާގައި ރާއްޖޭގެ ސްޓޭންޑް އެއްވެސް ހާލެއްގައި ބަދަލެއް ނުވާނެ ކަމަށެވެ.
ދިވެހި ސަރުކާރުން، ވަކިން ޚާއްސަކޮށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފަލަސްތީނާ އެއްކޮޅަށް ބައިނަލްއަގްވާމީ އެކި ކޮންފަރެންސްތަކުގައި ވެސް ވަކާލާތު ކުރައްވާފައެވެ.
އެގޮތުން އެމަނިކުފާނު މިހާރު އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ ހަތަރުވަނަ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށް އެންޓީގާ އެންޑް ބާބިއުޑާއަށް ކުރައްވާ ދަތުރުފުޅުގައި ވެސް ވަނީ ފަލަސްތީނާ އެއްކޮޅަށް ވަކާލާތު ކުރައްވާފައެވެ.
ފަލަސްތީނުގައި ހިންގާ ގަތުލުއާންމާ ގުޅިގެން ރައީސް ވިދާޅުވީ، ގަތުލު އާންމު ވަގުތުން ވަގުތަށް ހުއްޓާލުމަށް ސިޑްސްގެ ލީޑަރުން ގޮވާލަން ޖެހޭ ކަމަށެވެ.
ހަމައެއާއެކު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނިމްމާ ނިންމުންތަކަށް, އިސްތިސްނާއެއް ނެތި އިސްރާއީލުން ވެސް ތަބާވާން ޖެހޭނެ ކަމަށް ރައީސް މުޢިއްޒު އިއްޔެ ވަނީ ވިދާޅުވެފައެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގައި އިޒްރޭލުން ހިންގާ ގަތުލުއާއްމުގައި މިހާތަނަށް ޣައްޒާގެ 37،000 ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.