14 Jun 2012, 17:00
ރާއްޖޭގެ ދާހިލީ ހަމަޖެހުން ނަގާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ، ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގެ ކުރީގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ހަމީދުގެ ބަންދުގެ މުއްދަތު ފަސް ދުވަހަށް ކޯޓުން ޖަހައިދީފި އެވެ.
ހަމީދުގެ މައްޗަށް ފުލުހުން އުފުލާފައިވާ ތުހުމަތާ ގުޅިގެން އޭނާގެ ބަންދުގެ މުއްދަތު ފަސް ދުވަހަށް ޖަހައިދިނީ، އޭނާގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ކޯޓަށް ފެންނާތީ ކަމަށް ސަން އަށް އެނގިފައިވެ އެވެ.
ހަމީދު ކޯޓަށް ގެންދިޔަ އިރު އޭނާގެ އާއިލާގެ މީހުންނާއި އެމްޑީޕީގެ ސަޕޯޓަރުން ވަނީ އެ ސަރަހައްދަށް އެއްވެ މުޒާހަރާކޮށްފަ އެވެ. ނަމަވެސް އެއްވެސް ހަަމަނުޖެހުމެއް ހިނގާފައިނުވެ އެވެ.
ހަމީދު ހައްޔަރުކޮށްފައި ވަނީ އޭނާ ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެ ހުންނެވި އިރު، ފުލުހުންގެ ބޭނުމަށް އެއްކޮށްފައިވާ މުހިއްމު މައުލޫމާތާއި ގައުމީ ސަލާމަތާ ގުޅުން ހުރި މުހިއްމު މައުލޫމާތުތަކުގެ އިތުރުން ހަގީގަތެއް ނެތް ދޮގު މައުލޫމާތުތަކެއް އެހެން ބަޔަކަށް މަންފާ ކުރަނިވި ގޮތަކަށް ފޯރުކޮށްދިން ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ގައުމީ ސަލާމަތަށް ނުރައްކާތެރިވެ، ފުލުހުންނާއި ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދިދާނެ ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް އޭނާގެ މައްޗަށް ތުހުމަތު ކޮށްފައިވާ އިރު ފުލުހުން ބުނީ އޭނާ ކޮށްފައިވާ ކަންތައްތަކަކީ ފުލުހުންގެ ގާނޫނާ ޚިލާފަށް ކޮށްފައިވާ ކަންތައްތަކެއް ކަމަށެވެ.
ފުލުހުން ބުނީ ހަމީދުގެ ތަހުގީގު ކުރިޔަށްދާ ވަރަކަށް އެ ކަމާ ގުޅޭ އިތުރު މައުލޫމާތު މީޑިއާތަކަށާއި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ.