14 Jun 2012, 17:28
ފުލުހުނޭ ކިއައިގެން ރާއްޖެ ޓީވީ އިން ދޮގު ހަބަރުތަކެއް ފެތުރިކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް އެދި ފުލުހުން ބްރޯޑްކާސްޓިން ކޮމިޝަނަށް މިއަދު ހުށައަޅައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގެ ކުރީގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ހަމީދު ފުލުހުން އިއްޔެ ހައްޔަރުކުރި ކަމަށް ބުނެ އަދި ފުލުހުންގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒުގެ އިސްތިއުފާ އަށް ގޮވާފައިވާ ކަމަށް ބުނެ ރާއްޖެ ޓީވީން ފެތުރީ ދޮގު ހަބަރެއް ކަމަށާއި އެ މައްސަލަ ބަލައިދިނުމަށް އެދި ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށައަޅައިފައިވާ ކަމަށެވެ.
\\\"އަޅުގަނޑުމެން އެ މައްސަލަ ހުށައެޅީ އަޅުގަނޑުމެންގެ ބަހެއް ނުހިމަނާ އެފަދަ ދޮގު ހަބަރެއް ފަތުރާފައި ވާތީ،\\\" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާލުވި އެވެ.
ފުލުހުން ބުނީ ފުލުހުންގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒުގެ އިސްތިއުފާ އަށް ނުގޮވާ ކަމަށާއި އަދި ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގެ ކުރީގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ހަމީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މިއަދު ކަމަށެވެ.
އިއްޔެ ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުންކޮށް ރައްޔިތުންނަށް ކަމުގެ އަސްލު އޮޅޭ ގޮތަށް މައުލޫމާތު ނުފެތުރުމަށާއި އެފަދަ މައުލޫމާތުތައް އާއްމު ކުރުމުގެ ކުރިން ފުލުހުންގެ މުއައްސަސާއާ ގުޅައި އެފަދަ މަޢުލޫމާތުތައް ކަށަވަރު ކުރުމަށް އެދޭ ކަމަށެވެ. އަދި ޚަބަރު ފަތުރާ ބައެއް ވަސީލަތްތައް މެދުވެރިކޮށް ފަތުރަމުންދާ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކުގެ ސަބަބުން ފުލުހުންގެ ދައުރު އަދާކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުން ދާތީ އެފަދަ ކަންކަން ނުކުރުމަށް ފުލުހުންގެ ބަޔާނުގައި އިލްތިމާސްކޮށްފައިވެ އެވެ.