ޔަހޫދީ އިޒްރޭލުން ފަލަސްތީނުގައި ހިންގާ ގަތުލުއާންމާ ގުޅިގެން، ފަލަސްތީނަށް ނަސްރު ދެއްވުންއެދި ރާއްޖޭގެ ހުރިހާ މިސްކިތެއްގައި އަނެއްކާ ވެސް ގުނޫތު ނާޒިލާ ކިޔަން ފަށަން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ގުނޫތު ކިޔާނީ ދެ ނަމާދެއްގެ ފަހުން ކަމަށެވެ. އެއީ މަޣުރިބް ނަމާދާއި ފަތިސް ނަމާދެވެ.

މިނިސްޓަރުގެ ޕޯސްޓުގައި ވަނީ، މުސްލިމުންނަކީ އެއް ހަށިގަނޑެއްކަމަށާއި އިސްލާމީ އުންމަތަށް ދިމާވެފައިވާ ހިތްދަތި މިވަގުތަކީ އިޚުލާސްތެރިކަމާއެކު ދުޢާކުރަންވީ ވަގުތު ކަމަށެވެ.

އިޒްރޭލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން، ގުނޫތު ނާޒިލާ ކިޔަން ފުރަތަމަ ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. ނަމަވެސް މިއަހަރު ފެބްރުއަރީ މަހު ވަނީ ގުނޫތު ކިޔުން ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާ ދޭންފެށި ފަހުން، އެ ގައުމުގެ ރައްޔިތުންނަށް ރައްކާތެރި ތަނެއް ކަމަށް ދައްކާ މިސްރުގެ ބޯޑަރު ކައިރީ އޮންނަ ރަފަހަށް ވަނީ ގިނަ އަދަދެއްގެ މީހުން ފޮނުވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުންނެވެ.

ޣައްޒާގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ ގާތްގަނޑަކަށް 1.4 މިލިއަން ރެފިއުޖީން ރަފަހްގައި ތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނަމަވެސް، ރަފަހާއި މިސްރާ ދެމެދު އޮންނަ ބޯޑަރު ސަރަހައްދު ބަންދުކޮށް، އިސްރާއީލުން އަންނަނީ މި މަހުގެ ހަޔަކުން ފެށިގެން ރަފަހަށް ވަރުގަދަ ހަމަލާތައް ދެމުންނެވެ.

މި ހަމަލާތަކުގެ ޝިކާރައަކަށް ވެފައި ވަނީ ގިނަ އަދަދެއްގެ ކުޑަކުދިންނެވެ. އަދި ރަފަހުގައި ރެފިއުޖީން ޖަހާފައިވާ ޓެންޓުތައް އަންދާ ރަފަހުގައި ތިބި އެތައް ބައެއްގެ ގެދޮރު އިޒްރޭލުން ދަނީ ހަލާކު ކުރަމުންނެވެ.

މީގެ އިތުރުން، ރަފަހުގެ ބޯޑަރުތައް ބަންދުކޮށް، ފަލަސްތީނަށް ކާނާއާއި އެހީ ލިބޭނެ މަގުތައް ވެސް އިޒްރޭލުން ވަނީ ބަންދުކޮށްފައެވެ.

އެ ހަމަލާތައް ހުއްޓާލަން ބައިނަލްއަގުވާމީ މުޖުތަމައުން ގޮވާލަމުންދާއިރު އިސްރާއީލުން ވަނީ އެކަމަށް ދެކޮޅު ހަދައިފައެވެ. އެގޮތުން އައިސީޖޭއިން ބުނެފައިވާ ގޮތަށް އިސްރާއިލުން ގަތުލްއާންމެއް ނުހިންގާ ކަމަށާއި އެހެންކަމުން އަމުރަށް ތަބާވާން ނުޖެހޭ ކަމަށް އިސްރާއީލުން ބުނެފައިވެއެވެ.