ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)ގައި 13 މެންބަރުން އަދި މަޖިލީހުގެ ދެން ހުރި ދާއިމީ ކޮމިޓީތަކުގައި 11 މެންބަރުން ހިމަނަން މިއަދު އޮތް ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފުރަތަމަ ޖަލްސާގައި މިއަދު ފާސްކޮށްފިއެވެ.

އާ މަޖިލީސް ހުވާކުރެއްވުމަށް ފަހު، މިއަދު ބޭއްވި ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވައިލުމާ ގުޅޭ ގޮތުން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވަނީ މައްސަލައެއް ހުށަހަޅާފައެވެ.

ފަލާހުގެ ހުށަހެޅުއްވުން ފާސްކުރީ މަޖިލީހުގެ 88 މެންބަރުންގެ ވޯޓުންނެވެ. އެ ހުށަހެޅުން ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދީފައެއް ނުވެއެވެ.

ފަލާހުގެ ހުށަހެޅުމުގައި ކޮމިޓީތަކުގައި ހިމެނޭ މެންބަރުންގެ ނަންތައް ފާސްކުރުމެއް މިއަދު ނެތެވެ.

ހަމައެއާ އެކު 20ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ފާސްވަންދެން، ނިމިދިޔަ 19ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އަމަލުކުރުމަށް މިއަދުގެ ޖަލްސާގައި ފާސްކޮށްފައިވެއެވެ.

މެންބަރު ފަލާހު ހުށަހެޅުއްވި މި ހުށަހެޅުން މަޖިލީހުގެ 90 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

އާ މަޖިލީސް ހުވާކުރެއްވުމަށް ފަހު، މިއަދު ވަނީ އާ މަޖިލީހުގެ ރައީސް ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި، ނައިބު ރައީސް ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އިންތިޚާބުކޮށްފައެވެ.

މި ހުށަހެޅުމާ އެކު އަންނަ ހަފުތާގެ ހޯމަ ދުވަހު 20 ވަނަ މަޖިލީހުގެ ދެވަނަ ޖަލްސާ ބާއްވާނެއެވެ.

މި ފެށިގެން ދިޔަ 20 ވަނަ މަޖިލީހުގައި 93 މެންބަރުން ތިބިއިރު މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބިފައިވަނީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށެވެ.