28 May 2024, 06:43
ކޮންމެ އަހަރަކު އެއް ފަހަރު ފްރާންސްގައި ބާއްވާ ކާންސް ފިލްމު ފެސްޓިވަލުގައި ފިލްމީ މަސައްކަތްތަކާ އެއްވެސް ގުޅުމެއް ނޯންނަ މީހުން ބައިވެރިވާތީ ބަތަލާ ހުމާ ގުރެއިޝީ ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
ހުމާގެ ފާޑުކިޔުންތައް ރައްދުކޮށްފައިވަނީ ކޮންމެ އަހަރަކު ވެސް ކާންސްގައި ބައިވެރިވިކުރުވާ ބައެއް ބްރޭންޑްތަކަށާއި ބައެއް ކުންފުނިތަކަށެވެ.
އަމިއްލަ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި 37 އަހަރުގެ ބަތަލާ ބުނެފައިވަނީ، ކާންސް ފެސްޓިވަލަކީ ފިލްމު ފެސްޓިވަލްއެއް ކަމަށާއި އެ ފެސްޓިވަލުގެ ބޭނުމަކީ ފިލްމީ ދާއިރާގެ ފަންނާނުން ކުރާ މަސައްކަތުގެ އަގުވަޒަން ކުރުން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
ކާންސް ފިލްމު ފެސްޓިވަލުގައި ބައިވެރިވާ ބްރޭންޑްތަކާއި ކުންފުނިތަކުން ކާންސަށް ކުރާ މިލިއަން ޑޮލަރުގެ ހަރަދުތައް ކުރު ފިލްމުތަކަށް ހަރަދު ކުރާނަމަ އުފެއްދުންތެރި މޮޅެތި ފިލްމުތަކެއް ފެސްޓިވަލުން ފެނުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް "ގޭންގްސް އޮފް ވަސޭޕޫރު"ގެ ބަތަލާ ވަނީ ބުނެފައެވެ.

ބަތަލާ ހުމާ ގުރޭޝީ ކާންސް ފިލްމު ފެސްޓިވަލް 2019ގައި--ފޮޓޯ/ކޮއިމޮއި
މި އަހަރުގެ ކާންސް ފެސްޓިވަލުގައި އިންޑިއާއަށް ނިސްބަތްވާ ގިނަ ފަންނާނުންތަކަށް ލިބުނު ކާމިޔާބީއާ ގުޅިގެން ހުމާ ވަނީ އެ ފަންނާނުންނަށް މަރުހަބާ ކިޔާފައެވެ.
މި އަހަރުގެ ކާންސް ފެސްޓިވަލުގައި ބައިވެރިވި މަގުބޫލު އިންޑިއާ ފިލްމީ ތަރިންގެ ތެރޭ އައިޝްވާރްޔާ ރާއި، ކިއާރާ އަދްވާނީ، ޖެކްލީން ފެނާންޑޭޒް، ޕްރިތީ ޒިންތާ އަދި އަދިތީ ރޯއި ހައިދަރް ހިމެނެއެވެ. ހުމާ އެންމެ ފުރަތަމަ ކާންސް ފިލްމު ފެސްޓިވަލުގައި ބައިވެރިވެފައި ވަނީ 2012ވަނަ އަހަރުއެވެ. ކާންސްގެ ރެޑް ކާޕެޓުގައި އެ އަހަރު ހުމާ ބައިވެރިވީ ބަތަލާ ބޮލީވުޑަށް ތަޢާރަފުވި ފިލްމު "ގޭންގްސް އޮފް ވަސޭޕޫރު" ޕްރިމިއާކުރުމަށެވެ.