29 May 2024, 13:25
އިންޑިއާގެ ދިއްލީ އެއާޕޯޓުގައި އިއްޔެ އޮތް އިންޑިގޯގެ ބޯޓެއްގައި ބޮމެއް އޮތް ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން، ބޯޓުން ފަސިންޖަރުންނާއި ކުރޫ ބާލަން ޖެހިއްޖެއެވެ.
ޓައިމްސް އޮފް އިންޑިއާއިން ފުލުހުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުން، ދިއްލީގެ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓުން އުއްތަރަ ޕްރަދޭޝްގެ ވަރަނާސީއަށް އިއްޔެ ހެނދުނު ދަތުރުކުރަން އޮތް ފްލައިޓް 6އީ2211އިން މީހުން ހުސްކުރަން ޖެހުނީ ބޯޓުގެ ފާހާނާއިން ފެނުނު ނޯޓަކާ ގުޅިގެންނެވެ.
އެ ނޯޓުގައި ލިޔެފައި އޮތީ 'ބޮމް ބްލާސްޓް އެޓް 5:30' ކަމަށާއި ނޯޓު ފެނުނުކަން ރިޕޯޓުކުރީ ފަހެއް ޖަހައި އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ. އޭރު ބޯޓު އޮތީ ފުރަން ތައްޔާރުވެފައި ކަމަށާއި ނޯޓު ފެނުނީ ޕައިލެޓަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ނޯޓު ފެނުމާއެކު އެއާޕޯޓުގެ ސެކިއުރިޓީ ގައިޑްލައިނާ އެއްގޮތަށް، ބޯޓު އެހެން ސަރަހައްދަކަށް ގެންގޮސް ކުއްލި އެހީދޭ ޓީމެއް ފޮނުވި ކަމަށް ފުލުހުން ބުންޏެވެ. އެއަށްފަހު ބޯޓުގައި ތިބި 176 ފަސިންޖަރުންނާއި ކުރޫ މެންބަރުން އެމާޖެންސީ އެގްޒިޓްތަކުން ބޭލިއެވެ.
ބިރުގަނެފައިވާ ފަސިންޖަރުން ބޯޓުން ފައިބާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައިވެއެވެ.
މީހުން ރައްކާތެރި ސަރަހައްދަކަށް ގެންދިޔުމަށް ފަހު ބެލިބެލުމުން ޝައްކު ކުރެވޭ އެއްވެސް އެއްޗެއް ނުފެންނަ ކަމަށް ފުލުހުން ބުންޏެވެ.
"އެ މައްސަލަ އިތުރު ތަހުގީގުކުރަމުން މިދަނީ،" ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވިއެވެ.
ދިއްލީގެ ފަޔާ ސާވިސްގެ އޮފިޝަލަކު އެންޑީޓީވީ ނޫހަށް މައުލޫމާތު ދިން ގޮތުގައި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވެއެވެ.
އެ މައްސަލައާ ގުޅޭ ގޮތުން އިންޑިގޯއިން ނެރުނު ބަޔާނެއްގައި ވަނީ އެ ބޯޓުގައި ތިބި ފަސިންޖަރުންނަށް އިއްޔެ އެހެން ބޯޓެއް ހަމަޖައްސައި، 11:10ގައި އެ ބޯޓު ފުރައިފައިވާ ކަމަށް ބުނެފައެވެ.