14 Jun 2012, 16:12
ފުލުހުންގެ އިންޓެލިޖެންސްގެ ޑިޕާޓްމަންޓުގެ ކުރީގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ހަމީދު ހައްޔަރުކޮށްފައި ވަނީ ރާއްޖޭގެ ދާހިލީ ހަމަޖެހުން ނަގާލުމުގައި ބައިވެރިވެފައިވާތީ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނެފައި ވަނީ މުހައްމަދު ހަމީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެ ހުންނެވި އިރު، ފުލުހުންގެ ބޭނުމަށް އެއްކޮށްފައިވާ މުހިއްމު މައުލޫމާތާއި ގައުމީ ސަލާމަތާ ގުޅުންހުރި މުހިއްމު މައުލޫމާތުތަކުގެ އިތުރުން ހަގީގަތެއް ނެތް ދޮގު މައުލޫމާތުތަކެއް އެހެން ބަޔަކަށް މަންފާ ކުރަނިވި ގޮތަކަށް ފޯރުކޮށްދިން ކަމުގެ ތުހުމަތުގައި ކަމަށެވެ.
އޭގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާތެރިވެ ފުލުހުންނާއި ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދިދާނެ ގޮތަކަށް އަމަލުކޮށްފައިވާ ކަމަށާއި ފުލުހެއްގެ ގޮތުގައި ހުރެ އެފަދަ ގޮތަކަށް އަމަލު ކުރުމަކީ ފުލުހުންގެ ޤާނޫނާއި ހިލާފު ކަމެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ހަމީދުގެ ތަހުގީގު ކުރިޔަށްދާ ވަރަކަށް މިކަމާއިގުޅޭ އިތުރު މައުލޫމާތު މީޑިއާގެ ފަރާތް ތަކަށާއި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ.