ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރާއްޖޭގައި ޚިދުމަތް ދިނުމަށް ބޭނުންކުރާ އޭޓީއެމްތަކުގެ އަދަދު މިހާރު 142އަށް އިތުރުކޮށްފައިވާ ކަމަށާއި މިއަހަރު އިތުރު 57 އޭޓީއެމް ބަހައްޓާނެ ކަމަށް ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ މިރޭ ވިދާޅުވެއްޖެއެވެ.

ސްޓުމްކަ ވިދާޅުވީ ރާއްޖޭގެ އާބާދީ ބެހިފައިވާ ގޮތަށް ބަލާއިރު، ނަގުދު ފައިސާއިން މުއާމަލާތް ކުރާ މިންވަރު މަދުކުރުމަކީ އޭނާ ހިތްވަރުދެއްވާ ކަމެއް ކަމަށާއި އެއީ ބޭންކުން ދިގު މުއްދަތަކަށް ގެންނަ ބަދަލުތަކުގެ ސްޓްރެޓެޖީގައި ވެސް ހިމެނޭ ކަމެއް ކަމަށެވެ.

އެ އަމާޒަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދިވެހިންނަށް މިވަގުތު ބޭނުންވާ ގޮތްތައް ދެނެގަނެ، ބޭންކުގެ އޭޓީއެމް ޚިދުމަތް ފުޅާކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހި ހިމެނޭ ގޮތަށް ހަތް ރަށަކަށް ޚިދުމަތް ފުޅާކޮށްފައިވާ ކަމަށާއި އެއާއެކު ރާއްޖޭގައި ހުރި ބީއެމްއެލްގެ އޭޓީއެމްގެ އަދަދު 142އަށް އަރާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑު: ބީއެމްއެލްއިން ޔުއާންއާއި ދިރުހަމުން މުއާމަލާތް ކުރެވޭ ގޮތް ހަދަން މަސައްކަތް ފަށައިފައިވާ ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ ނާއިޝް ނާހިދު

އެއީ ރާއްޖޭގައި ޚިދުމަތްދޭ އޭޓީއެމްތަކުގެ ތެރެއިން 75 ޕަސެންޓުކަން ވެސް ސްޓުމްކަ ފާހަގަކުރެއްވިއެވެ.

"މި ވިއުގަ އިތުރަށް ފުޅާކުރުމަށްޓާކައި، މިއަހަރު ތެރޭ ރަށްރަށުގައި އިތުރު 57 އޭޓީއެމް ބެހެއްޓުމަށް އަޅުގަނޑުމެން ވަނީ ނިންމާފައި،" އޭނާ ވިދާޅުވިއެވެ.

ސްޓުމްކަ ވަނީ މިދިޔަ އަހަރަކީ ބޭންކުގެ ސާފު ފައިދާ އެންމެ ބޮޑު އަހަރުކަން ފާހަގަކުރައްވައި، ބީއެމްއެލްގެ ކަސްޓަމަރުންނަށް ޝުކުރުއަދާކުރައްވައިފައެވެ.

ހަމައެއާއެކު، ބީއެމްއެލްއިން ޗައިނާގެ ޔުއާންއާއި ޔޫއޭއީގެ ދިރުހަމްއިން މުއާމަލާތް ކުރެވޭ ގޮތް ހެދުމުގެ މަސައްކަތް ފަށައިފައިވާކަން އޭނާ އިއުލާން ކުރެއްވިއެވެ.