ޣައްޒާ (29 މޭ 2024): ޣައްޒާގެ ދެކުނުގައި އިސްރާއީލު ސިފައިންގެ ހަތަރު މީހަކު މަރާލައި އެތައް ބަޔަކު ޒަޚަމުކޮށްލައިފިއެވެ.

އިސްރާއީލުގެ މީޑިއާ ބުނެފައިވާ ގޮތުގައި މި ހަތަރު މީހުން މަރާލީ ރަފްހުގައި އުޅެނިކޮށް ޙަމާސުން ދަންތުރައެއްގައި ޖައްސައިގެންނެވެ. ހަމާސް ޖަމާއަތުގެ އަސްކަރީ ގޮފިން ނެރުނު ބަޔާނެއް ބުނެފައިވާ ގޮތުގައި މި ހަތަރު މީހުން މަރާލީ ޣައްޒާގައި އިސްރާއީލުން ބޮންއަޅައި ހަލާކުކޮށްލާފައިވާ ގެއެއްގެ ތެރޭގައި އިސްރާއީލު ސިފައިން ތިއްބައި އެ ތަނުގައި ބޮމެއް ގޮއްވާލުމާ އެކު އެރި ދުންގަނޑުގެ ތެރެއިން އެ މީހުން ނުކުންނަން އުޅެނިކޮށް އެ މީހުންގެ ގަޔަށް ވަރަށް ގާތުން ބަޑިޖަހައިގެންނެވެ.

މި ދަންތުރައިގައި ޖެހިގެން އިސްރާއީލު ސިފައިންގެ ހަތަރު މީހުން މަރުވިކަމަށް އިސްރާއީލުގެ ގިނަ މިޑީއާތަކުން ބުނި ނަމަވެސް އިސްރާއީލުގެ ރަސްމީ މީޑިއާއެއް ކަމަށްވާ އިސްރާއިލު ސިފައިންގެ ރޭޑިއޯ ބުނިގޮތުގައި ހަމާސްގެ ދަންތުރާގައި މަރުވީ ތިން ސިފައިންނެވެ. އަނެއް މީހާގެ ފުރާނައަށް ނުރައްކާވާ މިންވަރަށްވަނީ ޒަޚަމުވެފައެވެ.

ހަމާސް ޖަމާއަތުން އިއްޔެ ވަނީ އެ ޖަމާއަތުގެ އަތްދަށުގައިވާ އިސްރާއީލުގެ އަސީރުންގެ ތެރެއިން މީހެއްގެ ވީޑީއޯއެއް ދައްކާފައެވެ. އެ ވީޑިއޯގައި އިސްރާއީލުގެ އަސީރު ވަނީ އެ މީހުން މިނިވަންކުރަން އިސްރާއީލުން އެއްވެސް މަސައްކަތެއް ނުކުރާކަމަށް ބުނެފައެވެ. މީގެ ބަދަލުގައި އިސްރާއީލު މަސައްކަތްކުރަނީ ހަމާސް ޖަމާއަތް ބަލިކުރުމުގެ ނަމުގައި ޣައްޒާގެ އާންމުން ވީ އެންމެ ގިނައެއްކޮށް މަރައި ޣައްޒާއަކީ މީހުން ދިރިނޫޅެވެނެ ތަނަކަށް ހެދުމަށް ކަމަށް އޭނާ ބުނެފައިވެއެވެ.

އަދި، ހަމާސް ޖަމާއަތް ބަލުކުރުމަކީ އިސްރާއީލަށް ކުރެވޭނެކަމެއް ނޫން ކަމަށާއި ޣައްޒާގެ ރައްޔިތުންގެ މިނިވަންކަމުގެ ރޫހު ވެސް ގެއްލުވާނުލެވޭނެ ކަމަށް ހަމާސްގެ ވީޑީއޯއިން ދެއްކި އިސްރާއީލުގެ އަސީރު ބުނެފައިވެއެވެ.

ބާރުގެ ބޭނުންކޮށްގެން އަސީރުން މިނިވަންކުރަން އިސްރާއީލު މަސައްކަތްކުރާތާ މިހާރު މިވަނީ އަށް މަހެވެ. ނަމަވެސް އެންމެ އަސީރަކު ވެސް ދިރިހުއްޓައި އިސްރާއީލަށް މިނިވަން ކުރެވިފައެއް ނުވެއެވެ. އަދި، އަސީރުން ބައިތިއްބާފައިވާ ތަނެއް ވެސް އިސްރާއީލަށް ހޯދިފައެއް ނުވެއެވެ.

ނަމަވެސް، ހަމާސްއާ އެކު އެއްބަސްވުމަކަށް އައިސް އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމެއްގެ ދަށުން (އިސްރާއީލުގެ އަތްދަށުގައިވާ ފަލަސްތީނުގެ އަސީރުން މިނިވަންކުރާގޮތަށް) މީގެ ފަސް މަސް ކުރިން އިސްރާއީލާއި ހަމާސްއިން ވަނީ އަސީރުން މިނިވަންކޮށްފައެވެ.

މި ޑީލްގެ ދަށުން ހަމާސްއިން ވަނީ އެ ޖަމާއަތުން ހައްޔަރުކޮށްފައިވާ އިސްރާއީލުގެ 200 އަށްވުރެ ގިނަ އަސީރުންގެ ތެރެއިން 70 ވަރަކަށް އަސީރުން މިނިވަންކޮށްފައެވެ. މީގެ ތެރޭގައި އިސްރާއީލުގެ އާންމުންނާއި ސިފައިން ހިމެނެއެވެ. މީގެ ބަދަލުގައި އިސްރާއީލުން ވަނީ އިސްރާއީލުގެ ޖަލުތަކުގައިވާ ފަލަސްތީނުގެ އެތައް ހާސް އަސީރުންގެ ތެރެއިން 700 އަށްވުރެ ގިނަ އަސީރުން މިނިވަންކޮށްފައެވެ.

އަސީރުން މިނިވަންކުރުމާ ބެހޭ ގޮތުން ގަތަރާއި މިސްރު އަދި އެމެރިކާ މެދުވެރިންގެ ބައި އަދާކުރާގޮތަށް ހަމާސްއާއި އިސްރާއީލާ ދެމެދު ނުސީދާގޮތެއްގައި ދައްކަމުން ގެންދިޔަ ވާހަކަތައް މިހާރުވަނީ ހުއްޓުމަކަށް އައިސްފައެވެ.

ހަމާސްއިން ވަނީ މި ވާހަކަތައް ދެން ފެށޭނީ އިސްރާއީލުން ޣައްޒާގެ ރަފަހަށް ދޭ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އިސްރާއީލަށް ގޮވާލައި ބައިނަލްއަގުވާމީ އިންސާފުގެ ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމުން ކަމަށް ބުނެފައެވެ. އިސްރާއީލުން ވަނީ މި އަމުރަށް ބޯލެނބުމަށް ދެކޮޅު ހަދާފައެވެ.