29 May 2024, 18:28
ރަސްމީ ނިޒާމެއްގެ ތެރެއިން ރެޖިސްޓާކޮށްގެން ރާއްޖޭގައި ސްކްރެޕް ޔާޑުގެ ޚިދުމަތް ފަށަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިކަން އިޢުލާން ކުރެއްވީ މިއަދު ޓްރާންސްޕޯޓު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ހިއްސާ ކުރައްވަމުންނެވެ.
ނުރަސްމީކޮށް މިހާރު ވެސް ރާއްޖޭގައި ސްކްރެޕް ޔާޑުތައް ބައެއް ފަރާތްތަކުން ހިންގަމުން އަންނަކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ރަސްމީ ނިޒާމެއްގެ ތެރެއިން، އެ ޚިދުމަތް ދެވޭނެ މާހައުލެއް އުފައްދައިދެއްވާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ދިވެހީންނަށް ރަނގަޅު ވިޔަފާރިއެއްގެ ގޮތުގައި ސްކްރެޕް ޔާޑުގެ ޚިދުމަތް ކަނޑައަޅަންޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

ބޭރުގެ ސްކްރެޕް ޔާޑެއް: ރާއްޖޭގައި ރަސްމީކޮށް ސްކްރެޕް ޔާޑުގެ ޚިދުމަތް ފަށަން ނިންމައިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި --
"ރަސްމީ ނިޒާމެއްގެ ތެރެއިން ސްކްރެޕް ޔާޑެއްގެ ގޮތުގައި ރެޖިސްޓްރީ ކުރެވިގެން އެހެން ގައުމުތަކުގައި ވެސް އެ ޚިދުމަތްދޭ އުސޫލުން ރާއްޖޭގައި ވެސް އެ ޚިދުމަތްދޭނެ ސްކްރެޕް ޔާޑެއް ހިންގުމުގެ މާހައުލެއް އަޅުގަނޑުމެން އުފައްދައިދޭނަން," މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި އަހަރުގެ ތެރޭގައި، ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު އެ ޚިދުމަތް ދިނުމުގެ މާހައުލެއް އުފައްދާނެއެވެ.
ސްކްރެޕް ޔާޑުތަކުން ކުރާ މަސައްކަތަކީ ބައު ދަގަނޑު ގަނެ އެތަކެތި ރީސައިކަލް ކުރުމެވެ. ބޭރު ގައުމުތަކުގެ ސްކްރެޕް ޔާޑުތަކުގައި އާންމުކޮށް އެންމެ ގިނައިން ބައު ދަނގަޑުގެ ގޮތުގައި ކިރަނީ ވެސް ހަލާކުވެފައިވާ ވެހިކަލްތަކެވެ.
މާލެއަށް ގާތްގަނޑަކަށް 80،000 ވެހިކަލް ރެޖިސްޓްރީކޮށްފައިވެއެވެ. ވެހިކަލްތައް އިންތިހާއަށް ގިނަވެ، ތޮއްޖެހުމުގެ މައްސަލަ އަތްނުފޯރާ ހިސާބަށް ގޮސްފައިވާއިރު، ބައު ދަގަނޑަށްވެފައި ވެސް އެތައް ވެހިކަލެއް މާލޭގެ މަގުތަކުގައި ޕާކު ކޮށްފައި ހުރެއެވެ.

އެ ގޮތުން ދުއްވާ އެއްޗިއްސާއި ހިނގާބިނގާވެ އުޅޭ މީހުންނަށް އުނދަގޫވާ ގޮތަށް މާލޭ ސަރަހައްދުގެ މަގުތަކުގައި ހުރި އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ޓްރާންސްޕޯޓު މިނިސްޓްރީން މީގެ ކުރިން ވަނީ ފަށައިފައެވެ.
ޓްރާންސްޕޯޓު މިނިސްޓަރު މިއަދު ވިދާޅުވި ގޮތުގައި މި މަސައްކަތުގެ ދަށުން އެ މިނިސްޓްރީންވަނީ 281 އުޅަނދު ނައްތާލާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ހުރިހާ އުޅަނދެއް ވެސް ނައްތާލާފައިވަނީ ވެރި ފަރާތުން އެދިގެންނެވެ. މި ގޮތުން އިންޖީނު ނެގުމަށް ފަހު، މަގުމަތީގައި ހުންނަ އުޅަނދުތައް ބަލަނީ ކުނީގެ ގޮތުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.