14 Jun 2012, 16:44
ބޮޑެތި ޒަހަމްތަކަކާ އެކު މަރާލާފައި އޮއްވައި ފެނުނު ހއ. ހޯރަފުށީ ނޫރީގެ މުހައްމަދު އަރުހަމް، 16،ގެ މަރާ ގުޅިގެން ފުލުހުން ހަ ވަނަ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، އެ މައްސަލައާ ގުޅިގެން މިއަދު ހައްޔަރު ކުރީ، 18 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ ހައްޔަރުކޮށްފައި ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ކަމަށެވެ. އަދި ވިދާޅުވީ މަރުގެ އެފަދަ ހުރިހާ މައްސަަލައެއް ވެސް ފުލުހުން ވަރަށް ސީރިއަސް މައްސަލައެެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.
ދަރުމަވަންތަ ސްކޫލްގެ ގްރޭޑް ނުވައެއްގައި ކިޔަވަމުން ދިޔަ އަރުހަމްގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ފުލުހުން އިއްޔެ މެންދުރު ވެސް މީހަކު ހައްޔަރުކޮށްފައިވާ އިރު މިހާތަނަށް އެ މައްސަލައިގެ ތުހުމަތުގައި އެކިފަހަރު މަތީން ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ކުއްލިއްޔާގެ އިރަށް އޮންނަ ދޮންހުރާ ގޯޅީގައި އޮންނަ \\\"ލޮރެންޒޯ\\\" ޕާކް ތެރޭގައި މިދިޔަ މަހު އަރުހަމް މަރާލާފައި އޮއްވައި ފެނުނުއިރު އޭނާގެ ހަށިގަނޑުގެ ހަ ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަނީ ޒަހަމްކޮށްލައިފަ އެވެ.