ދާދި ފަހުން ސަލްމާން ޚާން އިއުލާނުކުރި ފިލްމު "ސިކަންދަރު"ގެ ވަރަށް ޚާއްސަ ރޯލަކަށް މަޝްހޫރު "ބާހޫބަލީ"ގެ ކަޓައްޕާގެ ރޯލް ކުޅުނު ތަރި ސަތިއަރާޖް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

އަންނަ މަހު ޝޫޓިންގް ފަށަން ތައްޔާރުވަމުން އަންނަ "ސިކަންދަރު"ގައި ސަތިއަރާޖް ފެންނާނީ ވަރަށް ނުފޫޒު ގަދަ ނުބައިބައި މީހެއްގެ ގޮތުގައެވެ. ޑައިރެކްޓަރު އޭއާރު މުރުގާދޯސްގެ މި ފިލްމަކީ، ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ ފިލްމު ކުންފުނިން ގެނެސްދޭ ފިލްމެކެވެ.

ބަތަލާ ރަޝްމިކާ މަންދަންނާ ވެސް މުހިއްމު ރޯލެއް ކުޅޭ މި ފިލްމުން ސަތިއަރާޖް (ކަޓައްޕާ) ފެންނާނެކަން އިއުލާނުކުރުމާ އެކު ވަރަށް ގިނަ ބަޔަކު ވަނީ ފިލްމަށް އިންތިޒާރުކުރާ ކަމަށް ބުނެފައެވެ.

ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން އަދި ސަތިއަރާޖް--ފޮޓޯ/ދައިންޑިއަންއެކްސްޕްރެސް
ސައިތު ސިނަމާގެ ޑައިރެކްޓަރު އެސްއެސް ރާޖާމޮލީގެ ފިލްމު "ބަހޫބާލީ"ގެ ދެ ބައިން ވެސް އެކްޓަރު ސައިތިއަރާޖްއަށް ވަނީ ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިފައެވެ. ސަތިއަރާޖް މިހާތަނަށް ބޮޑަށް ފެނިފައިވަނީ ސައުތު ސިނަމާގެ ފިލްމުތަކުން ނަމަވެސް ބައެއް ހިންދީ ފިލްމުތަކުގައި ވަނީ މަސައްކަތްކޮށްފައެވެ. އޭގެ ތެރޭގައި، 2013ވަނަ އަހަރު ރިލީޒްކުރި ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފިލްމު "ޗެންނާއި އެކްސްޕްރެސް" ހިމެނެއެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ޖޫން މަހުގެ ހަތްވަނަ ދުވަހު ރިލީޒްކުރާ ބޮލީވުޑްގެ ހޮރޯ ކޮމެޑީ ފިލްމު "މުންޖިއާ"ގެ ވެސް ވަރަށް މުހިއްމު ރޯލަކުން ސައިތިއަރާޖް ފެންނާނެއެވެ.

މީގެ ފަސް އަހަރު ކުރިން ސަލްމާން ޚާނާ އެކު ފަށަން ނިންމި "ސިކަންދަރު" ބެލުންތެރިންނާ ހަމައަށް އަންނާނީ ކުރިއަށް އޮތް 2025ވަނަ އަހަރުގެ ފިތުރު އީދުގައެވެ. މުޅިއެކު 48 މިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓަކުން އުފައްދާ މި ފިލްމަކީ މިހާތަނަށް ސާޖިދު ނަދިއަދުވާލާގެ ފިލްމު ކުންފުނިން އެހާ ބޮޑު ބަޖެޓަކުން އުފައްދާ އެންމެ ބޮޑު ފިލްމެވެ.