28 May 2024, 01:06
އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ ގައުމުތަކަކީ ސައިޒުން ކުޑަ ގައުމުތަކެއް ނަމަވެސް، ވިލުންތެރިކަމުގެ މިސާލު ދައްކައިފި ކަމަށާއި ނަމަވެސް އަދިވެސް ކުރަން ޖެހޭ މަސައްކަތްތައް ހުރި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ސިޑްސްގެ ހަތަރުވަނަ ކޮންފަރެންސްގެ ހަވާސާގައި ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް (ސީއެސްއާރުއައި)އާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމެއްގައި ދެއްވި ކީނޯޓު ތަގުރީރުގައެވެ.
އެމަނިކުފާނު ވިދާޅުވިީ، ސިޑްސްއިން ވިލުންވެރިކަމުގައި ދުނިޔެއަށް ފާހަގަކުރެވޭ ފަދަ އަޒުމެއް ދައްކައިފި ކަމަށެވެ. ނަމަވެސް މޫސުމަށް އަންނަ ބަދަލުތަކުން ދިމާވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުތަކުން ބޮޑެތި ފިޔަވަޅުތަކެއް އަދިވެސް އަޅަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ބަޔާނުގައި ފާހަގަކުރެއްވި ގޮތުގައި ސީއެސްއާރުއައި އިނިޝިއޭޓިވްއަކީ ސިޑްސް އާއި އެހެން ގައުމުތައް ގުޅުވައިދޭ އިނީޝިއޭޓިވްއެކެވެ. އެހެންކަމުން އެ ހަރަކާތުގެ ބޭނުން ހިފައި، މޫސުމަށް އަންނަ ބަދަލުތަކުން ޖަޒީރާ ގައުމުތަކަށް ދިމާވާ މައްސަލަތައް ހައްލުކުރަން ވަށައިޖެހޭ ގޮތްތައް ހޯދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، ބޮޑެތި މައްސަލަތަކަށް ހަގީގީ ދާއިމީ ހައްލުތައް ގެނެސްދޭ އިނީޝިއޭޓިވްތަކާއި ސިޑްސްގެ މުސްތަގުބަލް ރައްކާތެރިކުރުމަށް އެހީތެރިވެދޭނެ އިނީޝިއޭޓިވްތަކަށް އެއްބާރުލުން ދިނުމަށް ހިތްވަރު ދެއްވަމުންނެވެ.
ރައީސް މިރޭ ވަނީ ސިޑްސްގެ ހަތަރުވަނަ މަހާސިންތާގައި ރާއްޖޭގެ ފަރާތުން ބަޔާން ވެސް އިއްވަވާފައެވެ.
އެ ބަޔާނުގައި އެ މަނިކުފާނުވަނީ ބައިނަލްއަގުވާމީ ގޮތުން ބާރުވެރިވުމަށް ޓަކައި އދ.ގެ ސަލާމަތީ މަޖިލީހަށް ރާއްޖެއިން ކުރިމަތިލާނެ ކަމަށް ވިދާޅުވެފައެވެ. އެއީ ސިޑްސްގެ އަޑު އިއްވުމަށް ޓަކައި ކުރަން ޖެހޭ ކަމެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ.