29 May 2024, 18:16
ކުންފުނި ހިންގުމުގެ މަގާމާ ހަވާލުވެ ވަޑައިގެންނެވިއިރު ދައުލަތުގެ މީޑިއާ ކުންފުނި ޕީއެސްއެމްގެ ދަރަނި 261 މިލިއަނަށް އަރާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޒިނާ ޒާހިރު މިއަދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެެއްގައި ވާހަކަދައްކަވަމުން ޒީނާ ވިދާޅުވީ، އެ ކުންފުންޏަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދަރަނި ބޮޑުވެފައި އޮތުން ކަމަށެވެ.
އެ ބައްދަލުވުމުގައި ޒީނާ ވަނީ ޕީއެސްއެމްގެ ދަރަނީގެ ތަފްސީލު ހިއްސާ ކުރައްވާފައެވެ. މިގޮތުން:
ސަރުކާރުގެ ކުންފުނިތަކަށް 122 މިލިއަން ރުފިޔާ
- އަމިއްލަ ކުންފުނިތަކަށް 27 މިލިއަން ރުފިޔާ
- ބޭރުގެ އެކި ފަރާތްތަކަށް 25 މިލިއަން ރުފިޔާ
- ލޯނުގެ ގޮތުގައި 88 މިލިއަން
އޭނާ ވިދާޅުވީ، ޕީއެސްއެމްގެ މިހާތަނަށް އެ ދަރަނީގެ ތެރެއިން ނުވަ މިލިއަން ރުފިޔާ ދައްކާ ނިމިފައިވާ ކަމަށެވެ.
ޕީއެސްއެމުން މިއަދު ބޭއްވި މީޑިއާ ބްރީފިންގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ވާހަކަ ދައްކަވަނީ: ވިދާޅުވީ މަގާމާއި ހަވާލުވިއިރު ކުންފުނީގެ ދަރަނި 261 މިލިއަނަށް އަރާ ކަމަށް --- ސަން ފޮޓޯ/ އަމަން ލަތީފް
"އަޅުގަނޑުމެން ހަވާލުވިއިރު ޕީއެސްއެމްގެ ތިޖޫރީގައި އެންމެ ފައިސާ ފޮއްޗެއް ވެސް ނެތް. މި ދެންނެވީ އެންމެ 10 ރުފިޔާގެ މިންވަރު ވެސް ޕީއެސްއެމްގެ ތިޖޫރީގައި ނެތޭ،" ޒީނާ ވިދާޅުވިއެވެ.
މީގެއިތުރުން، މިހާރު އެ ކުންފުނިން ކުރާ ޚަރަދު 20 އިންސައްތައަށް ދަށްކޮށްފައިވާ ކަމަށާއި އެވަރެޖްކޮށް މަހެއްގެ މައްޗަށް 1.5 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭކަން ޒީނާ ވަނީ ފާހަގަކުރައްވާފައެވެ.
"އެހެން ނަމަވެސް، މިއީ މަހެއްގެ މައްޗަށް، ކަރަންޓު ބިލަށް ވެސް އެކަށީގެންވާ އަދަދެއް ނޫން. ކަރަންޓު ބިލަށް އެކަނި ވެސް އެބަ އަރާ 1.9 މިލިއަން ވަރު،" އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ޕީއެސްއެމުން މިހާރު ކުރަނީ ހަމައެކަނި ކޮންމެހެން ކުރަން ޖެހޭ ޚަރަދުތައް އެކަނި ކަމަށާއި ކުންފުނީގެ އާމްދަނީ އިތުރުކުރާނެ ގޮތްތައް ހޯދުމަށް އެކަމަށް ދުރު ރާސްތާގެ މާސްޓާ ޕްލޭނެއް ރާވަމުން އަންނަ ކަމަށެވެ.