ރާއްޖޭގެ ޓޫރިޒަމް ކުރިއަރުވަން, ދުނިޔޭގެ އެންމެ ބޮޑު އީކޮމާސް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ޗައިނާގެ އަލީބާބާގެ ޓްރެވެލް އޭޖެންސީ 'ފްލިގީ' އާ މަޝްވަރާ ކުރަން ފަށައިފިއެވެ.

މިކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު ޗައިނާގެ ހަންގްޖޯގައި ހުންނަ އަލީބާބާގެ މައި އޮފީހަށް ޒިޔާރާތް ކުރެއްވި ކަމަށެވެ.

މިނިސްޓަރުގެ ޕޯސްޓުގައި، ފްލިގީއާ ގުޅިގެން ކުރިއަށް އޮތްތަނުގައި މަސައްކަތް ކުރުމުގެ އުއްމީދު އޮތް ކަމަށް ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން ރާއްޖެ އިޝްތިހާރު ކުރުމަށް ފަހުގެ ޓެކްނޮލޮޖީއާއި އީޖާދީ ސްޓްރެޓެޖީތައް ބޭނުން ކުރަން ތައްޔާރަށް ހުންނެވި ކަމަށް ފައިސަލް ވިދާޅުވިއެވެ.

ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުގައި، މިދިޔަ ހޯމަ ދުވަހާ ހަމައަށް ޗައިނާއިން 98،908 ފަތުރުވެރިން އައިސްފައިވެއެވެ. އެގައުމުގެ ފަތުރުވެރިން އިތުރު ކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެ މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ވެއިޒިންޕޭ ނުވަތަ ވީޗެޓްޕޭ ތައާރަފުކުރަން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އާއި އެ ކުންފުންޏާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.